ދުނިޔެ

ސީރިއާގެ އާންމުން ގޫގްލްގައި އެންމެ ގިނައިން ހޯދަނީ ކޮން ވާހަކައެއް؟

Sep 30, 2015

"ޖަރުމަނަށް ހިޖުރަކުރާނީ ކިހިނެތް؟"

"ޖަރުމަނުން ހިމާޔަތް ހޯދާނީ ކިހިނެތް؟"

ޔޫރަޕްގެ މެޕް އަރަބިން ދައްކަބަލަ"

"ސީރިއާގެ ރެޑް ކްރޮސް"

ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ތާށިވެފައި ތިބި އެގައުމުގެ އާންމުން ނުވަތަ ރެފިއުޖީންގެ ގޮތުގައި އެހެން މީހުންގެ އެހީ ބޭނުންވެފައި ތިބި އެގައުމުގެ އާންމުންގެ ތެރެއިން އޮންލައިން ކޮމިއުނިޓީގައި ހަރަކާތްތެރިވާ މީހުން އެންމެ ގަދަ އަށް ގޫގްލްގައި ސާޗުކުރަމުންދާ ވާހަކަތަކަކީ މިއީ އެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިއާ ސުންނާފަތިވަމުން އަންނައިރު އެގައުމުގެ އެންމެން ވެސް އެ ދަނީ އެހީ އަށް އެދެމުންނެވެ. އޮންލައިންވެގެން ވެސް އެ ބަލަނީ ދާޚިލީ ހަނގުރާމައިގެ ވިލާގަނޑުން ސަލާމަތްވާނެ ގޮތެކެވެ.

ސީރިއާގެ މީހުން މި ދުވަސްކޮޅު ގޫގްލް ގައި އެންމެ ގަދަ އަށް ސާޗުކުރާ ޓާމްސްތައް ހޯދާފައި ވަނީ އަލްޖަޒީރާ ޕްލަސް އިން ގޫގްލްގައި އެދިގެންނެވެ. އަލް ޖަޒީރާ އިން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ސީރިއާގެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ޖަރުމަނަށް އެތެރެވާނެ ގޮތަކާ ބެހޭ މައުލޫމާތު ގޫގްލް މެދުވެރިކޮށް ހޯދައި އެއްކުރަމުންގެންދާއިރު ޔޫރަޕުން އެމީހުން ދާން ބޭނުންވާ ގައުމުތަކާ ސީރިއާއާ ދެމެދު ހުރި ދުރުމިނާއި އެހެނިހެން ތަފާސް ހިސާބުތައް ވެސް އެއްކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން އެންމެ އަވަހަށް ފަރުވާ ލިބޭނެ ހޮސްޕިޓަލަކަށް އެންމެ އަވަހަށް ދެވޭނެ ގޮތާއި ސީރިއާގެ ރެޑް ކޮރޮސްގެ މެމްބަރުންނާ މުއާމަލާތުކުރެވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ގޫގްލް މެދުވެރިކޮށް ހޯދުމަކީ ސީރިއާގެ އާންމުންގެ އާދައަކަށް ވެފައިވާ ކަމަށެވެ.

ހަންގޭރީ އަށް ސީރިއާގެ ރެފިއުޖީން އެތެރެވުން މަނާކޮށްފައިވާތީ އެގައުމާ ބެހޭ ފަހުގެ ޚަބަރުތަކަށް ވެސް ގޫގްލް މެދުވެރިކޮށް ސީރިއާގެ އާންމުން ޝައުގުވެރިވާ ކަމަށް ރިޕޯޓްގައިވެ އެވެ.