ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އިންޑޮނޭޝިއާ މީހާ މަރުވީ ކެންސަރު ބަލީގައި

އައިޖީއެމް ހޮސްޕިޓަލްގައި މިރޭ މަރުވި އިންޑޮނޭޝިއާ މީހާ މަރުވީ ކެންސަރު ބަލީގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އެންމެ ފުރަތަމަ ބުނީ ކޮވިޑް ޖެހިގެން އިންޑޮނޭޝިއާ މީހެއް މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 39 އަހަރުގެ މީހެކެވެ. އެ މީހާއަކީ ރާއްޖެއިން ކޮވިޑްގައި މަރުވި 11 ވަނަ މީހާ ކަމަށް އެޗްޕީއޭގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

ނަމަވެސް އެ ޓްވީޓް ފަހުން ވަނީ ޑިލީޓްކޮށްފައެވެ. އެއަށްފަހު އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޑޮނޭޝިއާ މީހާއަކީ ކެންސަރު ބަލީގައި މަރުވި މީހެއް ކަމަށެވެ. އަދި އެއީ ކޮވިޑްގެ ކޭސްއެއްގެ ގޮތުގައި މިހާރު ނުބަލާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 10 އެކެވެ.

ރޭވެސް ކޮވިޑްގައި މީހަކު މަރުވިއެވެ. ރޭ މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ކޮވިޑް ޖެހުނު އުމުރުން 80 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ބަލިން ރަނގަޅުވީ ފަހުންނެވެ. އޭނާއަކީ ބަނޑުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.