ވިޔަފާރި

ކުޑަހުވަދޫ އެއާޕޯޓުގައި ފްލައިން ސްކޫލެއް ހަދަނީ

Jul 3, 2020

ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގައި ފްލައިން ސްކޫލެއް އަޅަން، ހުއްދައަށް އެދިފައިވާނެ ކަމަށް ދާލު އެއާޕޯޓުން ބުނެފި އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން އެއާލައިންސްތަކާއި ވައިގެ ދަތުރު ފަތުރުގެ ދާއިރާ އަށް ހާއްސަކޮށްގެން ބޭއްވި ވެބިނާގައިމ ދ. ކުޑަހުވަދޫގައި ހިންގާ ދ. އެއާޕޯޓް ބަލަހައްޓާ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީމް ވިދާޅުވީ އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ ދިވެހިންނަށް ވަޒީފާ ހޯދައި ދިނުން ކަމަށެވެ. އެކަމަށްޓަކައި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ދިވެހިން ތަމްރީން ކުރަން ސްކޫލެއް އަޅަން ސަރުކާރުގައި ހުއްދަ އަށް އެދިފައިވާނެ ކަމަށެވެ.

"ޒުވާނުން ނެރެން ޓްރޭނިން ސްކޫލެއް އަޅަނީ ދ. އެއާޕޯޓުގަ. ބޭނުން ވަނީވައިގެ ދަތުރު ފަތުރުގެ ދާއިރާ އަށް ބޭނުންވާ ވަރަށް ލޯކަލް ޓެލެންޓް ހޯދުން. އޭވިއޭޝަން އިންޑަސްޓްރީއަކީ ރަނގަޅު މުސާރައެއް ލިބޭ ސިނާއަތެއް. އެހެންވެ ސްކޫލް ނިންމާ ގޮތަށް 10 ނޫނީ 12 ނިންމާފައި އައިސް ތަމްރީންވެ، ވަޒީފާ އަށް ނުކުމެވޭ ގޮތަށް ތައްޔާރު ކުރެވޭނެ. ހުއްދަ ލިބުނުހާ އަވަހަށް މަސައްކަތް ފެށޭނ،" މަންޓާ އެއާގެ ވެސް ސީއީއޯ ހަލީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދ. ކުޑަހުވަދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. ހަލީލް ވިދާޅުވީ ދ. އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކޮށްފައިވަނީ އިންޓަނޭޝަނަލް ކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ދ. އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ހަމައެކަނި ޖެހެނީ ހުއްދަތައް ނަގައި ފެށުމަށް ކުރަން ޖެހޭނީ ކުޑަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫ ފަޅުން ބައެއް ހިއްކައި ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ ދ. އެއާޕޯޓުގައި 1،800 މީޓަރުގެ ދިގު ރަންވޭއެއް ވަނީ އަޅާފައިވެ އެވެ. އެ އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއަކާ ވެސް އެކުގަ އެވެ. މީގެ އިތުރުން މި އެއާޕޯޓުގައި އެހެނިހެން ވަސީލަތްތައް ވެސް އެންމެ ފުރިހަމަ އެއް އެއާޕޯޓެވެ.