ހަބަރު

ބޮޑުފިނޮޅު: 19 ބިދޭސީއެއް ހައްޔަރުކޮށްފި

ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލާގައި 19 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓާއި ތަހުގީގީ ޓީމް އެ ރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ދެންމެއަކު އެ މީހުން ގޮވައިގެން ފުލުހުންގެ ލޯންޗު ވަނީ ތުޅާދޫއަށް ކައިރިކޮށްފަ އެވެ. އަދި އެމީހުން އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފި އެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސްވެފައިވާތީ އެވެ. އަދި ދިވެހިން ސަލާމާތް ކުރަން ރޭ ފުލުހުންގެ ޓީމެއް އެ ރަށަށް އެރުމުން ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފަ އެވެ.

އެގޮތުން ފުލުހުންނާ ދިމާލަށް އޮއްގާލާއި ދަގަނޑު ފަދަތަކެތި އުކާފައިވާއިރު އެއް ފުލުހެއްގެ ބޯ ވަނީ ފަޅާލައިފަ އެވެ. އަފި އެހެން ފުލުހެއްގެ އިނގިއްޔެއް ބިންދައިގެން ވެސް ދިޔަ އެވެ.

މިއަދު ހެނދުނު އެ މީހުންނާ ކުރިމަތިލާން ތައްޔާރަށް ފުލުހުންގެ ޓީމުން ބޮޑުފިނޮޅށް އެރިއިރު އެމީހުން ތިބީ އަމާން ދީގެނެވެ. އެކަމުގައި އިސްކޮށްނއުޅުން ބައެއް ބިދޭސީން ކުރިޔަށް ނިކުމެ މަޝްވަރާކުރި އެވެ. އެ އޮޕަރޭޝަން ވަރަށް އަމާންކަމާއެކު ކުރިޔަށްދިޔަ އެވެ.