އޮފްބީޓް

ހޮސްޕިޓަލުގައި އޮތް ކޮވިޑް މީހަކު ސައިބޯން މަގުމަތީގައި

ސައިތައްޓެއް ނުލިބިއްޖިއްޔާ ބައެއް މީހުންނަށް ވަރަށް ސަކަރާތް ވާނެ އެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެމީހުން ހެނދުނު ނުވަތަ އެހެން ގަޑިގަޑީގައި ވެސް އެ ބޯ ސައިތަށި ބޯލަން ނުލިބިއްޖިއްޔާ އެމީހުންގެ ކަންތައް ވަރަށް ސަކާރަތް ވާނެ އެވެ. މިފަދަ މީހުން އެމީހުންގެ ސައިތައްޓަށް ޓަކައި އެމީހުންގެ ސިއްހަތު ގުރުބާން ކުރާކަށް ވެސް ފަހަކަށް ނުޖެހޭނެ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ މި ޚަބަރަކީ ވެސް މިފަދަ މީހެއްގެ ވާހަކަ އެކެވެ. އުމުރުން 73 އަހަރު ވެފައިވާ މި މީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ. އޭނާ ބަލިވެގެން އެންމެ ކުރިން އެޑްމިޓް ކޮށްފައި އޮތީ އެހެން ހޮސްޕިޓަލެއްގަ އެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މައިސޫރު ރޯޑު ހޮސްޕިޓަލަށް ބަދަލުކުރީ އެވެ.

އެ މީހާ ކުރީ އޮތް ހޮސްޕިޓަލުން މައިސޫރު ހޮސްޕިޓަލަށް ބަދަލުކުރީ އަންގާރަ ދުވަހުގެ ރޭގަ އެވެ. އޭނާގެ ޓެސްޓް ޕޮޒިޓިވް ވުމުންނެވެ. މައިސޫރު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުހަލާގައި އޭނާ ބަލާ އަންނަ އެމްބިއުލެންސް ނައިސް ލަސްވެގެން އެ މީހާ ތިން ގަޑިއިރު އިންތިޒާރުގައި ހުންނަން ޖެހުނެވެ.

މައިސޫރު ހޮސްޕިޓަލަށް ބަދަލު ކުރުމުން އެ ރޭ ފަތިހު 5.00 ވީ ތަނާ ހޮސްޕިޓަލު މުވައްޒަފުން ކައިރީގައި ސައިތައްޓަކަށް އެމީހާ އެދުނެވެ. ނަމަވެސް ހެނދުނު 7.30 ވީއިރު ވެސް އެމީހާއަކަށް ސަޔެއް ނުގެނެސް ދިނެވެ.

ސައި ނުލިބި ލަސްވެގެން އައި ރުޅީގައި ގަޔަށް ގުޅާފައި ހުރި ހޮޅިތައް އަމިއްލައަށް ނައްޓާލާފައި އެ މީހާ ހޮސްޕިޓަލުން ނުކުމެގެން ކައިރީގައި ހުރި ސައި ވިއްކާ ސްޓޯލަކަށް ދިޔައީ އެވެ. އެ މީހާ އެތާ ސައިބޯން ހުއްޓާ އެތާ ހުރި އެހެން ކަސްޓަރަމަކަށް އެމީހާގެ އަތުގައި އަޅާފައި ހުރި މަލަންގަނޑު ފެނިގެން އެ މީހާ އާ ސުވާލު ކުރަން ފެށި އެވެ.

"އަހަރެންނަކީ ކޮވިޑް-19 ޖެހިފައިވާ ބަލި މީހެއް. އަހަރެން މިތަނަށް މި އައީ ސައިތައްޓެއް ބޯލަން ވެގެން،" އެ މީހާ ޖަވާބުގައި ބުންޏެވެ.

އެ މީހާ އިތުރަށް ބުނީ ހޮސްޕިޓަލް ސްޓާފުން އޭނާ ބުނެ ބުނެ ވެސް ސައިތައްޓެއް ނުގެނެސްދިން ކަމަށެވެ. އެވަގުތު އެ ސްޓޯލުގައި ސައި ބޯން ހަތް މީހުން ތިއްބެވެ. މި އެންމެންނަށް އެ އަޑު އިވުމާއެކު ސައިތަށިތައް އުކާލާފައި އެމީހަކަށް ދުވެވުނުހާ ބާރަކަށް ދުވަމުން އެތަނުން ފިލާ ރައްކާވީ އެވެ.

އެންމެ ބޮޑު ލަނޑެއް ލިބުނީ ސްޓޯލުގައި ސައި ވިއްކަން ހުރި ނާރަޔަން ނަމަކަށް ކިޔާ މީހާ އަށެވެ. އޭނާ ބުނި ގޮތުގައި އެންމެން ފިލީ އޭނާއަށް ދޭންވާ ފައިސާ ނުދީ އެވެ. އަދި އެމީހާއާ ހެދި އޭނާގެ ސްޓޯލް ވެސް ބަންދުކޮށް އޭނާ ވެސް ކަރަންޓީނަށް ދާން ޖެހުނީ އެވެ.

ކޮވިޑް-19 ބަލިމީހާ ނުކުމެގެން އުޅޭކަން ހޮސްޕިޓަލަށް އެންގީ ވެސް ނާރާޔަން ދުވެފައި ގޮހެވެ. ވަގުތުން ހޮސްޕިޓަލް މުވައްޒަފުން އައިސް އެމީހާ އަލުން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ބަލިމީހާގެ ތިމާގެ މީހުން ބުނަނީ އެ މީހާ ނުކުތީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ.

"މަގޭ ބޮޑުބޭބެގެ ސަބަބުން އިތުރު އެތައް ބަޔަކަށް ބަލި ޖެހުމަކީ ވަރަށް ގާތްކަމެއް. އެކަމަކު މީގައި ޒިންމާ ނަގަން ޖެހޭނީ ހޮސްޕިޓަލުން. އެއަށް ވުރެ ރަނގަޅަށް ކޮވިޑް-19 ޖެހިފައި ތިބޭ މީހުން ބެލެހެއްޓެން ޖެހޭނެ ހޮސްޕިޓަލަށް،" ބަލިމީހާގެ ތިމާގެ މީހަކު ބުންޏެވެ.

މި ރިޕޯޓު ބުނާ ގޮތުގައި އެމީހާ ސައިތައްޓެއް ބޯލަން ނުކުތް އިރު ކުރިން އޮތް ހޮސްޕިޓަލުން ޑިސްޗާޖްކޮށްގެން މި ހޮސްޕިޓަލަށް ގެނެސް ބާއްވާފައި އޮތް ވަގުތާއެކު އަށް ގަޑިއިރަށް ވުރެ ގިނައިރު ހޭދަ ވެއްޖެ އެވެ. ބަލިމީހާ އޮތީ ބަނޑުހައިވެގެން ސައި ނުލިބިގެން ވަރަށް ރުޅިއައިސްފައި ކަމަށާއި އޭނާގެ އަތުން ކުރީ ހޮސްޕިޓަލުން ކުރި ބޭހަށް ވެސް 1.5 ލައްކަ ރުޕީސް ޚަރަދުވެފައިވާތީ ވެސް އެމީހާ އޮތީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެހުރިހާ ކަމަކާ އެކު ސައިތަށި ވެސް ނުލިބުނީމަ އެމީހާގެ ރުޅި ކޮންޓްރޯލް ނުކުރެވިގެން ސައިބޯން ދިޔައީ އެވެ.