ވިޔަފާރި

މެއި މަހުގެ އިންފްލޭޝަން ރޭޓް 0.05 ޕަސެންޓް މައްޗަށް

Jul 4, 2020
1

މި އަހަރުގެ މައި މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް 0.05 ޕަސެންޓް މަތިވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ އިންފްލޭޝަން 0.05 ޕަސެންޓް މަތިވެފައި ވާއިރު، އެޕްރީލް މަހުގެ އިންފްލޭޝަން އުޅެނީ 3.25 ޕަސެންޓް ދަށުގަ އެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާނަމަ އިންފްލޭޝަން ރޭޓް އުޅެނީ 0.04 ޕަސެންޓް ދަށުގަ އެވެ. އަދި މިދިޔަ އަހަރުގެ އެޕްރީލް މަހު ހުރީ 3.43 ޕަސެންޓް ދަށުގަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 3.87 ޕަސެންޓް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރުގެ އެޕްރީލުން މި އަހަރުގެ އެޕްރީލް މަހާ ހަމަށް ބަލާނަމަ އިންފްލޭޝަން ރޭޓް އުޅެނީ 3.62 ޕަސެންޓް ދަށުގަ އެވެ.

މިދިޔަ މެއި މަހު އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ މޭވާ އާއި ތަރުކާރީގެ ބައިންނެވެ. މިބައިން 11.41 ޕަސެންޓް މަތިވެފައިވެ އެވެ. އަދި މަހުގެ ބައިގެ އަގުތައް 2.02 ޕަސެންޓް މަތިވެފައިވެ އެވެ.

މީގެ އިތުރުން ދެން އަގުތައް މައްޗަށް ގޮސްފައިވަނީ މޮބައިލް ހިދުމަތްތަކުގެ ބައިން 0.65 ޕަސެންޓް އަދި ބިހާއި ކިރު ފަދަ ތަކެތީގެ ބައިން 0.56 ޕަސެންޓް އަދި އިންޓަނެޓުގެ ބައިން 1.16 ޕަސެންޓެވެ. އެހެނިހެން މުއާސަލާތީ ހިދުމަތްތަކުގެ ބައިން 0.49 ޕަސެންޓް މަތިވެފައިވެ އެވެ.

އިންފްލޭޝަން މަތިވި ދާއިރާތައް

  • މޭވާ އާއި ތަރުކާރީ (11.41+)
  • މަހުގެ ބައިގެ ބައިން (2.02 +)
  • މޮބައިލް ހިދުމަތްތަކުގެ ބައިން (0.65+)
  • ބިހާއި ކިރު ފަދަ ތަކެތީގެ ބައިން (0.56+)
  • އިންޓަނެޓުގެ ބައިން (1.16 +)
  • މުއާސަލާތީ ހިދުމަތްތަކުގެ ބައިން (0.49 +)

މެއި މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހޮޓާ / ރެސްޓޯރެންޓް އަދި ކެފޭތައް ހިމެނެ އެވެ. މިބައިން 2.15 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. ތަރުކާރީގެ ބައިން 4.12 ޕަސެންޓް ދަށްވެފައިވެ އެވެ. ގޭގެ ކުލީގެ ބައިން 0.50 ޕަސެންޓް ދަށްވެފައިވެ އެވެ. ކުޅިވަރާއި ސަގާފީ ކަންތައްތަކުގެ ބައިން 14.04 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން ފަށާ ތައުލީމާއި އިބްތިދާއީ ތައުލީމުގެ ބައިން 5.73 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ޕެޓްސްގެ ބައިން 14.05 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ސަގާފީ ތައުލީމުގެ ބައިން 5.22 ޕަސެންޓް އަދި ފައިވާނާއި ބޯޓު ފަދަ ތަކެތީގެ ބައިން 0.61 ޕަސެންޓް ދަށްވެފައިވެ އެވެ.