ވިދްޔާ ބާލަން

"ޕަރިނީތާ"ގެ ރޯލަށް ވިދްޔާ ބާލަން 75 ފަހަރު އޮޑިޝަން ދިން

ވިދްޔާ ބާލަން ފިލްމު ކުޅެން ފެށުމުގެ ކުރިން ބައެއް ޓީވީ ސީރީޒްތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. ފިލްމީ ބަތަލާއެއްގެ ގޮތުގައި އޭނާ ތައާރަފްވީ 2005 ގައި ރިލީޒްކުރި "ޕަރިނީތާ" އިންނެވެ.

ވިދްޔާގެ ހުނަރުގެ ސަބަބުން އޭނާއަށް ހިންދީ ފިލްމު އިންޑަސްޓްރީން ވަރަށް ފަސޭހައިން ޖާގަ ލިބޭނެ ކަމަށް ބައެއް މީހުންނަށް ހީވެ ދާނެ އެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. ވިދްޔާ ބޮލީވުޑަށް ތައާރަފްވާން ކުރި ދަތުރު އުނދަގޫވެފައި ހިތްދައްޗެވެ.

"ޕަރިނީތާ"ގެ މިއުޒިކް ކޮމްޕޯސާ ޝަންތާނޫ މޮއިތުރާ ބުނި ގޮތުގައި އެ ފިލްމުގެ ބަތަލާގެ ރޯލަށް ވިދްޔާ 75 ފަހަރު އޮޑިޝަން ދީފައި ވެއެވެ. އަދި އޭނާ އޭރު ހުރީ ވަރަށް ނާޒުކު ހާލަތެއްގައި ކަން ވެސް ޝަންތާނޫ ފާހަގަ ކުރި އެވެ.

ޕްރަދީޕް ސަރްކާރް ޑައިރެކްޓްކޮށްފައިވާ "ޕަރިނީތާ"އަކީ މަޝްހޫރު ބެންގޯލީ ވާހަކަ ލިޔުންތެރިޔާ ސަރަތު ޗަންދުރަ ޗަޓޮޕާދްޔޭ ހަމަ މި ނަމުގައި ލިޔެފައިވާ ވާހަކައަކަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދިވްޔާގެ އިތުރުން ދެން ބައިވެރިވީ ސައިފް އަލީ ޚާނާއި ސަންޖޭ ދަތު އަދި ދިއާ މިރްޒާ އެވެ.

ސުވާނަންދު ބުނި ގޮތުގައި އެ ފިލްމާ ގުޅޭ އޭނާގެ އެންމެ ހިތްގައިމު ހަނދާނަކީ ވިދްޔާ އާ ބައްދަލުވެ އޭނާއާ ގުޅުން ބަދަހިވީ ގޮތުގެ ހަނދާން ތަކެވެ.

"ޕްރޮޑިއުސަރުގެ އޮފީހުގައި ވަރަށް މަޑުމަޑުން އިށީނދެލައިގެން އިން އަންހެންކުއްޖެއް ލަހުން ނަމަވެސް އަހަރެންގެ އެކުވެރިޔަކަށްވި. އެއީ ވިދްޔާ. ފުރަތަމަ ދުވަހު އަހަރެން އެހިން ކީއްހޭ ތި ކުރަނީ މި އޮފީހުގަ. ބުނީމަ ބުނީ އޮޑިޝަން ދޭން އައިހޭ. ބައެއް މީހުންނަށް އެހާ ގިނަ ފަހަރަށް އޮޑިޝަން ދޭން ޖެހުނީމަ މާޔޫސްވެ ރުޅިގަދަ ވެގެން އެ ކަން ނުވާނެކަމަށް ނިންމާނެ. ނަމަވެސް ވިދްޔާ ވަރަށް ކެތްތެރި ކަމާއެކު 75 ފަހަރު އެ ފިލްމަށް އޮޑިޝަން ދިން. އަދި ކޮންމެ ފަހަރަކުވެސް އޭނާ ރިޖެކްޓް ކޮށްލަނީ. ހީކޮށްލާ އޭނާއަށް އޭރު ކުރެވޭނެ އިހްސާސްތައް،" ސުވާނަންދު ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

އެ ދުވަސްވަރު ފިލްމު ކުޅުނު އެންމެ މަޝްހޫރު ބަތަލާއިން ވެސް މި ފިލްމަށް އޮޑިޝަން ދިނެވެ. އަދި ޕްރޮޑިއުސަރާ ގުޅައިގެން އެ ރޯލު ހޯދަން މަސައްކަތްކުރި ބަތަލާއިން ވެސް މަދެއް ނޫނެވެ. އެހެންވީމާ ވިދްޔާއަށް އޭރު އޮންނާނެ ޕްރެޝަރު އިހްސާސް ކުރެވޭ ކަމަށް ސްވާނަންދު ބުންޏެވެ.

"އަހަރެން ހަނދާން އެބަހުރި 75 ވަނަ އޮޑިޝަނުން ވެސް ފެއިލް ވެގެން ވިދްޔާ ނުކުތް ދުވަސް. އޭނާ އަހަރެން ކައިރީ ބުނި ދެން މިދަނީ ބްރަޔަން އެޑަމްސްގެ ކޮންސެޓް ބަލާލާށޭ. އެވަގުތު އަނެއްކާވެސް ޑައިރެކްޓަރު އައިސް ބުނި އަންނާށޭ އެންމެ ފަހުގެ އޮޑިޝަން ދޭން. އޭނާ އެއްވެސް ޝަކުވާއެއް ނެތި އަނެއްކާވެސް ގޮސް އޮޑިޝަން ދީފައި ނުކުތް. އެ ފަހަރުވެސް ރިޖެކްޓް ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ވިދްޔާ އަކަށް ނެތް. އެހެންވެ އަވަސް އަރުވާލާފައި ކޮންސެޓް ބަލަންށޭ ކިޔާފައި ދިޔައީ،" ސްވާނަންދު ބުންޏެވެ.

ވިދްޔާ އެ ދުވަހު ދިނީ ފިލްމުގެ އެންމެ މަޝްހޫރު އެއް ލަވަ "ޕިޔަ ބޯލޭ" ގެ އޮޑިޝަނެވެ. ވިދްޔާ ދިއުމަށް ފަހު ޑައިރެކްޓަރާއި ޕްރޮޑިއުސަރު އެ އޮޑިޝަން ބަލައި އެއާ ދޭތެރޭ ވިސްނަމުން ދިޔައިރު ވެސް ސުވާނަންދު އެ ތަނުގައި ހުރި ކަމަށް އޭނާ ބުންޏެވެ.

"އެ ލަވައިގެ އޮޑިޝަން ވިދްޔާ ދީފައިވަނީ ވަރަށް މޮޅަށް. ވަރަށް އޮމާންކޮށް މުޅި ލަވަ ޝޫޓް ކޮށްފައި ވަނީ. ނަމަވެސް ޑައިރެކްޓަރު އޭނާގެ ލެޕްޓޮޕުން ލަވަ އަޅުވާފައި ބަލަމުން ޕްރޮޑިއުސަރު ވިނޯދް ކައިރީ ބުނެފި އަދިވެސް އެއް ޓެސްޓް ކުރަން ބޭނުމޭ. ނަމަވެސް ވިނޯދް އޭނާއާ ދިމާލަށް ބަލާލާފަ ބުނެފި އަހަރެމެން ބޭނުންވާ ޕަރިނީތާ ލިބިއްޖޭ. ދެން ހެވޭ،" މިއުޒިކް ޑައިރެކްޓަރު އޭނާގެ އެ ފިލްމުގެ ތަޖުރިބާ ކިޔައިދެމުން ބުނެފައި ވެއެވެ.

ވިދްޔާ ހީކުރީ އެ ފަހަރުވެސް އޭނާ އޮޑިޝަނުން ފެއިލްވީ ކަމަށެވެ. އެހެންވެ ޑައިރެކްޓަރު ޕްރަދީޕް ގުޅީމަ ވެސް ފޯނު ނުނަގާ ފޯނު ނިއްވާލަން ވިދްޔާ ބޭނުންވި އެވެ. ނަމަވެސް ފޯނު ނިއްވާ ނުލަނީސް އޭނާއަށް އެ ފިލްމަށް ހޮވިއްޖެކަމުގެ މެސެޖު އޭނާއަށް ލިބުނެވެ. އޭރު ވިދްޔާ ހުރީ ކޮންސެޓު ބަލަން ގޮހެވެ. އެހިސާބުން އޭނާއަށް އިތުރަށް ކޮންސެޓް ބަލާކަށް ވެސް ނުހުރެވުނެވެ. ވީ އުފަލުން ރޮމުން ރޮމުން އޭނާ ބޭރަށް ނުކުތީ އެވެ.

ވިދްޔާ ނޫން އެހެން ބަތަލާއެއްގެ މިހާ ހިތްވަރު ނުހުންނާނެ ކަމަށް މިއުޒިކް ޑައިރެކްޓަރު ގަބޫލު ކުރެ އެވެ.