ބޮލީވުޑް

މިނިސްޓަރަކު ހިތްހަމަނުޖެހިގެން ވިދްޔާ ފިލްމު ޝޫޓިން ހުއްޓުވައިފި

ބަތަލާ ވިދްޔާ ބާލަން މި ވަގުތު އުޅެނީ އިންޑިޔާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ރަށެއްގެ ޖަންގައްޔެއްގެ ތެރޭގައި "ޝޭރްނީ" ގެ ޝޫޓިންގައެވެ. އެސްޓޭޓްގެ ފޮރެސްޓް އޭރިޔާގައި ވިދްޔާ މެން ޝޫޓިން ކުރިޔަށް ގެންދާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް ކުއްލިއަކަށް ޝޫޓިން ކުރިޔަށް ގެންދަން ދީފައިވާ ހުއްދަ ވަނީ ބާތިލު ކޮށްފަ އެވެ. އަދި އެ ޓީމު މިވަގުތު ތިބީ ހަދާނެ ގޮތެއް ނޭނގިފަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިދްޔާގެ ފިލްމުގެ ޝޫޓިން ހުއްޓުވީ އެ ސަރަހައްދުގެ މިނިސްޓަރު ވިޖޭ ޝާހް އާއެކު ވިދްޔާ ކެއުމަކަށް ނުގޮސްގެންނެވެ. ރޭގަނޑުގެ ކެއުމަކަށް ވިޖޭ ޝާހް ދިން ދައުވަތު ވިދްޔާ ގަބޫލު ނުކުރުމުންނެވެ.

ނަމަވެސް މިނިސްޓަރު މި ވާހަކަ ދޮގުކުރެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިނިސްޓަރު ޝާހް ރޭގަނޑު ނުވަތަ މެންދުރުގެ ކެއުމަކަށް ވިދްޔާއަށް ދައުވަތު ދިނުމުން އޭނާ އެ ދައުވަތު ގަބޫލު ނުކުރީ އެގޮތަށް ކެއުމަށް ދިއުމަށް ހިތްހަމަނުޖެހޭތީ އެވެ. ވިދްޔާ ނޫނެކޭ ބުނި ހިސާބުން މިނިސްޓަރު ރުޅިއައިސްގެން ވިދްޔާގެ ފިލްމު ޝޫޓްކުރަން ދީފައިވާ ހުއްދަ ބާތިލުކުރީ އެވެ. އެއާއެކު ފިލްމުގެ ތަރިންނާއި ކުރޫން ޖަންގަލީގެ މެދުގައި ހަދާނެ ގޮތް ހުސްވެ ތާށިވީ އެވެ.

އޭއެންއައި ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ޕްރޮޑަކްޝަން ޓީމުގެ ވެހިކަލްތައް ޖަންގައްޔަށް ވަނުމުން އެތަން ބަލަހައްޓާ މީހުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. މިކަމެއް ދިމާވީ މިނިސްޓަރުގެ ދައުވަތު ވިދްޔާ ގަބޫލުނުކޮށް ރައްދުކުރިތާ އެއް ދުވަސް ފަހުން ކަމަށް ވާތީ އެކަމާ ޝޫޓިން ހުއްޓުވުމާ ގުޅުމެއް ވާކަން އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ.

ނަމަވެސް މިނިސްޓަރުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިދްޔާ އާއެކު ކެއުމަށް ދާން އިންކާރުކުރީ މިނިސްޓަރު ކަމަށެވެ. އެ ދައުވަތު ދިނީ ވިދްޔާ ކަމަށެވެ.

"ޝޫޓިން ކުރަން ހުއްދަ ދީފައިވާ ފަރާތްތަކުން އަހަންނަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިން. އަހަރެން ބުނިން ނޫނެކޭ ތިކަމެއް ނެތޭ މިހާރު ވާކަށް. މަހަރަޝްތުރާ އަށް އެނބުރި ގޮސްފައި ބައްދަލުކޮށްފާނަމޭ. އެހެންވީމަ ކެއުން ކެންސަލްވީ. ޝޫޓިންގެއް ނޫން،" މިނިސްޓަރުގެ ބަޔާނުގައި ވެއެވެ.

މީގެ ކުރިން ވެސް ވިދްޔާގެ "ޝޭރްނީ'ގެ ޝޫޓިން ހުއްޓިފައި ވެއެވެ. އެ ފަހަރު ޝޫޓިން ހުއްޓުނީ ފިލްމުގައި ބައިވެރިވާ އެކްޓަރެއް ކަމަށްވާ ވިޖޭ ރާޒް ފިލްމު ކުރޫންގެ ތެރޭގައި ހިމެނޭ އަންހެނަކަށް ފުރައްސާރަ ކުރި ކަމަށް ބުނެ އަންހެންމީހާ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި ޝަކުވާ ގުޅިގެން ފުލުހުން އައިސް ވިޖޭ ރާޒް ހައްޔަރުވެސް ކުރި އެވެ. ބެއިލް ދީފައި ވިޖޭ ޖަލުން ސަލާމަތްވުމުން އޭނަ ވަނީ އެނބުރި މުމްބައި އަށް ގޮއްސަ އެވެ. ފިލްމުގައި އޭނާ ފުރިހަމަކުރަން ޖެހޭ ބައި ފުރިހަމަ ކުރަން ވެސް އޭނާ މަޑެއް ނުކުރި އެވެ.