ވިދްޔާ ބާލަންގެ "ޝޭރްނީ" ގެ ޝޫޓިންގް އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަށެއްގައި ކުރިޔަށް ދަނިކޮށް ޝޫޓިންގައި އުޅުނު ދުވަސްވީ އެކްޓަރެއް ކަމަށްވާ ވިޖޭ ރާޒް ހައްޔަރުކޮށްފި އެވެ.
އެކްޓިންގެ ރޮނގުން މިސާލެއް ނެތް ފަދަ މޮޅު އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވިޖޭ ރާޒް ހައްޔަރުކުރީ ފިލްމު ޔުނިޓުގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މެމްބަރަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.
އަމިތު މަސުރްކާރް ޑައިރެކްޓްކުރާ މިފިލްމުގެ ޝޫޓިންގްގައި ހިނގައިގެން އުޅޭ މި ކަންތައްގަނޑުގެ ވާހަކަ ޔުނިޓުގައި އުޅޭ އެއްވެސް މީހަކު ދައްކަން އެއްބަސް ނުވާ ކަމަށް ވެސް މި ޚަބަރު ލިޔެފައިވާ ނޫސްތަކުން ބުނެފައި ވެއެވެ. ސަބަބަކީ އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނަން ޕްރޮޑިއުސަރުން އަންގާފައި އޮތުމުންނެވެ.
މި ފިލްމުގެ ބަތަލާ ވިދްޔާ ބާލަން އަކީ އަބަދުވެސް ފިލްމު އިންޑަސްޓްރީގައި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ ބަތަލާ އެކެވެ. އަދި ވިދްޔާގެ ކުރީގެ އިންޓަވިއު ތަކުގައި އަބަދުވެސް ބުނެފައިވަނީ އެފަދަ ކަމެއް އޭނާ ކުޅޭ ފިލްމެއްގެ ސެޓެއްގައި ދިމާވެއްޖެނަމަ އެ ފިލްމެއްގެ މަސައްކަތް އޭނާ ނުކުރާނެ ކަމަށެވެ.
އެހެންކަމުން "ޝޭރްނީ" ގެ ޝޫޓިންގައި ވިދްޔާ އަލުން ބައިވެރިވެދާނެތޯ ނޫސްވެރިން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ވިދްޔާ ކުރިން ބުނި ގޮތަށް ކަންތައްތައް ކޮށްފިނަމަ އޭނާ އިތުރަށް މި ފިލްމުގެ މަސައްކަތް ނުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެގޮތުން ޑައިރެކްޓަރު ސާޖިދު ޚާނަށް މިފަދަ ތުހުމަތުތަކެއް ބަތަލާއަކު ކުރުމާ ގުޅިގެން ސާޖިދު އާ އެކު ވެސް އިތުރަށް މަސައްކަތް ނުކުރަން ވިދްޔާ ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ތުހުމަތުގެ ކުރިން ވިދްޔާ ވަނީ ސާޖިދު ޑައިރެކްޓްކުރި "ހޭ ބޭބީ" ގައި މަސައްކަތް ކޮށްފަ އެވެ.
ފިލްމުގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ވަރަށް ބިރުން ހުރެ އިންޑިޔާ ނޫހަކާ ވާހަކަ ދައްކަމުން ބުނީ އެ ހާދިސާގެ އެއްވެސް ވާހަކައެއް ނުކިޔައިދޭން އެމީހުންނަށް ވަރަށް ހަރުކަށިކޮށް އަންގާފައި އޮތް ކަމަށެވެ.
މިހާރު ގިނަ ބައެއްގެ ސުވާލަކީ ވިޖޭ ރާޖް ހައްޔަރުކުރުމަށްފަހު ވިދްޔާ ކަންތައް ކުރާނީ ކިހިނެއްބާއޭ އެވެ.