ވިދްޔާ ބާލަން

ޝޫޓިން ފަށާއިރު ވަރަށް ފަރުވާތެރިވާން ޖެހޭ: ވިދްޔާ

ވިދްޔާ ބާލަން އަލަށް ކުޅެން ފަށާފައިވާ "ޝޭރްނީ" ގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސް ތަކަކަށް ފަހު އަންނަ އޮކްޓޯބަރު މަހު އަލުން ފަށަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ފިލްމުގެ ޝޫޓިންގް އަށް ދާން ވިދްޔާ ތައްޔާރަށް ހުރި ނަމަވެސް ވަރަށް ފަރުވާތެރިކަމާއެކު ނޫނީ ޝޫޓިން ބާއްވަން ނުވާނެކަމަށް ވިދްޔާ އެއްބަސް ވެއެވެ.

"ނިއުޓަން"ގެ ޑައިރެކްޓަރު އަމިތު މަސުރްކަރްގެ "ޝޭރްނީ"ގެ މަސައްކަތް މިދިޔަ މާޗް މަހު ތެރޭގައި ފެށިތަނާ ލޮކްޑައުން އަށް ދިއުމުގެ ސަބަބުން މަސައްކަތް ހުއްޓާލަން މަޖްބޫރުވީ އެވެ.

މި ފިލްމުގައި ވިދްޔާ ކުޅެނީ ފޮރެސްޓް އޮފިސަރެއްގެ ރޯލެވެ. އެހެންވެ މި ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މަދްޔަ ޕްރަދޭޝްގެ ޖަންގައްޔެއްގެ ތެރޭގަ އެވެ.

ވިދްޔާ ބުނި ގޮތުގައި ފިލްމު ޝޫޓިންގަށް އެންމެ ރަނގަޅު ދުވަސްވަރެއް ކަމަށް މިހާރު ބެލެވެނީ ވިއްސާރަ މޫސުން ނިމުނީމަ އެވެ. އެއީ އަންނަ އޮކްޓޯބަރު ހިސާބެވެ.

"މިހާރުގެ ހާލަތު އޮތް ގޮތުން މާދަމާ ވާނެ ގޮތެއް މިއަދު ވެސް ނޭނގޭނެ. ކޮންމެ ދުވަހަކުވެސް އެ ދުވަހަކު ވީ ވަރަކަށް ކަންތައްތައް ކުރަމުން ދާން ޖެހޭނީ. އަދި ފިލްމު ޝޫޓް ކުރާއިރު ރައްކާތެރިކަމަށް ވަރަށް ފަރުވާ ބަހައްޓަން ޖެހޭނެ. ނަސީބަކުން އަހަރެމެންގެ ފިލްމުގެ ބޮޑު ބައި ޝޫޓް ކުރަން ޖެހެނީ ޖަންގަލި ތެރޭގައި ކަމަށް ވުމުން ތަންކޮޅެއް ފަސޭހަ ވާނެ ކަމަށް ބެލެވެނީ. އެހެން ތަންތަނަށް ވުރެ އެތަނުގައި އަހަރެމެންނަށް ބޮޑަށް ރައްކާތެރިކަން ލިބޭނެކަމަށް އުންމީދު ކުރަނީ،" އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިދްޔާ ބުންޏެވެ.

ވިދްޔާ، 41، ބުނި ގޮތުގައި ރައްކާތެރިކަމަށް ސަމާލުކަން ދީގެން ޝޫޓިން ކުރިޔަށް ގެންދާނަމަ އިތުރު މައްސަލަތަކެއް ދިމާނުވާނެ ކަމަށް އޭނާ ޔަގީން ކުރެ އެވެ.