ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން" ސީކުއަލް "ދޯ ވިލަން" ނުކުޅެން ފިލްމަށް ހޮވާފައިވާ އެއް އެކްޓަރު އަދިތުޔާ ރޯއި ކަޕޫރު ނިންމައިފި އެވެ. ލޮކްޑައުންގެ ކުރިއްސުރެ މި ފިލްމަށް ތަރިން ހަމަޖައްސައި އިއުލާން ކޮށްފައި ވަނިކޮށް އަދިތުޔާ ފިލްމުން ވަކިވީ ޑައިރެކްޓަރު މޯހިތު އާއި އޭނާ އާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ނުގެނެވިގެންނެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޖޯން އެބްރަހަމްގެ ރޯލު ފިލްމުގައި މާ ވަރުގަދަ ކަމުން އަދިތުޔާ ހިތްހަމަ ނުޖެހުނީ އެވެ. އެހެންވެ މޯހިތު ކައިރީގައި އެ ވާހަކަ ދައްކާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް އޭނާ ރާވާފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެންނަން މޯހިތު ބޭނުމެއް ނުވި އެވެ. އެހެންވެ އަދިތުޔާ އެންމެ ފަހުން ފިލްމު ދޫކޮށްލީ އެވެ.
މޯހިތު އާއި އަދިތުޔާ އަކީ "އާޝިގީ 2" އުފެއްދި ޒަމާނުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. މޯހިތު ޑައިރެކްޓްކުރި އެންމެ ފަހު ފިލްމު "މަލަންގް" ގެ ވެސް ބަތަލަކީ އަދިތުޔާ އެވެ. ނަމަވެސް މި ފަހަރު މި ޖެހުނު މައްސަލަތަކުގެ ސަބަބުން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ބަތަލާއިންގެ ގޮތުގައި ދިޝާ ޕަޓްނީ އާއި ތާރާ ސުތާރިޔާ ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެ ނިމިފަ އެވެ. ދެން އޮތީ ޝޫޓް ކުރާނެ ލޮކޭޝަންތަކެއް ފައިނަލް ކުރުމެވެ. ފިލްމުގެ ޝޫޓިންގް ބާއްވާނެ ތަންތަން ކަނޑައެޅުމަށް މޯހިތު އާއި އޭނާގެ ޓީމުން ވަރަށް އަވަހަށް ދަތުރުތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އަދިތުޔާ ވަކިވުމުން އޭނާ ކުޅެން އޮތް ބަޔަށް އެހެން އެކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.
ފިލްމާ ގުޅޭ ގިނަ މައުލޫމާތު ތަކެއް އެނގޭ މީހަކު ކިޔައިދީފައިވާ ގޮތުގައި މި ފިލްމާ ގުޅޭ ގޮތުން މޯހިތު އާއި އަދިތުޔާ އާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފާއިތުވީ މަހެއްހާ ދުވަސް ތެރޭ ވަނީ ހިނގާފަ އެވެ. މޯހިތު އާއި ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބޭނުންވަނީ ޒުވާން އަދި ނުބައިބައި މީހެއްގެ ގޮތް ވެސް ކޮންމެވެސް ވަރަކަށް ހުންނަ މީހެއްގެ ކެރެކްޓާ ކުޅެވޭ ކަހަލަ އެކްޓަރެކެވެ. ނަމަވެސް އެމީހުން ހުށަހެޅި ރޯލު އަދިތުޔާ ހިތްހަމަ ނުޖެހުނީ އެވެ.
އަ
ދިތުޔާގެ ދެ ފިލްމެއް މިހާރު ރިލީޒްވުމުގެ މަގުމަތީގައި އެބައޮތެވެ. އަދި "ދޯ ވިލަން" ދޫކޮށްލާފައި ގޮސް މިހާރު އޭނާ އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މިއީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި އޭނާ ސޮއިކުރި ފުރަތަމަ ފިލްމެވެ.