ބޮލީވުޑް

"އޯމް–ދަ ބެޓްލް ވިތިން"ގައި އަދިތުޔާ އާއެކު ސަންޖަނާ

އަދިތުޔާ ރޯއި ކަޕޫރު ދާދި ފަހުން ސޮއިކުރި އެކްޝަން-ތުރިލާ "އޯމް – ދަ ބެޓްލް ވިތިން"ގެ ބަތަލާ އަކަށް ސަންޖަނާ ސާންގީ ހަމަޖެހިއްޖެ އެވެ. މި ފިލްމު އިއުލާން ކޮށްފައިވަނީ އަދިތުޔާގެ 35 އަހަރު ފުރުނު ދުވަސް ކަމަށްވާ 16 ނޮވެމްބަރުގަ އެވެ.

ޑިސެމްބަރު މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ މަންޒަރުތައް އިންޑިޔާގެ ތިން ހިސާބެއްގަ އާއި ބޭރު ގައުމެއްގައި ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މިފިލްމަކީ އެކްޝަން ޑައިރެކްޓަރު ޓީނޫ ވަރުމާގެ ދަރިފުޅު ކަޕިލް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އުފައްދާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ބަތަލާއަކަށް ހޮވި ސަންޖަނާ އަކީ ދާދިފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ބަތަލާ އެވެ.

އަހުމަދު އެންޑް ޝާއިރާ ޚާން ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯޒް އިން ޕްރޮޑިއުސްކުރާ މި ފިލްމު މިހާރު ޝެޑިއުލް ކޮށްފައިވަނީ އަންނަ އަހަރު މެދު ތެރޭގައި ރިލިޒް ކުރުމަށެވެ.

ޕްރޮޑިއުސަރު އަހުމަދު ބުނި ގޮތުގައި "ދިލް ބޭޗާރާ" ގައި ކިޒީގެ ރޯލު ސަންޖަނާ ކުޅެފައިވާލެއް ވަރަށް މޮޅެވެ. މި ފިލްމުގައި ވެސް ސަންޖާނާ އަށް ކުޅެން ޖެހެނީ ހަމަ އެކަހަލަ ވަރުގަދަ ރޯލަކަށް ވާތީ އޭނާ ޚިޔާރު ކުރީ ކަމަށް އަހުމަދު ބުންޏެވެ.

ސަންޖަނާ ބުނީ އެކްޝަން ތުރިލާ އެއް ކުޅެލަން ލިބުނީތީ ވަރަށް އުފާވެއްޖެ ކަމަށެވެ. ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔާފައިވާ ކަމަށާއި ނަމަވެސް "އޯމް" ގައި އޭނާ ކުޅެން ޖެހޭ ކަހަލަ ބަޔެއް އެއްވެސް ސްކްރިޕްޓަކުން ނުފެނުނު ކަމަށެވެ.

މި ފިލްމުގައި ސަންޖަނާގެ ކެރެކްޓާ އަށް ކިޔަނީ ކާވްޔާ އެވެ. ކާވްޔާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ، ވިސްނުންތޫނު، ހިތްވަރުގަދަ އަންހެންކުއްޖެކެވެ. މިޒަމާނުގެ އެ އުމުރުގެ ކޮންމެ ކުއްޖަކަށް ވެސް ކާވްޔާގެ ކެރެކްޓާ އާ އެ ކުއްޖަކާ ވަރަށް އެއްގޮތް ކަމުގެ އިހްސާސެއް ފިލްމު ބަލާފައި ވާނެކަމަށް ސަންޖަނާ ބުންނެވެ.

އަދިތުޔާ އާއެކު މި ފިލްމު ކުޅެވޭތީ ވެސް ސަންޖަނާ ހުރީ ވަރަށް އުފަލުންނެވެ. މި ފިލްމަށް ސަންޖަނާ އާއި އަދިތުޔާ ވެސް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.