މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖެއަށް އެތެރެކުރި ސިމެންތި އާއި ހިލަ އަދި ހިލަވެލީގެ އިމްޕޯޓް 22.8 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) އަށް ވެއްޓިއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރު (ތިން މަހު) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިމްޕޯޓް ފުރަތަމަ ކްއާޓަރުގައި ހަ ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިއީ 46.3 މިލިއަން ޑޮލަރު (713 މިލިއަން ރުފިޔާ) ދަށް ވުމެކެވެ. އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިދިޔަ ކްއާޓަރުގައި އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އިމްޕޯޓް ކުރި އަދަދު ވަނީ މިދިޔަ އަަހަރާ އަޅާ ބަލާއިރު 16 ޕަސެންޓް ދަށްވެފަ އެވެ.
ރާއްޖޭގައި އިގްތިސޯދުގައި މަސައްކަތް މަދުވުމުގެ ސަބަބުން މައިގަނޑު ގޮތެއްގައި އިމްޕޯޓް ދަށްވެފައިވާ ބައިތަކުގެ ތެރޭގައި ކަރަންޓުގެ ސާމާނާއި ލަކުޑި އަދި ދަގަނޑުގެ ބާވަތްތައް އެތެރެ ކުރި މިންވަރު ހިމެނެ އެވެ. އެންމެ ބޮޑަށް އިމްޕޯޓް ދަށްކޮށްފައި ވަނީ ސިމެންތި އާއި ހިލަ އާއި ހިލަ ވެއްޔެވެ. މި ބާވަތްތައް އެތެރެ ކުރި ނިސްބަތް 21 ޕަސެންޓް ދަށްވެ، 22.8 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) އަށް ވެއްޓިފައި ވެއެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ނިމިދިޔަ ކްއާޓަރުގައި އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ބާވަތްތަކެއް އިމްޕޯޓް ކުރި އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 16 ޕަސެންޓް ދަށްވެފަ އެވެ.
އިމްޕޯޓް ދަށްވި އެހެން ބައިތަކުގެ ތެރޭގައި ޓްރާންސްޕޯޓް ސާމާނާއި އޭގެ އިކްއިޕްމަންޓާއި އެއާ ގުޅުންހުރި އާލާތް ވެސް ހިމެނެ އެވެ. މި ބައިގެ އިމްޕޯޓް 31 ޕަސެންޓް ދަށްވެ 17.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 271 މިލިއަން ރުފިޔާ) ދަށް ވެފައިވެ އެވެ.
ފަރުނީޗަރާއި ފިޓިންގްސްގެ އިމްޕޯޓް 38 ޕަސެންޓް ދަށްވެފައިވެ އެވެ. މިއީ ފައިސާ ގޮތުން ބަލާނަމަ 16.7 މިލިއަން ޑޮލަރު (257 މިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ.
މިހާތަނަށް ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރި މިންވަރު ވެސް ވަނީ މިދިޔަ އަަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. ފުރަތަމަ ކްއާޓަރުގައި ރާއްޖެއަށް އެތެރެކޮށްފައި ވަނީ ގާތްގަނޑަކަށް 110 މިލިއަން ޑޮލަރުގެ ތެލާއި ތެލުގެ އުފެއްދުން ތަކެވެ.
މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އިމްޕޯޓް އިތުރުވެފައި ވަނީ ހަމަައެކަނި ކާބޯތަކެތީގެ ބާވަތްތާއި އެހެން ބައެއް އިލެކްޓްރިކް ސާމާނުންނެވެ. މީގެތެރޭގައި ސިއްހީ ދާއިރާގެ ސާމާނު ވެސް ހިމެނެ އެވެ. ކާބޯތަކެތީގެ އިމްޕޯޓް ހަ ޕަސެންޓް (8.5 މިލިއަން ޑޮލަރު) ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.