ދުނިޔެ

ހާޝުގްޖީ ޝަރީއަތް: އަވަން ރޯކުރަން އެންގިކަމަށް ހެކިބަސް ދީފި

Jul 4, 2020
1

އަންކާރާ (ޖުލައި 4) - ސައުދީއަރަބިއްޔާގެ ރަސްކަމުގެ ނިޒާމަށާއި ޝާހީ އާއިލާއަށް ފާޑު ކިޔައި ލިޔަމުން ދިޔަ ވޮޝިޓަންޕޯސްޓުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގުޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށްފަހު، އަވަނެއް ރޯ ކުރަން އެންގިކަމަށް އެ ތަނުގައި ވަޒީފާ އަދާ ކުރާ ޓެކްނީޝަނަކު ކޯޓުގައި ހެކި ބަސް ދީފި އެވެ.

ހާޝުގުޖީ މަރާލާފައިވަނީ އޭނާ ރަށްޓެހިވެގެން އުޅުނު ތުރުކީ މީހަކާ އިންނަންވެގެން ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓެއް ދިޔުމުން ކޮންސިއުލޭޓުގެ އެތެރޭގަ އެވެ. އޭރު ހާޝުގުޖީ މަރާލުމުގައި ބައިވެރިވި ޓީމު ވަނީ ކޮންސިއުލޭޓް އޮފީސްތެރޭގަ އެވެ. ހާޝުގުޖީ މަރާލުމަށްފަހު އެޓީމުގެ މީހުން ވަނީ ތުރުކީ ދޫކޮށް ޕްރައިވެޓް ޖެޓެއްގައި ސައުދީއަށް ހަމަ އެދުވަހު ގޮސްފަ އެވެ.

ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި، ތުރުކީގެ އިސްތަންބޫލްގެ ކޯޓެއްގައި ޝަރީއަތް އިއްޔެ ވަނީ ފަށައިފަ އެވެ.

ޚާޝުގްޖީގެ ހަށިގަނޑު ނައްތާލައިފަނީ، ސައުދީ ސަފީރުގެ ގެކޮޅުގައި ހުރި ބޮޑު އަވަނެއްގެ ތެރޭގައި އަންދާލައިގެންކަމަށް އަލްޖަޒީރާ ނޫހުން ކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފައިވަނިކޮށް، އިއްޔެ ހެކި ބަސް ދިން ޓެކްނީޝަން ބުނީ، ސަފީރުގެ ގެކޮޅުގައި ހުރި "ތަންދޫރު" ރޯ ކުރަން އެންގި ކަމަށެވެ.

އަދި އެތަނުގައި އެ ވަގުތު ފަސް ވަރަކަށް މީހުން ތިބި ކަމަށާއި، އެ މީހުން ތިބީ ވަރަށް ކަންބޮޑުވެ، ހާސްވެފައިކަމަށްވެސް އޭނާ ބުންޏެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.

އޭގެ ތެރެެއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.