އޮފްބީޓް

އަދަބެއްގެ ގޮތުން ފިރިމީހާ ކޮނޑަށް ލައިގެން މުޅި އަވަށުގައި ހިންގުވައިފި

ކައިވެނި ކޮށްގެން އުޅޭ އަންހެނަކު ގެއިން ފިލައިގެން ދިއުމުގެ ސަބަބުން އަދަބެއްގެ ގޮތުން ފިރިމީހާ ކޮނޑަށް އަރުވައިގެން އަވަށުގައި ހިންގުވައިފި އެވެ. އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ޖަބުއާ ޑީސްޓްރިކްޓްގައި އޮންނަ މި އަވަށުގެ އިސް މީހުން މި އަންހެންމީހާއާ ދޭތެރޭ މިހާ އިހާނެތިކޮށް ކަންތައް ކުރިއިރު އަވަށުގެ އެންމެން އެކަމަށް ތަރުހީބުދީ ބަލަން އެއްވެ ތިއްބެވެ.

މި މީހާ ގެއިން ފިލައިގެން ދިއުމުން އޭނާގެ ފިރިމީހާގެ އާއިލާގެ މީހުން އެ މީހާ ދެކެ ތިބީ ވަރަށް ރުޅިއައިސްފަ އެވެ. އެމީހާ ގެއިން ފިލީ ކައިވެނީގެ ބޭރުން އެހެން މިހަކާ ލޯބީގެ ގުޅުމެއް އޮވެގެން ކަމަށް އޭނާގެ ފިރިމީހާގެ އާއިލާއިން ގަބޫލު ކުރެ އެވެ. އެއީ އެ މުޖުތަމައުގައި އާއްމުކޮށް ވެސް ކަން ހިނގާ އުސޫލެވެ. އަންހެނަކު ގެއިން ފިލައިފިނަމަ ބަލަނީ އެއީ ކޮންމެވެސް ފިރިހެނެއްގެ އަވައިގައި ޖެހިގެން ކުރި ކަމެއް ކަމަށެވެ. އެހެންވެ އެގޮތުން މި މީހާ އާ ދޭތެރޭ ވެސް އެގޮތަށް ބެލީ އެވެ.

މި ހިސާބުގަނޑުގެ މީހުން ޒަމާނުއްސުރެ ގެންގުޅޭ އާދައަކީ މިގޮތަށް ފިރިމީހާގެ ގެއިން ފިލައިގެން ހިލޭ ފިރިހެނަކާ އެކު ދާ އަންހެނަކު އަނބުރާ އަތުވެއްޖެނަމަ ނުވަތަ އޭނާ ހޯދައިގެން އަނބުރާ ގެނެވިއްޖެނަމަ އެމީހާ އަށް އަދަބު ދިނުމުގެ ގޮތުން އޭނާގެ ކޮނޑަށް ފިރިމީހާ އަރުވައިގެން މުޅި އަވަށުގައި ހިންގުވުމެވެ.

މި އަންހެންމީހާ ފިލައިގެން ގޮސް ހުރީ އޭނާގެ މައިންބަފައިންގެ ކައިރީގައި ކަމަށް ވެއެވެ. އަދި އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން ފިރިމީހާގެ ގެޔަށް ދިޔަ މަގުމަތީގައި ފިރިހެންމީހާގެ އާއިލާގެ މީހުންނާ މި މީހުންނާ މަގުމަތިން ބައްދަލުވީ އެވެ. އަދި ވަގުތުން އެމީހާގެ ކޮނޑަށް ގަދަ ކަމުން ފިރިމީހާ އަރުވައި މުޅި އަވަށުގައި ހިނގަން މަޖްބޫރު ކުރުވީ އެވެ.

ފިރިމީހާ ކޮނޑަށް އަރުވައިގެން އަންހެންމީހާ ހިނގާ މަންޒަރުގެ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އަދި ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ މިކަމާ ވަރަށް ރުޅި އައިސް ހިތްހަމަނުޖެހިފަ އެވެ. ވަރަށް ހާލުން އެމީހާ ހިނގަމުން ދިޔައިރު މީހުންތައް އެއްވެ އެ މަންޒަރު ބަލަން ތިބިތަން ވީޑިއޯ އިން ފެނެ އެވެ.

މި މަންޒަރު ފެނުނު ބައެއް މީހުން އެހިސާބުގަނޑު ފުލުހުންނަށް މި މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ދަށު ދަރަޖައިގެ މި އަމަލު ހިންގި ހަތަރު މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

"މިކަމުގައި ބައިވެރިވާ އަށް މީހަކު އެބަތިބި ކަމަށް ބެލެވޭ. އަކަމު އަދި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހުން،" ފުލުހުންގެ އިސް މީހަކަށް ހުރި އޮފިޝަލް ބުންޏެވެ.