ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮޥިޑުން ދިފާއުވާން އަލަނާސިއާ ލުނބޯ ކާން ދެނީ

ކޮވިޑް-19 ވަބާ އަކީ އެހާ ފަސޭހައިން އެކަމަކުން ސަލާމަތް ވެވެން އޮތް ކަމެއް ނޫން ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ވެކްސިން އެއް އުފެއްދި އެ ވެކްސިން ގިނަ ބަޔަކާ ހަމައަށް ފޯރާނެ ދުވަހެއް އަދި ޔަގީންކަމާއެކު ބުނަން ނޭނގޭއިރު ވެކްސިން އާ ނުލާ ބަލި ނެތިގެން ހިނގައިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

ނަމަވެސް ހުރިހާ އެންމެންނަށް ވެސް ގަބޫލުކުރެވޭ އެއް ކަމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްގެން ބަލިން ދިފާއު ވެވިދާނެކަމެވެ. އަދި ބަލި ޖެހުނު ކަމުގައި ވިޔަސް މާ ބޮޑުވަރު ނުވެ ބަލިން ސަލާމަތް ވެވިދާނެ ކަމެވެ.

މިހާރު ދުނިޔޭގައި އެންމެ ބާރަށް ބަލި ފެތުރެމުންދާ އެއް ގައުމަކީ އިންޑިޔާ އެވެ. އެ ގައުމުގެ ބައެއް ރަށްތަކުގެ މީހުން ތަފާތު ހަކީމީ ބޭސްތަކުގެ ބޭނުން ކުރަން އިރުޝާދު ދެމުންދާއިރު އަނެއް ބަޔަކު ބުނަނީ ޔޯގާ ހަދައިގެން ދިފާއީ ނިޒާމު ވަރުގަދަ ވާނެ ކަމަށެވެ.

ނަމަވެސް ޓްރިޕޫރާ ސްޓޭޓް ސަރުކާރުން އެ ސްޓޭޓުގެ މީހުން މި ބަލިން ރައްކާތެރިކުރުމަށް ގެންގުޅެނީ މުޅިން ތަފާތު އާ ގޮތެކެވެ.

ޓްރިޕޫރާ ޗީފް މިނިސްޓަރު ބިޕްލަބް ކުމާރް ޑެބް ވިދާޅުވީ ވިޓަމިން ސީ އެންމެ ގިނައިން އެކުލެވޭ މޭވާތައް ހޮނިހިރު ދުވަހުން ފެށިގެން އެ ސްޓޭޓްގެ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ އާއްމުންނަށް ބަހަން ފަށަން ނިންމާފައިވާ ކަމަށެވެ. އެއީ ކޮވިޑް-19 އިން ދިފާއުވުމަށް އެމީހުންގެ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރަން ކާން ދޭ އެއްޗެއް ކަމަށް ވެސް ޑެބް ވިދާޅުވި އެވެ.

މިކަމަށްޓަކައި ސަރުކާރުން ވަނީ އެއް ކްރޯޑު ރުޕީސްގެ ބަޖެޓެއް ވެސް ކަނޑައަޅާފަ އެވެ. އަދި އެ ސްޓޭޓްގައި ހޮނިހިރު ދުވަހުން ފެށީގެން އަލަނާސި އާއި ލުނބޯ ބެހުގެ ޚާއްސަ ޕްރޮގްރާމްތައް ކުރިޔަށް ގެންދަން ފަށާނެ އެވެ.

މި މޭވާތައް ގަންނަނީ ސީދާ ދަނޑުވެރިންގެ އަތުން ކަމަށާއި އޭރުން ދަނޑުވެރިންނަށް ވެސް މި ޕްރޮގްރާމްގެ ސީދާ ފައިދާ ލިބޭނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

މި މޭވާ ބަހަން ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު 12.00 އިން ހަވީރު 4.00 އަށެވެ.

އިންޑިއާގެ އެހެން ސްޓޭޓްތަކާ އަޅާ ބަލާއިރު ޓްރިޕުރާގައި ކޮވިޑް19 ޖެހޭ މީހުން ގިނަ ނަމަވެސް ބަލިން ރަނގަޅުވާ މީހުންގެ ރޭޓު ވަރަށް މައްޗެވެ. އަދި މަރުވާ ރޭޓް ވަރަށް ދަށެވެ. މިހާތަނަށް 1400 އަށް ވުރެ ގިނަ މީހުންނަށް އެ ސްޓޭޓުން ބަލި ޖެހުނުއިރު 1093 މީހުން ބަލިން ފަސޭހަ ވެފައި ވެއެވެ. އަދި މަރުވީ އެންމެ މީހެކެވެ.