ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތާޖުގެ ރިސޯޓުތައް ހުޅުވަން ތައްޔާރުވަނީ

ރާއްޖޭގައި ހިންގާ އިންޑިއާގެ، ތާޖް ކުންފުނީގެ ރިސޯޓުތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި މަހު 15 ގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު، މި މަހުގެ 15 ވަނަ ދުވަހު ހުޅުވަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.

ތާޖް ހޮޓެލް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ގެސްޓުންނަށް މަރުހަބާ ކިޔުމަށް ތާޖް ރިސޯޓުތަކުގެ މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ރިސޯޓަށް ދާ ގެސްޓުންނާ ވީހާ ވެސް މަދުން ކޮންޓެކްޓުވެ މުއާމަލާތް ކުރެވޭނެ ގޮތާއި ސާފު ތާހިރުކަމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ކުރެވޭނެ ގޮތްތަށް މުވައްޒަފުންނަށް ދަސްކޮށްދީފައިވެ އެވެ. އަދި އެ ގްރޫޕުން ވަނީ ރިސޯޓަށް ޗެކިންވުމާއި ޗެކް އައުޓްވުން އޮންލައިންކޮށް ކުރެވޭނެ ގޮތް ހަމަޖައްސައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ.

އަލުން ރިސޯޓްތައް ހުޅުވާއިރު، ގެސްޓުން ޗެކް އައުޓް ވުމަށް ފަހު ކޮޓަރިތައް ސާފުކޮށް ޑިސްއިންފެކްޓްކޮށް، ލަގެޖް ވެސް ޑިސްއިންފެކްޓް ކުރާނެ އެވެ.

ތާޖް ހޮޓެލްސް އިން ރާއްޖޭގައި ހިންގަނީ، ތާޖް އެކްޒޮޓިކާ ރިސޯޓު މޯލްޑިވްސް އާއި ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އެވެ.

ރާއްޖޭގެ ބޯޑަރު 15 ގައި ހުޅުވާއިރު މިމަހުގެ ތެރޭގައި ރާއްޖޭގެ 37 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.