(ހަތްވަނަ ބައި)
ކުއްލިއަކަށް އިވެން ފެށީ ބަރު އަޑެކެވެ. އެކި ފަހަރު އެކި އަޑެވެ. ކީހާ އަޑެވެ. ތޮރުފާ އަޑެވެ. ދަގަނޑު އެއްޗަކުން ދަގަނޑު ގަނޑެއްގައި ތަޅާއަޑެވެ. ބޮލަށް އުނދަގޫވާން ފެށިއެވެ. ދެ ކަންފަތުގައި އަތް އެޅުނެވެ. މަޑުމަޑުން ދެ ލޯ މެރޭހެން ހީވަމުން ދިޔައެވެ. ދެން ވީނުވީއެއް ނޭނގުނެވެ.
ދެ ލޯ ހުޅުވާލެވުނެވެ. އޭރު މީހާ އޮތީ ވަރުބަލިވެ ގުނބުހިލޭ ގޮތްވެފައެވެ. ކަރުތެރެ ހުރީ ބެދޭގޮތް ވެފައެވެ. ހިންދިރުވާލަން ވެސް އުނދަގޫވާވަރު ވެފައެވެ. ލޯ ހުޅުވާލެވުނީ ވެސް ވަރަށް މަސައްކަތުންނެވެ. ހީވީ އެސްފިޔަތައް ތަތްވެފައި ހުރިހެންނެވެ. ބޮލަށް ވެސް ހުރީ ފާޑެއްގެ ގޮތެއް ވެފައެވެ. ބަރުހެލިވެފައެވެ. ބޮލުގެ އެއް ފަރާތަށް ހީވަނީ ބަރެއް އަރުވާފައި އޮތް ހެންނެވެ.
އަހަންނަށް ބަލައިލެވެނެވެ. ފެނުނީ ހުދުކުލައެވެ. އެސްފިޔަތައް ހަރަކާތްކޮށްލުމަށްފަހު ދެވަނަ ފަހަރަށް ބަލައިލީމެވެ. އެފަހަރު ވެސް ވީއެހެންނެވެ. ފެނުނީ ހުދުކުލައެވެ. ރަނގަޅަށް ވިސްނައިލީމެވެ. އޮވެވުނު ތަނާ މެދުގައެވެ. ފާޑަކަށް ހިނި ވެސް އާދެވުނެވެ. އެހައި ކޫސަނި ގޮތަކަށް ވިސްނުނީތީއެވެ. ރަނގަޅަށް ދެ ލޯ ހުޅުވާލަމުން ބަލައިލީމެވެ. އާއެކެވެ. އަހަންނަށް އޮވެވުނީ އެނދުގައެވެ. ފެނުނީ ކުރިމަތީގައި އޮތް ހުދުކުލައިގެ ބާލީހެވެ. ހުދުކުލައިގެ ބެޓުޝީޓެވެ. މަޑުމަޑުން ބޯ ހިއްލައިލަމުން ބަލައިލީމެވެ. ފިނާ ކޮބައިތޯއެވެ. ފެންނާކަށް ނެތެވެ. އުޅަނބޮށި ވިއްދައިލަމުން މަޑުމަޑުން ތެދެވެ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލީމެވެ.
މޫނަށް އެޅިގެން ދިޔައީ ކުޑަދޮރުން ފޭދިފައި ހުރި ރަން ދޯދިތަކެވެ. އަހަންނަށް ބަލައިލެވުނީ ފާހާނާއާ ދިމާއަށެވެ. އިވެމުންދިޔައީ ފެންއޮހޭ އަޑެވެ. ޔަގީން ކުރެވުނީ ފާހާނާގައި ފިނާ އުޅޭ ކަމެވެ. ސިކުނޑިއަށް ތިލަވީ އެހެން ހިޔާލެކެވެ. ފާޑަކަށް ހިނިތުންވެވުނެވެ. އަމިއްލަ ދަތްދޮޅީގައި މަޑުމަޑުން އަތް ޖައްސައިލެވުނެވެ. ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ހިތްބުނަނީ ސިކުނޑިއަށް ތިލަވި ގޮތަށް އަމަލުކުރާށެވެ. ކުރެވެން ފެށީ ވެސް އެކަހަލަ އިހުސާސެކެވެ. ހިއްސުތައް ހޭލަމުން ދިޔަ ކަމުގެ އިހުސާސެވެ.
ގައިމަތީގައި އޮތް ބެޑުޝީޓު އެއްފަރާތްކޮށް ލެވުނެވެ. ފާޑަކަށް ސިހުން ލިބުނެވެ. ސިކުނޑީގެ އަނެއް ކަނުގައި ދުވެގަތީ އެހެން ހަނދާން ތަކެކެވެ. ހިތުގެ ދެ ފަރާތުން ވިކައިގަތީ މުޅީން ތަފާތު އިހުސާސްތަކެކެވެ. އަހަންނަށް ބަލައިލެވުނެވެ. ކަޅި ޖަހައި ނުލައި ބެލުނެވެ. އޮވެވުނު ގޮތަށެވެ. އޮވެވުނު ހާލާ މެދުގައެވެ. އަތުގައި އޮތް ބެޑު ޝީޓު ދޫކޮށްލެވުނެވެ.
ދެވަނަ ސިކުންތުގައި ސިކުނޑިއަށް ތިލަވީ ތަފާތު ހިޔާލެކެވެ. އެ ނަން ހަނދާނަށް އަންނަ ވަރެއް ނުވިއެވެ. ދެތިން ފަހަރަކު ވިސްނައިލެވުނެވެ. ޝާ ކިޔައިފަ ފެށޭ ނަމެއްކަން ހަނދާނަށް އާދެއެވެ. އަނެއްކާ ވެސް ވިސްނައިލީމެވެ. ފުންކޮށް ވިސްނައިލީމެވެ. މަޑުމަޑުން އަތަށް ބާރުކޮށްލެވުނެވެ. އެހައި ހިސާބުން އެ ހަނދާންތައް ސިފަވާން ފެށިއެވެ.
އެ ހުދު ކުލައިގެ ގަޔަށް ދޫ ހެދުމެވެ. ކިސުޅިވެފައިވާ ހުދުކުލައިގެ އިސްތަށިގަނޑެވެ. ހުދު އަޅި ކުލައިގައި ހުރި ހަންގަނޑެވެ. އާއެކެވެ. އެއީ ޝާހިދާއެވެ. އަނެއްކާ އަނެއް ސުވާލު ހިތަށް ވެރިވިއެވެ. އެއީ ކޮން ޝާހިދާއެއް ހެއްޔެވެ؟ އޭނާ އެ ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އަހަންނަށް ޝާހިދާއާ ދިމާވީ ހެއްޔެވެ؟ ނޫނީ އަހަންނަށް އޭނާ ފެނުނީ ހުވަފެނަކުން ހެއްޔެވެ؟
ދެފިކުރެއްގައި އޮވެވުނެވެ. މަޑުމަޑުން އެހަނދާންތައް ކުރަމުން ދިޔައީމެވެ. އޭނާގެ ދެއްކި ވާހަކަތައް ހަނދާނަށް ގެނެވޭތޯ ބެލީމެވެ. އަހަންނަށް ދިން އިންޒާރު ސާފުވޭތޯ އުޅެވުނެވެ. ހަނދާންނަށް އަންނަނީ ބައެއް ލަފުޒުތަކެވެ. ބައެއް ޖުމުލަތަކެވެ.
މަޑުމަޑުން އެނދުން ތެދެވެ ހަށިގަނޑަށް ބަލައިލީމެވެ. ފަލަމަސްގަނޑަށް ކަޅިއެއް އެއްލުނެވެ. މަޑުމަޑުން މޭ މައްޗަށް ބަލައިލެވުނެވެ. އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ.
"ހޭލެވުނީދޯ؟" ފާހާނާއިން ނުކުންނަމުން ފިނާ ބުނެލިއެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނީ ފިނާ އަށެވެ. ފިނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޭނާގެ ދެ ތުންފަތުގެ ރަތްކުލަ ކުރިއަށް ވުރެ ގަދަހެން ހީވެއެވެ. އެ މޫނުމަތިން ފެންނަ ތާޒާކަމުގެ ސަބަބުން ބަލާ ކޮންމެ މީހަކަށް އާދަޔާ ހިލާފު އުފަލެއް ލިބޭ ކަހަލައެވެ. ފިނާގެ ބޮލުގައި އޮޅައިލައިފައި އޮތް ތުވާއްޔަށް ބަލައިލެވުނެވެ. އޭނާގެ މޭމައްޗާއި ކަކުލާހަމައަށް އޮޅައިލެވިފައިވާ ތުވާއްޔަށް ވެސް ބަލައިލެވުނެވެ.
"ހާދަވަރަކަށް ތި ބަލަނީ؟" ފިނާ ލަދުގަތް ހެން ހީވިއެވެ. "އަދިވެސް ނުފުދެނީތަ؟"
އަހަންނަށް ބެލެނީ އޭނާގެ މޫނަށެވެ. އެ އުފާވެރި ހިނިތުންވުމަށެވެ. ސިކުނޑީގައި ހުރި ބަރު ހިޔާލުތައް މަޑުމަޑުން ލުއިވަމުން ދިޔަ ކަހަލައެވެ.
"އެއްޗެއް ހުރީތަ؟" އަހަރެން ގާތަށް އައިސް ފިނާ ހުއްޓިލިއެވެ.
ނޫނެކޭ ބުނުމުގެ ގޮތުން އަހަންނަށް ބޯ ހޫރައިލެވުނެވެ. ސުވާލުގެ ނަޒަރުން ފިނާ ބަލައިލިއެވެ. ފިނާގެ މޫނަށް އަރައި ފައިބަމުންދާ ކުލަތަކަށް ބަލަން އިނދެވުނީއެވެ.
"ކީއްވެ ފާޑަކަށް ބަސްމަދުވެފަ ތި އިންނަނީ؟" އަނެއްކާ ވެސް ފިނާ ބުނެލިއެވެ.
ބަދަލުގައި އަހަންނަށް ހީލެވުނީއެވެ. ކަމެއް ވެއްޖެހޭ އަހައިލެވޭ ފަދަ މޭރުމަކުން ބަލަން އިނދެގެންނެވެ.
"ބަލީތަ؟" ފިނާ އަހައިލިއެވެ.
"ނޫނެކޭ." އަހަރެން ބުނަން ބޭނުންވި ވާހަކަތަކުގެ އަޑު ބޭރަށް ނުނިކުތެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ. ފިނާ ވެސް އަހަންނާ ދިމާއަށް ތިރިވެލިއެވެ. ދެ ބުމަ ކައިރިކޮށްލަމުން ހައިރާން ކަމާއެކު އޭނާ ބަލައިލިއެވެ.
"ކިހިނެއްވީ؟" ލަސްލަހުން ފިނާ ބުނެލިއެވެ. "ކަމެއްވީތަ؟"
އަހަންނަށް ހިންދިރުވާލެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"ރޭގަ ވާހަކަދެއްކީމެއްނު. އަނެއްކާ މާބާރަށް އަޑުގަދަ ކުރެވުނީތަ؟" ފިނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
ފިނާ ބުނި ވާހަކައެއް އަހަންނަކަށް ދޭހައެއް ނުވިއެވެ. އެހެންވެ އޭނާގެ މޫނަށް ބަލަން އިނދެވުނީއެވެ. އޭރު ކޮންމެ ވެސް ވަރަކަށް ކަރުގައި ރިހުމެއް ހުރިހެން ހީވަމުން ދިޔައެވެ.
"އަނގަ ހުޅުވާފަ ކުޑަކޮށް ޓްރައިކޮށްބަލަ ވާހަކަދެއްކޭތޯ؟" ފިނާ އެނދުގައި އިށީންނަމުން ހަމަޖެހިލިއެވެ.
ފިނާ ބަލަމުން ދިޔައީ ސީދާ އަހަރެންގެ ލޮލަށެވެ. އަހަންނަށް އުނދަގޫ ގޮތްތަކެއް ވާން ފެށިއެވެ. ފެންނަމުން ދިޔަ މަންޒަރު ބައެއް ފަހަރު ބަދަލުވާހެން ހީވަމުން ދިޔައެވެ. ފިނާގެ ލޮލުގެ ތެރެއިން ޝާހިދާގެ ދެ ލޯ ފެންނަ ހެން ވެސް ހީވަމުން ދިޔައެވެ. ފިނާގެ ނޭފަތް ބައެއް ފަހަރު ބަދަލުވާ ހެން ހީވަމުން ދިޔައެވެ.
"އަހަންނަށް ގަބޫލެއް ނުކުރެވޭ ޝަރީއަށް ވާހަކަ ނުދެއްކެނީ ކަމަކަށް،" ފިނާ އަހަރެންގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.
"ޝަރީ މަޖާ ކުރަނީތަ؟"
ނޫނެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ހޫރައިލީމެވެ.
"ޝާހިދާ އެ ކާކުތަ؟" އަހަރެން ވާހަކަދެއްކޭތޯ ބެލީމެވެ.
އަޑު ބޭރު ނުވި ނަމަވެސް އަހަރެންގެ ޖުމުލަ ފިނާ ކިޔައިލިއެވެ.
"ކޮން ޝާހިދާއެއް؟ ކީކޭ ތި ކިޔަނީ؟" ފިނާގެ ދެ ބުމަ ކައިރިކޮށްލަމުން އަހައިލިއެވެ.
"ރޭގަ މި ކޮޓަރިއަށް އަޔެއްނު." އަހަރެން އަތުން ހަރަކާތްކުރަމުން އަނގަ ވެސް ހަރަކާތްކޮށްލީމެވެ.
"ކޮން އިރަކު؟" ފިނާ ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ. "ކޮން ޝާހިދާއެއް އަހަރެން ނުދަންނަ އިތުރު މީހަކު މި ކޮޓަރިއަށް ވަންތަ؟"
އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ.
ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ކުއްލިއަކަށް ފިނާގެ ސިފަ ބަދަލުވިއެވެ. އެއީ ޝާހިދާއެވެ. އޭނާގެ ދެ ލޮލެވެ. ހުދުކުލައިގައި ހުރި ދެ ކަޅިއެވެ. ހުދުކަޅި ހުރީ ކަޅުކުލައިގައެވެ. ރޫޖެހިފައިވާ އެ މޫނެވެ. ކިސުޅިވެ ހޭވިފައިވާ އެ އިސްތަށިގަނޑެވެ.
"ޝާހިދާ." އަހަންނަށް ފަހަތަށް ޖެހެވުނެވެ.
"ކޮން ޝާހިދާއެއްތަ؟" އަހަރެންގެ އަޑު ބޭރު ނުވިޔަސް ފިނާ އަހަރެންގެ ވާހަކަތައް ދޭހަކުރެއެވެ. "ކީއްވެތަ ބިރު ގަންނަނީ ތި؟ ކީއްވެތަ ޖެހިލުންވަނީ ތި؟"
އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ފާޑެއްގެ ބިރުވެރިކަމެއް ހިތުގައި ފެވެމުން ދިޔައެވެ. ހިތުގެ ހިނގުން އަވަސްވެ މޭގެ ތެޅުން ބާރުވަމުން ދިޔައެވެ. ލޮލަށް ފެންނަނީ ރަނގަޅު މަންޒަރު ކަމާ މެދު ސުވާލު އުފެދެމުން ދިޔައެވެ.
"ކޮބާ ފިނާ؟" އަހަންނަށް ބާރުބާރަށް ބުނެލެވޭތޯ ބެލުނެވެ.
އެ ކަންވީ ބޭކާރެވެ. އަޑެއް ބޭރެއް ނުވިއެވެ. ނަމަވެސް ފިނާ އަހަރެންގެ އަނގައިގެ ހަރާކާތްތައް ދެނެގަތެވެ.
"މި ފިނާއޭ. ކީއްވެގެންތަ ތިއުޅެނީ؟ ކޮންކަމަކާތަ ތި ބިރު ގަންނަނީ؟ ކޮން ޝާހިދާއެއްގެ ވާހަކައެއްތަ ތި ދައްކަނީ؟" ފިނާގެ ހިތުގައި އެމުނެމުން ދިޔަ ސުވާލުތައް އެއްފަހަރާ ބޭރުކޮށްލިއެވެ.
އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ވެސް ނުވިސްނުނެވެ. އެއީ އަހަރެންގެ ހިތުގައި ވެސް ހުރި ސުވާލުތަކެވެ. މައްސަލައަކީ ވެސް އެއީއެވެ. އަހަންނަށް ވާނުވާ ނޭނގުމެވެ. ފެންނަ މަންޒަރާއި ހަގީގަތާ ދިމާ ނުވާތީއެވެ. އަސްލަކީ، ހަގީގަތަކީ ކޮބައިކަން ނޭނގޭތީއެވެ.
އެއްފަހަރު ފިނާ ފެނިދާނެއެވެ. އަނެއް ފަހަރު ޝާހިދާ ފެނިދާނެއެވެ. ފިނާއަކީ ކާކުކަން ޝާހިދާއަކީ ކާކުން މިހާރު އޮޅިއްޖެއެވެ.
ކުއްލިއަކަށް ކަރުގައި ރިހޭން ފެށިއެވެ. އަހަންނަށް ކަރުގައި ހިފައިލެވުނެވެ. ހީވަނީ މީހަކު ކަރުގައި ހިފައި ބާރުކުރަމުން ދިޔަހެންނެވެ. ހަނދާނަށް އައީ ޝާހިދާ އަހަރެންގެ ކަރުގައި ހިފައި ބާރުކޮށްލި ހަނދާނެވެ. ހަމަ އެތަނުގައި މީހަކު ހިފައިގެން ހުރި ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
އަހަރެންގެ ނޭވާ ހާސްވެ އަރުބެދޭހެން ހީވަމުން ދިޔައެވެ. އަމިއްލައަށް ކަރުގައި އަތް އަޅައިލެވުނެވެ. ސިފަވަމުން ދިޔައީ ޝާހިދާ އަހަރެންގެ ކަރުގެ ދެފަރާތުގައި ހިފައި ބާރުކުރަމުންދާ ކަމެވެ. އަހަންނަށް ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. ޝާހިދާ އޮތީ އަހަރެންގެ މޭމައްޗަށް އަރައިފައެވެ. އަހަންނަށް ގުޑި ނުލެވޭނެހެންނެވެ. އޭނާ އަހަރެންގެ ކަރުގައި ހިފައި ބާރުކުރަމުން ދިޔައެވެ.
"ކަލޭއަށް އޮތީ ދެ ގޮތް، އެއްގޮތަކީ މަރު އަނެއް ގޮތަކީ ދިރިހުރުން. ކަލޭ ބޭނުން ކަމެއް ބުނޭ." ޝާހިދާ ތުންފަތް ހަރަކާތެއް ނުކުރެއެވެ. ނަމަވެސް، އޭނާގެ އަޑު އަހަރެންގެ ކަންފަތާ ހަމައަށް ފޯރަމުން ދިޔައެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ. ކުއްލިއަކަށް ޝާހިދާ ގެއްލުނެވެ.
މާނޭވާލެވޭ ހާލު އަހަންނަށް ތެދުވެ އެނދުގައި އިށީނދެލެވުނެވެ. އޭރު ފިނާ ހުރީ ވާނުވާ ނޭނގި ބަލާށެވެ. އަހަންނަށް ކަރުގައި އަތް އެޅުނެވެ.
"ކަރަށް ކިހިނެއްވީތަ؟ ޝަރީ ކޮންހާ ވައްތަރެއްތަ ތި ޖައްސަނީ؟ ތިއުޅެނީ އަހަރެން ބިރު ގަންނުވަންތަ؟" ފިނާ ހިތްހަމަ ނުޖެހި ހުރެ ވާހަކަދެއްކިއެވެ.
އަހަންނަށް ކަރުގައި އަތުން ފިރުމޭންފެށިއެވެ. ކަރުގެ ބޭރު ފަރާތުން ނަގަމުން ދިޔައީ ފާޑެއްގެ ދިލައެކެވެ. އިހުސާސް ކުރެވެމުން ދިޔައީ ނޭނގޭ ދިލަ ހޫނު ކަމެކެވެ.
"ދައްކަބަލަ ބަލައިލަން. ކަރަށް ކިހިނެއްތަވީ؟" ފިނާ އެނދަށް އަރަމުން ބުނެލިއެވެ.
އަހަރެން ދެ އަތް ނަގައި ފިނާއަށް ދައްކާލީމެވެ.
"ސުބުހާނަﷲ. މި ކޮންކަމެއް؟ މި ހުރީ ކިހިނެއް ވެފަ؟" ފިނާ ބިރުގަންނަ ގޮތްވިއެވެ. (ނުނިމޭ)