ވިޔަފާރި

ފެލިވަރު ފެކްޓްރީއަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ

ފެލިވަރު ފެކްޓްރީއަށް ބޭނުންވާ 200 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފަށައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ އަންނަ މަސް ނިންމޭވާއިރަށް ފެލިވަރުގެ ފެންވަރު މަތި ކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިންމެންވާއި ރަށް 200 އެއްހާ މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށެވެ.

"އަޕްގްރޭޑް ނިމި އޮޕަރޭޝަން ފެށޭއިރަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުން ވޭ. އެހެންވެ ހަފުތާ ބަންދުގައި ޅ.އަތޮޅުގައި މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާނީ. އެ މަސައްކަތް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނެ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވެސް އަމާޒަކީ ވަޒީފާތަކަށް ދިވެހިން ހޯދުން ކަމާއި، މި ވަޒީފާތަކަށް ވީހާ ގިނަ ދިވެހިން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެޗްއާރުޓީމް މިއަދު ދާނެ ނައިފަރަށް. ހުކުރު ދުވަހު ފަށާ ޖޮބް ފެއާއެއްގައި ވެސް ބައިވެރިވާނެ. މި މަސައްކަތް ހަފުތާ ނިމެންދެން ކުރިއަށް ދާނެ. ބޭނުމަކީ މީހުން ނަގައި ޓްރެއިން ކުރުން،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު އަޕްގްރޭޑްކޮށް 50 ޓަނަށް ބަދަލު ކުރުމުގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ރޯދަމަހާ ކުރިމަތިވުމާއި، ފެކްޓްރީ ބަންދު ނުކޮށް މަސައްކަތް ކުރުމުން ކަމަށެވެ.

"ނަމަވެސް އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ. މިހާރު ހޮޅިތައްވެސް އަޅައިފި. ދެން މެޝިންތައް އައުމުން ގުޅާލަން ޖެހޭނީ،" އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވި ގޮތުގައި ފެލިވަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފޭސްތަކަށް ބަހާލައިގެން ނެވެ. މި މަޝްރޫއަށް ތިން މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ފެލިވަރު އަޕްގްރޭޑް ކުރުމުގެ ގޮތުން ގެންނަ ސާމާނު އަންނަ ހަފުތާ ހިސާބު ރާއްޖެ ގެންނާނެ އެވެ. މި ގޮތުން 18 ވަރަކަށް ކޮންޓެއިނަރުގެ މުދާ ރާއްޖެ ގެންނާނެ އެވެ. މީގެ ތެރޭގައި ހެވީ މެޝިނަރީވެސް ހިމެނެ އެވެ.