ހަބަރު

ޕްރިޔަންކާ ދަތުރުކުރި ލޯންޗް ފަރަށް އަރައިފި

Jan 8, 2015

ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން މިރޭ ހުށަހަޅައިދޭ ޝޯ ގައި ބައިވެރިވުމަށް ރާއްޖެ އައި ބޮލީވުޑްގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ދަތުރުކުރި ލޯންޗް ފަރަށް އަރައިފި އެވެ.

ޕްރިޔަންކާގެ ރަސްމީ ޓްވިޓާ އެކައުންޓުން ދެންމެ ކުރި ޓްވީޓެއްގައި ވަނީ އޭނާ ދަތުރުކުރި ލޯންޗް ފަރެއްގައި ޖެހިފައިވާ ކަމަށާއި ކޯސްޓްގާޑްގެ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ ކައިރި ފަރަކަށް ލޯންޗެއް އަރާފައިވާ ކަމަށާއި އޭގައި ތިބި ފަޅުވެރިން ފިޔަވައި އެހެން އެންމެން އެހެން ލޯންޗަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ ސަފީރު ރަޖީވް ޝަހާރޭ ވެސް އެ ލޯންޗް ފަރަށް އެރި ވަގުތު އެ ލޯންޗްގައި ހުންނެވި އެވެ.

އެ ޝޯގެ ކަންކަން އިންތިޒާމްކުރާ ޗޮޕް އާޓުން ބުނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މިރޭ 9:00 ގައި ޝޯ ފަށާނެ ކަމަށެވެ.

އެ ޝޯގައި ބައިވެރިވުމަށް މިއަދު ހަވީރު ޕްރިޔަންކާ ރާއްޖެ އައިސްފައިވާއިރު އޭކަން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފަ އެވެ.