ދިވެހި ސިނަމާ

އައި ފިލްމްސްއިން ޖުމައްޔިލްއަށް ދެން ފުރުސަތެއް ނެތް

Jul 4, 2020
9

ފިލްމް އިންޑަސްޓްރީއަށް އެންމެ ފަހުން ތައާރަފްވި "އައި ފިލްމްސް" އިން ފިލްމީ ތަރި ޖުމައްޔިލް އާއެކު އިތުރަށް މަސައްކަތް ނުކުރާނެ ކަމަށް ބުނެފި އެވެ.

ފިލްމީ ތަރި ޖުމައްޔިލް ނިމާލް އޭނާގެ ދެބެއިންގެ ދެދަރި އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާ އަށް ތިލަކުރީ މި ހަފްތާގަ އެވެ. އެކަން ހިނގި ގޮތް ވެސް ވަނީ ސޯޝަލް މީޑިއާގައި ކިޔައިދީފަ އެވެ. ރޭޕްގެ ތުހުމަތާއެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ޕީޖީ އޮފީހުން ބުނީ ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމާފައި ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ޕީޖީ ހުސެން ޝަމީމް ކުރެއްވި ރިޕްލައި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ އަށް ވެފައި އޮތް ގޮތް ބައްލަވައި ވެދެވެން އޮތްތޯ ބައްލަވާނެ ކަމަށެވެ.

އެ މައްސަލަތައް ފެންމަތިވިއިރު އައި ފިލްމްސްގެ ދެވަަނަ ފިލްމް "ނީނާ" ގައި ޖުމައްޔިލް މުހިންމު ރޯލެއް އަދާ ކުރެއެވެ. އެ ފިލްމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.

އެ ސްޓޫޑިއޯއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖުމައްޔިލްއާ އެކު އެ ސްޓޫޑިއޯއިން އުފެއްދި "ނީނާ"ގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ނިމިފައިވާ ކަމަށެވެ. އެ ސްޓޫޑިއޯއިން ދިޔައީ އިތުރު ފިލްމެއްވެސް ޖުމައްޔިލް ހިމަނައިގެން ތައްޔާރުކުރަން ތައްޔާރުވަމުންނެވެ.

ނަމަވެސް މިއަދު އެ ސްޓޫޑިއޯއިން ނެރުނު ބަޔާނުގައި މި ތުހުމަތުތައް ޖުމައްޔިލްގެ މައްޗަށް ކުރެވުމާއެކު އޭނާއާއެކު ދެން މަސައްކަތް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ސްޓޫޑިއޯއިން އަބަދުވެސް ޖިންސީ ގޯނާއާއި ހާނިއްކަ އަދި ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅު ހަދާ ކަމަށް ވަނީ ބުނެފައެވެ.

ޖުމައްޔިލް ނިމާލްްގެ ފިލްމީ ކެރިއާގައި އޭނާގެ މަގުބޫލުކަން އިތުރުވީ ޑާކްރެއިންގެ ގިނަ ފިލްމުތަކުންނެވެ.

ޑާކްރެއިން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޖުމައްޔިލް ނިމާލް އާ ގުޅިގެން ކޮށްފަައިާ ތުހުމަތުތައް އެ ކުންފުންޏަށްވެސް އެނގުނީ، އއެ ތުހުމަތުތައް ސޯޝަލް މީޑިއާ އަށް ތިލަވުމުން ކަމަށެވެ. އަދި ޑާކްރެއިން އިން ޖުމައްޔިލް އާއެކު އެންމެ ފަހުން އުފެއްދި ފިލްމު އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި މި ޖުލައިގައި އަޅުވަން ތައްޔާރުވެފައި ކަމަށާއި މި ތުހުމަތުތަކާއެކު މިހާރު ކުރުމަށް ހަމަޖެހިފައިހުރި މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

"މިފަދަ އަމަލެއްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލް އާއެކު މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަން އާއްމުކޮށް އަންގަން" ޑާކްރެއިންގެ ބަޔާނުގައި ވެ އެވެ.

ޑާކްރެއިން އިން ބުނީ، އެ ޓީމުން ޖިންސީ ގޯނާ އާއި ރޭޕްގެ އެއްވެސް އަަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އަނިޔާގެ ޝިކާރަައަކަށްވެފައިވާ ފަރާތްތަކާއެކު އެ ކުންފުނިން އަބަދުވެސް ވާނެކަމަށް ވަނީ ބުނެފަ އެވެ.