ދިވެހި މީޑިއާ

އިބްރާހިމްގެ ފޮތެއް ނަޝީދު ނެރެދެއްވަފި

Jul 5, 2020
8
ރައީސް މުހައްމަދު ނަޝީދު މިއަދު އިބްރާހިމް މުހައްމަދުގެ ފޮތް. ނެރެ ދެއްވަނީ
0%
0%
0%

"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ނަމުހައި ކުރީގެ ނޫސްވެރިޔާ އިބްރާހިމް މުހައްމަދު ލިޔުއްވެވި ފޮތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުއްމަދު ނަޝީދު، ނެރެދެއްވައިފި އެވެ.

އިބްރާހިމްގެ ފޮތް، ރައީސް ނަޝީދު ނެރެ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.

ކުރިން މިނިވަން ނޫހާއި ހަވީރު ނޫހުގައި ވެސް މަސައްކަތް ކުރެއްވި އިބްރާހިމަކީ މިހާރު ޖެންޑާ މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާގައި 13 އަހަރު މަސައްކަތް ކުރައްވާފަ އެވެ. ޝަރުއީ ދާއިރާ އާއި ސިޔާސީ ދާއިރާއަށް ހާއްސަވި އިބްރާހިމަކީ އިނގިރޭސި ބަހާއި ދިވެހި ބަހުން ލިޔުއްވެވި މަދު ނޫސްވެރިންގެ ތެރޭ ހިމެނި ވަޑައިގަންނަވާ ނޫސްވެރިއެވެ. އޭނާ ވަނީ ރާއްޖޭން ބޭރުގައި ނޫސްވެރިކަމުގެ ދާއިރާއިން އުނގެނުމުގެ އިތުރުން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމާއަތްތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.

އިބްރާހިމްގެ ފޮތުގައި ހަބަރާއި މައުލޫމާތުން ސިޔާސީ ދާއިރާގައި ހޯދިދާނެ ފައިދާތަކާއި ދެވިދާނެ ގެއްލުންތަކާއި، އެ ދައުރު އަދާކުރުމުގައި ނޫސްވެރިކަމާއި މީޑިއާގެ ވަސީލަތްތައް ބޭނުން ކުރާ މިންވަރާއި، ސަރުކާރެއްގައި ހަބަރާއި މައުލޫމާތު ފެތުރުމާއި މީޑިއާގެ ވަސީލަތްތަކުގެ މުހިންމުކަން އޮތް މިންވަރުގެ އިތުރުން އިލްމީ ގޮތުން ރާއްޖޭގެ މީޑިއާގެ ތާރީހު ގެނެސްދީފައި ވެއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ މީޑީއާގައި ވެސް މަސައްކަތް ކުރެއްވި އިބްރާހިމްގެ ފޮތުގައި މީޑިއާގައި ހަރަކާތްތެރިވާ މީހުނާއި ސިޔާސީ ދާއިރާގެ މީހުނާއި ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހުނާއި ސަރުކާރުގެ އިތުރުން ކިޔަވާ ކުދިންނަށް ބޭނުން ކުރެވޭނެ ގިނަ މައުލޫމާތުތައް ވެސް ހިމަނާފައި ވެއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން 15 އަހަރުން މަތީގެ މީހުނަށް ދަރަޖަ ކޮށްފައިވާ މި ފޮތުގައި 18 ޗެޕްޓާ ހިމެނެ އެވެ. އަދި 164 ސޮފުހާގެ ފޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުން ފާހަގަވާ ގިނަ ބައެއްގެ ވާހަކަތައް މިސާލުގެ ގޮތުގައި ގެނެސްދީފައިވާއިރު ބަނައިލްއަގުވާމީ ގޮތުން ފާހަގަ ކުރެވޭ 12 ފަރާތެއް ވެސް ހިމަނާފައި ވެއެވެ.

އިބްރާހިމް ލިޔުއްވެވި ފޮތުގެ ކަވަރު

ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ވެރިކަން ހޯއްދެއްވުމަށާއި، ވެރިކަމުގައި މީޑިއާގެ ވަސީލަތްތައް ބޭނުން ކުރެއްވި ގޮތްތަކާއި، މައުލޫމާތު ފެތުރުމާއި ނޫސްވެރިކަމުގެ ހާލަތު އަދި ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގުމުގައި މީޑިއާގެ ދައުރު ބޭނުން ކުރެއްވި ގޮތް ވެސް މި ފޮތުގައި ވެއެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގއްޔޫމް މީޑިއާގެ ވަސީލަތްތަކުގެ ބޭނުން ހިތްޕެވިގޮތް ވެސް ފޮތުގައި ވެއެވެ.

ހެރިއޮޓް ވޮޓް ޔުނިވާސިޓީގެ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އިބްރާހިމް ނޫސްވެރި ކަމަށް ނުކުތީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. ނޫސްވެރިކަމުގެ ތެރެއިން އޭނާ ދެ ފަހަރަށް ހައްޔަރުކޮށް، އެއް ފަހަރު ޖަލުގައި ބަންދު ކުރި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345