ހަބަރު

ނޫސްވެރިކަމުގައި 14 ފަހަރަށް ޖަލަށްލީ އަޅުގަނޑު، މައުމޫންއަށް މަރުހަބާ: ނަޝީދު

Dec 12, 2018
27

ނޫސްވެރިކަމުގެ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ނުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަފާތު ޝުއޫރެއް ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދަކީ 1980 ވަނަ އަހަރުން ފެށިގެން އޭރު އޮންނަ "ސަންގު" ނޫހުގައި މަސައްކަތް ކުރައްވާ، މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި އާލާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ނޫސްވެރިކަަމުގެ ދާއިރާއަށް ހިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށްފައިވާއިރު ރައީސް ނަޝީދުގެ ނަން ފާހަގައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެންމެ މަތީ ޝަރަފް، އަލިމަސް ޝަރަފުގެ ގަލަން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް އަރުވައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވަނީ ތަފާތު ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި އެމަނިކުފާނު 14 ފަހަރަށް ވުރެ ގިނައިން އޭނާ ޖަލަށްލާ ތަފާތު އަދަބުތައް ދީފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވުމަށްފަހު ނަޝީދު ވަނީ ނޫސްވެރިކަމުގެ ޝަރަފުވެރި އިނާމް ރައީސް މަައުމޫންއަށް ލިބުނީތީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އެވޯޑެއް ނުދިން މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން އެވޯޑް ހަފްލާ އިންތިޒާމް ކުރި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އަމާޒުވެފަ އެވެ. ރައީސް މައުމޫންއަށް އެވޯޑު ދިނުމުގެ ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.