ހަބަރު

ތެލެސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭނެކަމަށް ބުނެފި

ނެޝަނަލް ތެލެސީމިއާ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

ފައިސަލް މިއަދު ވަނީ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ހިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި، އެ ސެންޓަރުގެ ހިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބު ރައީސާ ހިއްސާ ކުރައްވައިފަ އެވެ.

އެމަނިކުފާނު ވަނީ އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި ތެލެސީމިއާގެ 800 އެއްހާ ދިވެހިން ވަނީ ރަޖިސްޓާ ކޮށްފަ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ. މި މީހުންނާ ގުޅިގެން އެކި ފަހަރު އެކި ކަންކަމުގައި ކަންބޮޑުވުންތައް އެމީހުންނާއި އާއިލާތަކުން ކުރެ އެވެ.

މިދިޔަ ފަސް އަަހަރު ތެރޭ، 77 ތެލަސީމިއާ ކުދިން ތެލަސީމިއާ އަށް ރެޖިސްޓާ ކުރި އެވެ. އަދި، 40 ކުދިން ފަސް އަަހަރު ތެރޭ މަރުވި ކަމަށް ތެލަސީމިއާ ސޮސަައިޓީގެ ރެކޯޑްތަކުން ދައްކަ އެވެ.