ހަބަރު

ލޭ އަޅައިދޭ ވަގުތު ކުޑަކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

Nov 22, 2020
2

ތެލެސީމިއާ ކުދިންނަށް ލޭ އަޅައިދޭ ވަގުތު ކުޑަކުރުމުން ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރުގެ ހިންގުން ދޯދިޔާވެ އެ ތަނުންދޭ ހިދުމަތްތަކާއިމެދު ކުދިންނާއި ބެލެނިވެރިން އަބަދުވެސް ޝަކުވާ ކުރެއެވެ. އެ މައްސަލަތައް ސަރުކާރުގެ އެންމެ އިސްވެރިންގެ ސަމާލު ކަމަށް ގެނައި ނަމަވެސް މައްސަލަތައް ހައްލުނުވެ އިތުރު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

މީގެ ކުރިން ތެލެސީމިއާ ކުދިންނަށް ހެނދުނު އަށަކުން ފެށިގެން މެންދުރު 1:30 އަށް ލޭ އަޅައިދެއެވެ. ނަަމަވެސް މި ފަހުން ލޭ އަޅަން ކުދިންނަށް އެ ސެންޓަރުން ފުރުސަތު ދެނީ ހެނދުނު އަށަކުން ނުވަޔަކަށް އަދި މެންދުރު 12 އިން އެކަކަށެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް ކުދިން ބުނީ އެ ވަގުތަށްވުރެ ކިތަންމެ ކުޑަ ވަގުތުކޮޅެއް ލަސްވި ނަމަވެސް އެ ދުވަހު ލޭ އަޅައިނުދީ ފޮނުވާލާ ކަމަށެވެ. ތެލެސީމިއާ ބައެއް ކުދިންނަކީ ވަޒީފާގައިވެސް އުޅޭ ކުދިންނަށްވާތީ ލޭ އަޅައިދޭ ވަގުތު ކުޑަކުރުމުން އެ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ލޭ އަޅަން ޖެހޭ ދުވަހެއް ނަަމަ އޮފީހަށް ސަލާމް ބުނެފައި ނޫނީ އެކަން ނުކުރޭ ކަމަށް އެ ކުދިން ބުނެއެވެ.

ބައެއް ކުދިންނަކީ މަހަކު ދެ ފަހަރު ނޫނީ ތިން ފަަހަރުވެސް ލޭ އަޅަން ޖެހޭ ކުދިންނެވެ. މަހަކު ތިން ދުވަހު ވަޒީފާއަށް ސަލާމް ބުނަން ޖެހޭ ގޮތަށް ގަވާއިދު ހަދާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުދިން ބުންޏެވެ.

މާލޭގައި ލޭ އަޅާ 300 އެއްހާ ކުދިން ތިބިއިރު މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް ނާއިބް ރައީސް ފައިސަލް ނަސީމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަރިހު އެ ކުދިން ވަނީ އެދިފައެވެ