އަހުމަދު ނަސީމް

ރާއްޖޭގައި ސިޒޭރިން ހަދާ އަދަދު ގިނަ: ނަސީމް

ރާއްޖޭގައި ސިޒޭރިން ހަދާ އަދަދު ގިނަ ކަމަށް ވިދާޅުވެ އެކަމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ނަރުހުން ވަޒީފާގެ މާހައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި އެ ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ނާއިބް ރައީސް މިއަދު ބޭއްވެވި ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ އަދަދު ގިނަ ކަން ފާހަގަކުރައްވައި ނާސިން ކޯސް ފުރިހަމަ ކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. މިކަން ހައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ނަރުހުންގެ އަދަދު މަދު ވުމުން އެކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. ނާސިންގް ކޯހަށް ދަރިވަރުން ލިބޭއިރު ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނަ މީހުންގެ އަދަދު މަދު ވަނީ ދިވެހިންނާ ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުމުން ކަމަށް ބައްދަލްވުމުގެ ބައިވެރިވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.