އިދިކޮޅު ފަރާތްތައް

އަނިޔާ ހައްދުން ނެއްޓިއްޖެ، މަޑަކުން ނުތިބޭނަން: އިދިކޮޅު

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން ދެމުންދާ އަނިޔާތައް ހައްދުން ނައްޓާފައިވާ ކަމަށާއި އެ މަންޒަރު ބަލަން އިދިކޮޅުން މަޑުން ނުތިބޭނެ ކަމުގެ އިންޒާރު ދީފި އެވެ.

މިއަދު އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގައި ރައީސް ޔާމީންގެ ގާނޫނީ ޓީމް ލީޑު ކުރައްވާ ޖަމީލް ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މިއީ ރައީސް ޔާމީން ޖަލަށްލެވުނު ފަހުން އެމަނިިކުފާނުގެ ގާނޫނީ ޓީމުން އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ބެއްލެވި ޑޮކްޓަރުން ވިދާޅުވި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަންޖެހޭ ކަންކަން ކުރައްވަމުން ނުގެންދަވާ ކަމަށެވެ. އޭގެ ސަަބަބުން ރައީސް ޔާމީނަށް މިއަދު ޖިސްމާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

"ރައީސް ޔާމީނަށް މިހާރު ވަނީ ޖިސްމާނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. މިސާލަކަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ފޯން ކޯލްގައި ވެސް އެހެން ވިދާޅުވީ މިހާރު ހިނގަން ވެސް އުނދަގޫވާ ކަމަށް. އަޅުގަނޑުމެން އެބަޖެހޭ ދެއްތޯ އިންސާނިއްޔަތުކަން ވެސް ދައްކަން. އަދި އިސްތިއުނާފުގެ މަރުހަލާ ވެސް މި އުޅެނީ ނުނިމިގެން. ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެއް މިއީ،"

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސް ކަމަށާއި އެމަނިކުފާނަށް މި ސަރުކާރުން ދެމުންދާ އަނިޔާތަކަކީ ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށެވެ.

"ދުނިޔެ މައްޗަށް އިރުއަރާ ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާ ދެމުންދާ ދުވަހެއް. އެ އަނިޔާގެ ހިތި ރަހަ މިއަދު އަޅުގަނޑުމެންގެ އަރުތެރޭގައި ލައިފި. ރައީސް ޔާމީންގެ ގާނޫނީ ވަކީލުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ގޮތުގައި ރައީސް ޔާމީން މިވަގުތު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ. އަމިއްލަފުޅަށް ތެދުވެވަޑައިގެން ހިނގާބިނގާނެ އުޅެންވެސް އުނދަގޫ. މިއީ އަޅުގަނޑުމެންނަށް ކެތްނުކުރެވޭނަމަ ފުން ހިތާމައެއް އަދި ކަންބޮޑުވުމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ޖިސްމަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި އަނިޔާވެރިންނާ ދެކޮޅަށް އިންސާފު އަރާ ހަމަކުރާނެ ދުވަސް އަންނާނެ ކަމަށް ވިދާޅުވި އެވެ. އަނިޔާވެރިކަން އަބަދު ދެމި ނޯންނާނެ ކަމަށާއި އަނިޔާގެ ބަދަލު ދޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ދުނިޔެ މައްޗަށް އިރުއަރާ ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާ ދެމުންދާ ދުވަހެއް. އެ އަނިޔާގެ ހިތި ރަހަ މިއަދު އަޅުގަނޑުމެންގެ އަރުތެރޭގައި ލައިފި. ރައީސް ޔާމީންގެ ގާނޫނީ ވަކީލުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ގޮތުގައި ރައީސް ޔާމީން މިވަގުތު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ. އަމިއްލަފުޅަށް ތެދުވެވަޑައިގެން ހިނގާބިނގާނެ އުޅެންވެސް އުނދަގޫ. މިއީ އަޅުގަނޑުމެންނަށް ކެތްނުކުރެވޭނަމަ ފުން ހިތާމައެއް އަދި ކަންބޮޑުވުމެއް
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

ރައީސް ޔާމީނަށް މިހާރު ދިމާވެފައިވާ ހާލަތުން އެމަނިކުފާނު ގެއަށް ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާލަން ބޭނުންވަނީ ވަގުތުން ވަގުތަށް ރައީސް ޔާމީން ގެއަށް ގެންނަވާށޭ. ތިޔަ މިންވަރަށް އަނިޔާވެރިވާން ހެޔޮނުވާނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާގެ ހިތި ރަހަ އެ ބޭފުޅުންގެ އަރުގައި ލައިފި ކަމަށާއި ދެން މަޑުން ނުތިބޭނެ ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ހައްގުތައް ހޯދާ، ރައީސް ޔާމީނަށް އިންސާފު ހޯދުމަށް މަގުމައްޗަށް ނިކުންނާނެ ކަމުގެ އިންޒާރުވެސް އަބްދުއްރަހީމް ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑުމެން ދެން މަޑަކުން ނުތިބޭނަން. މަގުމައްޗަށްވެސް ނިކުންނާނަން. ގޭގޭ ދޮށައްވެސްދާނަން. ވަގަށްވެސް ގޮވާނަން. އަނިޔާވެރި ސަރުކާރޭވެސް ގޮވާނަން. އިބްރާހިމް މުހައްމަދު ސޯލިހަކީ މި ގައުމު ދުށް އެންމެ ބޮޑު އަނިޔާވެރިޔާ،"

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާ އެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިންވެސް މަގުމައްޗަށް ނިކުމެ ނަތީޖާ ނެރުނު ބޭފުޅުން ކަމަށެވެ. އެެހެންވީމަ އަނިޔާވެރިކަން ހައްދުން ނެއްޓިގެންދާއިރު ބަލަން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

"ޕީޕީއެމް،ޕީއެންސީގެ ހަރަކާތްތައް މިއަދުން ފެށިގެން ދެގުނަވާނެ،"

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ކިތަންމެ ވަރަކަށް އަނިޔާދިން ނަމަވެސް އަދި އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވިނަމަވެސް އަޒުމަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި ސަރުކާރާ "ޑީލް" ހަދައިގެން ރާއްޖެއިން ބޭރަށް ވަޑައިގެން ނުފިިއްލަވާނެ ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކޮށް މިއަދުވެސް އާއިލާގެ ފަރާތުން ކަމާބެހޭ ހުރިހާ އިދާރާއަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އެ ސިޓީގައި ޑޮކްޓަރުންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ދެއްވާ "ސްޓްރެސް ފްރީ" މާހައުލަކަށް އެމަނިކުފާނު ބަދަލުކޮށް ދެއްވުމަށާއި ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިފައިވާނެ ކަމަށެވެ. ޣައްސާން ވިދާޅުވީ މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން އެ އިލްތިމާސްތަކާއެކު އެކި އިދާރާތަކަށް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އިޖާބަދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެން އިހުސާންތެެރިކަމުގެ ކުޑަވެސް މިންވަރެއް ހުރިއްޔާ، ރައީސަށް [ޔާމީނަށް] މިވަގުތު ދިމާވެފައި އޮތް ސިއްހީ ހާލަތުން ސަލާމަތްވުމަށްޓަކައި ލުޔެއް ދެއްވާ ގެއަށް ބަދަލުކޮށްދެއްވުމަށް،"

އަޅުގަނޑުމެން އެދެން އިހުސާންތެެރިކަމުގެ ކުޑަވެސް މިންވަރެއް ހުރިއްޔާ، ރައީސަށް [ޔާމީނަށް] މިވަގުތު ދިމާވެފައި އޮތް ސިއްހީ ހާލަތުން ސަލާމަތްވުމަށްޓަކައި ލުޔެއް ދެއްވާ ގެއަށް ބަދަލުކޮށްދެއްވުމަށް
ޣައްސާން މައުމޫން | ޕީޕީއެމްގެ ނާއިބް ރައީސް

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވީ އެމަނިކުފާނު "ސްޓްރެސްފްރީ" މާހައުލެއްގައި ބެހެއްޓުމަށް ކަމަށާ އެއީ ރާއްޖެއިން ބޭރަށް ފޮނުވުން ނޫން ކަަމަށެވެ. އަދި ރާއްޖެއިން ބޭރަށް އެމަނިކުފާނު ފޮނުވަން މަސައްކަތް ކުރުމުގެ ބޭނުމަކީ އެހެން އިލްޒާމެއް އެޅުވުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

"އެ މާހައުލަކީ ކޮންމެހެން ބޭރަށް ދިއުމެއް ނޫން. އެ މާހައުލަކީ ގެއަށްވިޔަސް ނުވަތަ ރައީސް އެދިވަޑައިގަންނަވާ ތަނަކަށް ބަދަލު ކޮށްދިނުން. އެކަން ކުރައްވަން މި ބޭފުޅުން ބޭނުމެއް ނުވޭ. އެހެންވީމަ ހޯމް މިނިސްޓަރުގެ އަދި ސަރުކާރުގެ ނިޔަތެއް ވެސް ރަނގަޅެއް ނޫން. މި ކުރަން އުޅޭ ކަމަކީ ބޭރަށް ގޮސްފިޔޭ، ފިލައިފިޔޭ މި ޓެގް އަޅުވަން އިނގޭތޯ،" ޖަމީލް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތްތަކުގައި ބަލި ހާލަތުގެ ވާހަކަތައް ރައީސް ޔާމީން ވަނީ ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި އެވެ. އަދި އޭރު ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އޭރު ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.