ހަބަރު

ވަކިވަކި ފުލުހުން ޖަވާބުދާރީ ކުރުވުމާއެކު ބާ ކައުންސިލުން ގިނަ ހުށަހެޅުންތަކެއް

Jul 5, 2020
1

ވަކިވަކި ފުލުހުން ޖަވާބުދާރީ ކުރުވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބާ ކައުންސިލުގެ ފަރާތުން ގިނަ ހިޔާލުތަކެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ބައްދަލުކޮށް، ފުލުހުންގެ ހިދުމަތުގެ ބިލަށް ބާ ކައުންސިލުން ހުށަހެޅި އިސްލާހުތަކުގައި ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ވަކިވަކި ފުލުހުން ޖަވާބުދާރީ ކުރުވުން ހަރުދަނާ ކުރުމަށް ހުށަހެޅި ހިޔާލެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ފުލުހުން ކުރާ ކަންކަމާއި ނުކޮށް ދޫކޮށްލާ ކަންކަމުގެ މަދަނީ ޒިންމާ އުފުލާނީ ފުލުހުންގެ މުއައްސަސާއިން ކަމަށް ކަނޑައެޅުމުން ވަކިވަކި ފުލުހުން ޖަވާބުދާރީ ކުރުވަން ހުރަސްއެޅޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެގޮތުން، ފުލުހުންގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވޭނީ ފަރުދީ ގޮތުން ޖަވާބުދާރީ ކުރުވައިގެންކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އަދި ރަސްމީ މުއައްސަސާއެއް މެދުވެރި ކުރުމުގެ ބަދަލުގައި، ފަރުދުންނަށް ވަކިވަކި ފުލުހުންނަށް މަދަނީ ދައުވާ އުފުލޭ ގޮތަށް ނިޒާމު ބަދަލު ކުރުމުން ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވަން ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ފެންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން، ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ފުލުހުންގެ ކިބައިން ނެގުމާއި، ފޮރެންސިކް ތަހުލީލު ކުރުމުގެ ހިދުމަތް ދައުވާ ރައްދުވާ ފަރާތަށް ލިބި ދިނުމަށް ވެސް ބާ ކައުންސިލުގެ ހިޔާލަތުގެ ތެރޭގައި ހިމެނެ އެވެ.

އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުން ފަދަ ހާއްސަ ޓްރެއިންތަކެއް ފުލުހުންގެ މައްޗަށް ލާޒިމް ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލަށް އިތުރު 40 އިސްލާހެއް ގެނައުމަށް އެ ބިލު ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް މިހާރު ވަނީ ހުށައަޅާފަ އެވެ.

ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފާހަގަ ކުރެވޭ އެއް އިސްލާހަކީ ފުލުހުން ކުރާ މަސައްކަތްތަކާބެހޭ ގޮތުން މަައުލޫމާތު ސާފު ކުރަން 241 ކޮމިޓީއަށް ހާޒިރު ކުރެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރެވެ. އަދި ގަވާއިދުތައް ހެދުމުގެ ޒިންމާ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއަށް އޮތް ނަމަވެސް މިހާރު އޮތީ އެ ޒިންމާ ހޯމް މިނިސްޓަރާ މަތިކޮށްފަ އެވެ.

ބިލު އެންމެ ފުރަތަމަ ހުށަހެޅިއިރު ޕޮލިސް ޑިވިޝަނެއް ނުވަތަ ސިޓީ ޕޮލިސްގައި އިސްކޮށް ހުންނާނެ ކަމަށް ކަނޑައަޅާފައި އޮތީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރެއް ކަމަށެވެ. މި އަދުގެ ކޮމިޓީ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ އެ މަގާމުތަކުގައި ތިބޭނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރުން ކަމަށެވެ. އެއީ ކުރިން އޮތް ރޭންކަށް ވުރެ މަތީ ރޭންކެކެވެ.