މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ އާންމުކޮށްފައިވާ ބަޔާނެއްގައިވަނީ ހައުސިން މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ފުލުހުން ހިންގާ އެ ޕްރޮގްރާމްގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ބާވެ ހަލާކުވެގެން މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތައް ވެސް ނަގަމުންދާނެ ކަމަށެވެ. އަދި އެގޮތަށް ނަގާ ނެގުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެގޮތަށް ނެގޭ އުޅަނދުތަކުގެ ޖޫރިމަނާ ދެއްކުމަށް ފަހު އަނބުރާ ގެންދިއުމުގެ ޚަރަދު ވެސް އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް އެ ބަޔާނުގައި ފުލުހުން ބުނެފައިވެ އެވެ.
އެ ޕްރޮގްރާމް ފަށަން ޖެހުނީ ގަވާއިދާ ޚިލާފަށް ޕާކް ކުރުމުންނާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް ޕާކިން ޒޯންތަކުގައި ހުރުމުން ގިނަ ބަޔަކަށް ދަތިވެ، ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ ކަމަށް އެ ބަޔާނުގައި ފުލުހުން ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިން ވެސް ގަވާއިދާ ޚިލާފަށް ޕާކު ކުރާ ވެހިކަލްތައް ފުލުހުން ނަގަމުން ދިޔަ އެވެ. އެގޮތަށް ނަގާ އުޅަނދުތައް ޖޫރިމަނާ ދެއްކުމުން ނޫނީ އޭރު އަނބުރާ ނުދޭ ގޮތަށް އަމަލުކުރަން އައި ނަމަވެސް ފަހުން އެކަން ވަނީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން މިހާރު އަޅާ ފިޔަވަޅަކީ ސްޓިކާ ޖެހުމެވެ.