އދ. ގައި ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި ތަގުރީރުކުރައްވަމުން އައްބާސް އިއްޔެ ވިދާޅުވީ ސުލްހައިގެ އެއްބަސްވުންތަކަށް އަމަލުކުރާ ހަމައެކަނި ބަޔަކަށް ފަލަސްތީނު ވެފައި އޮންނަން ނުޖެހޭ ކަމަށެވެ. އެހެންކަމުން އިޒްރޭލުން ސުލްހަޔަށް އެއްބާރުލުން ނުދޭއިރު ފަލަސްތީނުން ވެސް ސުލްހައިގެ އެއްބަސްވުންތަކާ އެއްގޮތަކަށް އަމަލުކުރުމެއް ބޭނުމެއް މިހާރަކު ނެތް ކަމަށެވެ.
އައްބާސް ވިދާޅުވީ ޔަހޫދީ އާބާދީތަކުގެ މަސައްކަތް ހުއްޓާލަން އެއްބަސްވުންތަކުގައި އިޒްރޭލަށް ގޮވާލާފައިވީ ނަމަވެސް އިޒްރޭލުން މިހާތަނަށް އެ މަސައްކަތް ހުއްޓާލާފައި ނުވާއިރު އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ޖެހޭ ފަލަސްތީނުގެ ގައިދީންނަށް މިނިވަންކަން ދޭން ވެސް އިޒްރޭލުން ބޭނުން ނުވާ ކަމަށެވެ.
"ވާހަކަތަކެއްގެ ދެއްކުމުގެ ބޭނުމުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސް ވަގުތު ބޭކާރުކުރުމުގެ ބޭނުމެއް މިހާރަކު ނެތް. މިހާރު އިސްކަން ދޭން ޖެހޭ ކަމަކީ އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ފަލަސްތީނަށް ދިނުމަށް،" އިޒްރޭލާ ވާހަކަ ދެއްކުމެއް ނެތް ކަމަށް ވިދާޅުވެ އދ. ގެ ހިމާޔަތަށް އެދިވަޑައިގަންނަވަމުން އައްބާސް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ އެއްގޮތަކަށް އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށް ހިމާޔަތް ހޯދައި ދިނުމަށް އައްބާސް ގޮވާލެއްވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެމެރިކާ މެދުވެރިއަކަށް ބޭނުންކޮށްގެން އިޒްރޭލާ އެކު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާއިރު އެފަދަ އިތުރު މަޝްވަރާތަކެއް އެގޮތުގައި ކުރިއަށް ގެންދަން ބޭނުންފުޅު ނުވާ ކަމަށެވެ.
އިޒްރޭލާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އައްބާސް ވިދާޅުވެފައިވާއިރު ފަލަސްތީނުގެ ދިދަ ވަނީ އިއްޔެ ރަސްމީކޮށް އދ. ގައި ނަގައިފަ އެވެ. މިއީ ފަލަސްތީނުގެ ދިދަ އދ. ގައި ނެގި ފުރަތަމަ ފަހަރެވެ.