ހަބަރު

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ބަދަލު ދެނީ

2010 ވަނަ އަހަރު ޖީޑީޕީ ކުންފުންޏާއި ހަވާލުކޮށް ހިއްކައިގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ތަރައްގީ ކުރި ގުޅިފަޅުގެ ފްލެޓުތަކަށް ފައިސާ ދައްކާފައި ތިބި މީހުންނަށް ބަދަލުގައި ބޯހިޔާވަހިކަމުގެ އެހެން ފުރުސަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މީހުން ދިރިއުޅުމަށް ތަރައްގީ ކުރި ގުޅީފަޅުގައި 140 ފަރާތަކުން އެތަނުން ދިރިއުޅުމަށް ގެދޮރު ގަތުމަށް އެކި މަރުހަލާގައި ޝަމިލް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ބައެއް ފަރާތްތަކުން ޑައުންޕޭމަންޓު ދައްކާ، އަދި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިންވެސް ލާރިދައްކާފައިވާއިރު ސަރުކާރުން މިހާރު ވަނީ އެ ފަރާތްތަކަށް ބަދަލުގައި ބޯހިޔާވަހިކަން ދޭނެ ގޮތްތަކެއް ހަމަޖައްސާފައި ކަމަށެވެ.

140 ފަރާތަށް ބަދަލުގައި ސަރުކާރުން ދޭ ފުރުސަތުތައް؛

  • 1. ގުޅިފަޅުން ހައުސިން ޔުނިޓެއް ގަތުމަށް ފައިސާ ދައްކާފައި އޮތް ކޮންމެ ފަރާތަކަށް ބަދަލުގައި އެއް ހައުސިން ޔުނިޓު މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން.
  • 2. ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށް ނިމެންދާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައަުސިން ޔުނިޓުތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އެ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގަތުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިނުން.
  • 3. ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކުމަށް ކަނޑައަޅާފައިވާ އަގުން އުނި ކުރުން.
  • 4. ގެއްލުން ލިބުނު ފަރާތްތަކަށް، 140 ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަން، މި މުއްދަތުގައި ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރު ޑިސެމްބަރު މަހު 20 އިން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ކޮމްޕެންސޭޝަނެއް ދިނުން. އެއީ، ޖުމްލަ މެކްސިމަމް އަދަދެއްގެ ގޮތުގައި 4،32،000 ހަތަރު ލައްކަ ބައްތިރީސްހާސް ރުފިޔާގެ ގޮތުގައި.
  • 5. ހައުސިން ޔުނިޓު ގަތުމަށް ދެއްކި ފައިސާ އާއި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް 4،32،000 ރުފިޔާ، ގަންނަ ހައުސިން ޔުނިޓުގެ އަގުން އުނި ކުރުމަށްފަހު ބާކީވާ އަދަދެއް 20 އަހަރު ދުވަހަށް ބަހާލައިގެން އަލަށް ލިބޭ ހައުސިން ޔުނިޓުން ދައްކާ ގޮތަށް ހަމަޖެއްސުން.
  • 6. ހައުސިން ޔުނިޓުގެ އަގު، ދައްކާފައިވާ ހައުސިން ޔުނިޓުގެ އަގަށްވުރެ ކުޑަ ކަމުގައިވާނަމަ އިތުރުވި އަދަދެއް އެފަރާތްތަކަށް އަނބުރާ ދިނުން.
  • 7. ހިޔާ މަޝްރޫއުގެ ދެކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންވާ ފަރާތްތަކަށް، އެއަށްވުރެ ބޮޑު ތިންކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންވާ ފަރާތްތަކަށް ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ގަތުމުގެ ފުރުސަތު 2021 ވަނަ އަހަރު ޑިސެމްބަރު މަސް ނިމުމުގެ ކުރިން ދިނުން.
  • 8. 2020 ޑިސެމްބަރުން ފެށިގެން ތިން ކޮޓަރީގެ ތަނެއް ހޯދަން، ހިޔާ މަޝްރޫއުގެ ދަށުން ދެކޮޓަރީގެ ތަނެއް ބޭނުން ނުވާ ފަރާތްތަކަށް އިތުރަށް އެދާ ދުވަސްތަކަށް ކޮމްޕެންސޭޝަން އިތުރަށް ނުދިނުން. އެހެންނަމަވެސް، 2021 އަހަރުގެ ޑިސެމްބަރާ ހަމައަށް ތަނެއް ގަންނަން ފުރުސަތު ނުދެވިއްޖެއްޔާ އެއީ ސަރުކާރުގެ އިހުމާލުން ހިނގާފައި އޮތް ކަމަކަށް ވަންޏާ، އިތުރަށް ހިނގާ މަސްތަކަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށް ކަނޑައަޅާ ނިންމުން.

އިތުރަށް ވިދާޅުވީ، މިކަމާ ގުޅިގެން ފައިސާ ދައްކާފައިވާ ފަރާތްތަކާ އެކީގައި ސަރުކާރުން ވަކި ވަކިން އެއްބަސްވުންތަކެއް މިހާރު ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ވަނީ ގުޅިފަޅުން ފްލެޓު ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދޭން ނިންމާފައިވާ ކަމުގެ ރަސްމީ ލިޔުމެއްވެސް ހަވާލުކޮށްފަ އެވެ. އެގޮތުން ކުރީގެ ހައުސިން މިނިސްޓްރީ އިން ވަނީ 158 މީހަކަށް ރަސްމީކޮށް ލިޔުން ހަވާލުކޮށްފަ އެވެ.

ގުޅީފަޅުގައި މީހުން އާބާދު ކުރާނެ ކަމަށް ނިންމައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާއިރުު އެފަރާތްތަކަށް މިހާތަނަށް ވެސް ވަނީ ފްލެޓުވެސް ފައިސާ ވެސް އަނބުރާ ނުލިބި އެވެ. ގުޅިފަޅަށް ދިއުމަށް ފައިސާ ދެއްކި އެތައް ބަޔަކު މާލޭގައި ކުއްޔަށް އުޅޭތާ 10 އަހަރު ވަނީ އެވެ. ބައެއް އާއިލާތަކުން 200،000 ރުފިޔާ އާއި 300،000 ރުފިޔާއަށް ވުރެ ވެސް ގިނައިން ފައިސާ ދެއްކި ކަމަށް ބުނެ އެވެ.