މިއާ އެކު އެމެރިކާ އާއި ރަޝިއާގެ ހަނގުރާމައިގެ ވިލާގަނޑެއް މި ވަނީ ސީރިއާގެ މަތީގައި އުފެދިފަ އެވެ. ވެގެން އުޅޭ ގޮތަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނަށް ހަމަލާތައް އަމާޒުކުރުމުގެ ބަދަލުގައި ރަޝިއާގެ ހަމަލާތައް ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅު ސިޔާސީ ހަނގުރާމަވެރިންނަށް އަމާޒުކޮށްފައިވާތީ އެވެ.
ރަޝިއާ އިން ސީރިއާ އަށް ހަމަލާ ދޭން ފެށީ ވެސް ބައްޝާރުގެ ސަރުކާރުގެ އެދުމަކަށެވެ. ނަމަވެސް އެމެރިކާ އިން ބޭނުންވީ މިގޮތެއް ނޫނެވެ. އެމެރިކާ އިން ބޭނުންވީ އައިއެސް ބަލިކުރުމަށް އެމީހުން ފަށާފައިވާ ހަނގުރާމާގައި ރަޝިއާ އިން ވެސް ބައިވެރިވެ އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމެވެ.
ނަމަވެސް އާދައިގެ މަތިން ރަޝިއާ އިން ނުކުތީ އެމެރިކާގެ ފިކުރާ ދެކޮޅަށެވެ. އަދި ބައްޝާރުގެ ދިފާއުގަ އެވެ.
މީގެ ސަބަބުން، ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ އިން އަދި ބައްޝާރާ ދެކޮޅު ސިޔާސީ ހަނގުރާމަވެރިން ކުރަމުން ދިޔަ މަސައްކަތުގައި އިތުރު ގޮންޖެހުމެއް ކުރިމަތިވެގެންދާނެ އެވެ.
ނަމަވެސް ރަޝިއާ އިން ބުނަމުން ދަނީ އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. އެގޮތުން އައިއެސްގެ މަގާމުތަކަށް އަމާޒުކޮށް މިހާތަނަށް އަށް ހަމަލާ ދީފައިވާ ކަމަށް ރަޝިއާ އިން ބުނެ އެވެ.
އެމެރިކާ އިން ބުނަނީ ރަޝިއާ އިން ބޮން އަޅަމުންދާ ސަރަހައްދުތަކަކީ އައިއެސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ހިސާބުތަކެއް ނޫން ކަމަށެވެ.