ހަބަރު

ގާޒީ ނަޖީބުގެ ތުހުމަތުތައް ޖޭއެސްސީން ދޮގުކޮށްފި

Jul 6, 2020

ގާޒީ ކަމުން އިއްޔެ އިސްތިއުފާ ދެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ކުރެއްވި ތުހުމަތުތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދޮގުކޮށްފި އެވެ.

ގާޒީ ނަޖީބު މަގާމުން އިސްތިއުފާ ދެެއްވާފައި މިވަނީ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީ އިން ހުށަހަޅާފައިވަނިކޮށެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ގާޒީ ނަޖީބު ބައިވެރިވި ކަމާއި، އެ އިންތިހާބުގައި ބައިވެރިވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރުމަށް އޭނާ މަސައްކަތް ކުރެއްވި ކަން ފާހަގަވާ ކަމަށެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ނަޖީބު ވާހަކަ ދައްކަވާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެއްވެސް ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގެ އަސާސްތަކާއި ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގާޒީ ނަޖީބު އަމުރު ނެރެފައިވާ ކަން ފާހަގަވެ ސާބިތު ވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކުރާ ފަނޑިޔާރުންގެ ސުލޫކާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާތީ، ގާޒީ ނަޖީބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނުން ނިންމީ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވާ ނެރުއްވި ބަޔާނުގައި ނަޖީބު ވިދާޅުވީ ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ތަނެއް ކަމަަށެވެ.

އަދި ބަދަލު ހިފުމުގެ ޖޯޝާ ފޯރީގައި އޮތް މަޖިލީހަކުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

އަދި ޖޭއެސްސީން ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައި، އެ ކޮމިޝަނަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ނަޖީބު ވަނީ ސިފަކުރައްވައިފަ އެވެ.

އޭގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އެބަތިއްބެވި ކަމަށްވެސް ނަޖީބު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ނޫނީ ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަނީ، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ބެލުމެއްނެތި ކަމަށެވެ.

އެގޮތުން، ޕީޕީއެމް އަދި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން މިހާތަނަށް 14 މައްސަލައެއް ބަލާފައިވާ ކަމަށާއި، އެ ފަދަ މައްސަލައެއް ތަހުގީގުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާޒީ ނަޖީބާ ގުޅޭގޮތުން ޖޭއެސްސީން ތަފާތު ހަތް މައްސަލައެއް ބަލާފައިވާއިރު، މިދިއަ އޭޕްރީލް މަހުން ފެށިގެން އިއްޔެ އާ ހަމައަށް ވެސް އޭނާ ހުންނެވީ ސަސްޕެންޑުކޮށްފައި ކަމަށްވެސް ޖޭއެސްސީން އިތުރަށް ބުންޏެވެ.

އެގޮތުން، 2013 އިން ފެށިގެން ނަޖީބު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވެގެން ސަސްޕެންޑުކުރުމުގެ އިތުރުން އެ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހަސަން ނަޖީބުގެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ނިންމަވައިފަ އެވެ.