ހަބަރު

އާރުސީސީއާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް

މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި އާރުސީސީގެ ބިދޭސީ މުވައްޒިފުން މުޒާހަރާ ކޮށްފައިވާ ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީގެ ކުރިންވެސް އެފަދަ ދޮގު ވާހަކަތައް ފަތުރާފައިވާ ސޯޝަލް މީޑިއާ އެކައުންޓަކުން ވަނީ އާރުސީސީގެ މުވައްޒިފުންތަކެއް ވޯކް ވިސާ ކާޑް ހެދުމަށް ފޮޓޯ ނެގުމަށް މާފަންނު ފޮޓޯ ފްރެންޑް ކައިރީގައި ކިއު ހަދައިގެން ތިއްބާ އެ މުވައްޒިފުން މުސާރަ ނުދީގެން މުޒާހަރާ ކުރަނީ ކަމަށް ބުނެ ފޮޓޮއާ ވީޑިއޯ އާންމުކޮށްފައެވެ.

އެ ކުންފުނިން އެ ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ ކުންފުނީގެ އަޑު ވެއްޓޭގޮތަށް މައުލޫމާތު ފަތުރާފައިވާތީ އެކަންކުރި މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށައަޅާނެ ކަމަށެވެ.

އާރުސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެ ކުންފުންޏާ ގުޅޭގޮތުން ދޮގު ހަބަރުފަތުރާފައިވާތީ އެ މައްސަލަ މިރޭ ފުލުހަށް ހުށައަޅާނެ ކަމަށެވެ.

"ފޭކް ނިއުސްއަށް ރާއްޖޭގައި ފުރުސަތެއް ނެތް،"

އާރުސީސީގެ ބިދޭސީ މުވައްޒިފުން މުޒާހަރާ ކޮށްފައިވާ ކަމަށް ބުނެ ދޮގު ހަބަރުތަކެއް ފަތުރާފައިމިވަނީ މުސާރަ ނުލިބުމުން ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކޮށްފައިވަނިކޮށެވެ.