ރައްޔިތުންގެ މަޖިލިސް

އުތުރާއި ދެކުނުގެ ޕޯޓަށް ގެންދާ ގިނަ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލަން ނިންމައިފި

ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރާއި ސ. ހިތަދޫ ސަހަރައްދީ ބަނދަރަށް ގެންދާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވައިފި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް ހުށަހެޅުއްވި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިތުރު ވޯޓެއް އަދި ނަގަން ޖެހޭނެ އެވެ. އެ އިސްލާހާއެކު ބިލު ފާސް ވެގެން ދާނީ މަޖިލީހުގެ ތަޅުމުގައި ނަގާ އެ ވޯޓުންނެވެ.

މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކުޅުދުއްފުށްޓާއި ހިތަދޫއަށް ފޮނުވާ ތަކެތީގެ ތެރެއިން އިިމްޕޯޓް ޑިއުޓީ މާފު ކޮށްދެވޭ ތަކެތީގެ ލިސްޓު މޯލްޑިވްސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ އުސޫލެއް ކަސްޓަމްސް އިން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދާއި ދެކުނުގެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އުތުރާއި ދެކުނުގެ ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެއްޗި ހިމެނެ އެވެ. އަދި ރީތި ވުމަށާއި ފެން ވެރުމަށް ބޭނުުން ކުރާ ތަކެތި ވެސް ހިމެނެ އެވެ. އަންނައުނު އުފައްދަން ބޭނުން ކުރާ ކަފަ އާއި، އުއި އާއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް ހިމެނެ އެވެ.

އަދި އާންމު ބޭނުންތަކަށް ބޭނުން ކުރާ ވަރަށް ގިނަ އާންމު މުދާ ވެސް ހިމެނެ އެވެ. އެ ގޮތުން، ތަށިމުއްޓާއި ބަދިގެ ސާމާނާއި، ބިއްލޫރި އާއި، އައިސްއަލަމާރި، ފެން ފިލްޓާ ކުރުމަށް ބޭނުންވާ ސާމާނާއި، ގޮދަޑި، ބާލީސް، ތަންމަތި، ފާރުނީޗަރު، އިންވާޓާ އެއާ ކޮންޑިޝަނާ އުލާއި ސަމުސަލާއި، ވަޅި ވެސް ހިމެނެ އެވެ.

މުތާއި އަގުބޮޑު މައުދަނާއި ޖަވާހިރު އާއި ދަނގަޑާއި އެކަތަ އާއި ޓިނު އެލްމަނިއަމް އާއި އެލްމަނިއަމް އިން އުފައްދާ ތަކެތި ހިމެނެ އެވެ. ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ސާމާނުގެ ބާވަތްތައް، ސްޕީކަރާއި، ހެޑްފޯނާއި، މޯބައިލް ފޯނާއި، ޓީވީއާއި، ޑިޖިޓަލް ކެމެރާ ފަދަ އިލެކްޓްރޯނިކްސް ވެސް ހިމެނެ އެވެ.

ކާރު، ޖިޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯ ސައިކަލް ފަދަ އެއްގަމު އުޅަނދު ފަހަރު ވެސް ބަނދަރުތައް ގެންދެވޭ މުދަލުން ޑިއުޓީ ކަނޑާލެވޭ މުދާ ތަކުގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ތަކެތީގެ އިންޖީނާއި އޭގެ ބައިތަކާއި، މެރިން އިންޖީނުތައް ވެސް ހިމެނެ އެވެ.

އައިނާއި، އޭގެ ބައިބައި، ހިތުގެ ވިންދު އުފެއްދުމަށް ބޭނުން ކުރާ ގެޖެޓްއާއި، މެޑިކަލް، ސާޖިކަލް، ޑެންޓަލް ފަދަ ސިއްހީ ވަސީލަތްތަކުގެ ސާމާނުތައް ވެސް ހިމެނެ އެވެ. ނެޕީ އާއި ނާސިން ޕެޑް، ސެނިޓަރީ ޓަވަލާއި ޓެމްޕްޓޮންސް ވެސް ހިމެނެ އެވެ.