ހަބަރު

ދުންފަތް ނުހިމަނައި ދެ ޕޯޓަށް ގެންދާ މުދަލުގެ ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާއި ދެކުނުން ސ. ހިތަދޫގެ ސަރަހައްދީ ބަނދަރާއި މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައިވާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލުމަށާއި ޑިއުޓީ ކަނޑާލާ ބާވަތްތަކުގެ ތެރޭގައި ދުންފަތް ނުހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކުޅުދުއްފުއްޓާއި ހިތަދޫއަށް ގެންދާ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސް ކޮށްފަ އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި އެ އިސްލާހުގައި ދެ ބަނދަރަށް ގެންދެވޭ ތަކެތީގެ ތެރެއިން ޑިއުޓީ ކަނޑާލެވޭ ތަކެތީގެ ގޮތުގައި ދުންފަތުގެ ބާވަތްތައް ވެސް ހިމެނާފައިވާތީވެ އާންމުންނާއި ސިއްހީ މާހިރުންގެ ކަންބޮޑުވުން އިތުރުވި އެވެ.

އަތޮޅުތަކުގައިވާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދާތަކުގެ ތެރެއިން ގިނަ ބާވަތްތަކުގެ މުދާތަކުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލުމަށާއި އުތުރާއި ދެކުނުގެ ބަނދަރަށް ގެންދެވޭ މުދާތަކާއި އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދެވޭ މުދާތަކުން ތެރެއިން ޑިއުޓީ ކަނޑާއެލޭ މުދާތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ނުހިމަނަން މިއަދުގެ ޖަލްސާގައި ހުށަހެޅި އެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވި އެ އިސްލާހާ އެއް ގޮތަށް އިންޓަނޭޝަނަލް އެއާޕޯޓްތަކާއި ދެ ބަނދަރަށް ގެންދާ މުދާތަކުގެ ތެރެއިން ޑިއުޓީ ކަނޑާލެވޭ މުދާތަކުގެ ތެރޭގައި ދުންފަތް ނުހިމެނުމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި އިސްލާހުގެ އިތުރުން 14 އިސްލާހެއް އެމްޑީޕީގެ މެންބަރުން ހުށަހަޅައި، މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓްތަކާއި ސަރަހައްދީ ބަނދަރުތަކަށް ގެންދާ މުދަލުން ޑިއުޓީ ކަނޑާލުމުގެ ޝަރުތަކަށް އެ ރަށްތަކުގައި މުދާތައް ގުދަން ކުރުން ބިލުގައި ބަޔާންކުރުން ހިމެނެ އެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓްތައް އޮންނަނީ އުތުރުން ހދ. ހަނިމާދޫ އާއި ދެކުނުން އައްޑޫ ސިޓީ ގަމުގަ އެވެ. ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭއިރު، އދ. މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެ އެވެ.

އެމްޑީޕީގެ މެންބަރުން ހުށަހެޅި އިސްލާހުތަކާ އެކީގައި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިމްޕޯޓް ޑިއުޓީއަށް ގެނެވޭ އެހެން ބަދަލުތައް

މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީންނާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހިމަނާފައިވެ އެވެ. ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމަށާއި ބޯޓު ފަހަރު ބަނެ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިން ސްޓްރަކްޗާތަކަށް ޑިއުޓީ ނެގުމަށް ވެސް ބިލުގައިވެ އެވެ.

މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ބޭނުން ކުރުމަށް ގެންނަ އެއްގަމު އުޅަނދު ފަހަރުތަކުން ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ ގޮތަށް ކަނޑައަޅާނީ ރަށުގެ ބޮޑުމިނާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ މުހިއްމު ކަމަށް ބެލުމަށް ފަހުގަ އެވެ.

އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނުލީ ދުވާ އެއްޗެއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗެހީގެ އިތުރުން އެފަދަ ތަކެތީގެ ބައިތަކާއި އެފަދަ ތަކެތީގެ އިންޖީނު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ބެލެވޭ ކާބޯތަކެތީގެ ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ބިލުގައި ހިމަނާފައިވެ އެވެ. އެ ގޮތުން ސޮފްޓް ޑްރިންކްސްއާއި ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓް ބޮޑު ކުރުމަށާއި އަދި ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ބިލުގައިވެ އެވެ.

ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވެ އެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.