ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާއި ދެކުނުން ސ. ހިތަދޫގެ ސަރަހައްދީ ބަނދަރަށް ގެންދާ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލުމުގެ ޝަރުތެއްގެ ގޮތުގައި އެ ދެ ބަނދަރަށް ގެންދާ މުދާ އެ ދެ ރަށުގައި ގުދަން ކުރުން ބިލުގައި ހިމަނަން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކުޅުދުއްފުއްޓާއި ހިތަދޫއަށް ގެންދާ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސް ކޮށްފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ހުށަހެޅުއްވީ އެ ދެ ރަށުގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން 50 ޕަސެންޓްގެ ޑިއުޓީ ކަނޑާލެވޭނީ އެ ބަނދަރު ހުންނަ ރަށުގައި ގުދަން ކުރެވޭ މުދަލުން ކަމަށް ބިލުގައި ހިމެނުމަށެވެ. އެ ގްރޫޕްއިން އެ އިސްލާހު ފާސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުން އެޖެންޑާކޮށްފައިވެ އެވެ. ރިޕޯޓަށް ބަހުސްކޮށް ނިމިއްޖެނަމަ މިއަދުގެ ޖަލްސާގައި ރިޕޯޓަށާއި ރިޕޯޓަށް ހުށަހެޅޭ އިސްލާހުތަކަށް ވޯޓަށް އެހޭނެ އެވެ.