ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮންޕިއޯ ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕިއޯ އާ ފޯނުން ގުޅުއްވާ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި، އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުންދީ ދިމާވާ މައްސަލަތަކުގައި އެކީގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ހާއްސަކޮށް، ކޮވިޑް ޕެންޑެމިކްގެ ސަބަބުން ރާއްޖެ އަށް ދިމާވާ އިގްތިސޯދީ މައްސަލަތަކުން އަރައިގަނެ ގައުމު ކުރިއެރުވުމުގައި އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމާއިބެހޭ ގޮތުން ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެގެ ފޯނުކޯލްގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެމެރިކާއިން މިހާރުވެސްވަމުންދާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރާއްޖެ އާއެކު އެމެރިކާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރު އެވެ.