ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވައިގެ ތެރޭ ކޮވިޑް ފެތުރޭ ކަމަށް 239 ސައިންސްވެރިން ބުނެފި

Jul 7, 2020

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭކަމަށް ކަނޑައެޅުމަށް 230 އަށް ވުރެ ގިނަ ސައިންސްވެރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއަށް އިލްތިމާސްކޮށްފި އެވެ.

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ތަކުރާރުކޮށް ބުނަމުންދަނީ ކޮވިޑް-19 ފެތުރެނީ އެ ބަލި ޖެހިފައިވާ މީހެއް ކެއްސާ، ކިނބިހިއަޅާއިރު ބޭރުވާ ކުޅުގެ ޒަރިއްޔާއިން ކަމަށެވެ.

ނަމަވެސް، ކްލިނިކަލް އިންފެކްޝަސް ޑިޒީސަސް މަޖައްލާގައި އޮސްޓްރޭލިއާ އަދި އެމެރިކާގެ ދެ ސައިންންސްވެރިން، ދިރާސާއަކަށް ހަވާލާދީ ލިޔެފައިވާ ގޮތުގައި، ބަލި ޖެހިފައިވާ މީހެއް ވާހަކަ ދައްކާއިރު ނުވަތަ ކެއްސާ، ކިނބިހިއަޅާއިރު ބޭރުވާ ކުޅު ވައިގެ ތެރޭގައި ދެމި ހުންނަ ކަމަށެވެ.

އެގޮތުން، ކުރިން ބެލެވުނު ގޮތާ ހިލާފަށް، ހާއްސަކޮށް ބަންދު ތަންތަނުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެ ސައިންސްވެރިން އިތުރަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން، ސިއްހަތު ޖަމިއްޔާ އިން ބުނީ، އެ ދިރާސާގެ އަލީގައި ފަންނީ މާހިރުންނާއެކީ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ޑަބްލިޔުއެޗްއޯ އިން ކުރަމުންދާ މަސައްކަތުގައި ސައިންސްވެރިންގެ ލަފާ އަޑުއަހަމުންނުދާކަމުގެ ފާޑުކިއުން އެ ޖަމިއްޔާ އަށް ވަނީ އަމާޒުވެފަ އެވެ.

އެ ގޮތުން، އާއްމުން ގިނަ ތަންތަނުގައި މާސްކު އެޅުން ކޮންމެހެން ބޭނުންތެރިނޫންކަމަށް ބުނުމަށްފަހު، އެ ނިންމުން ބަދަލުކުރުމުންވެސް ޑަބްލިޔުއެޗްއޯ އަށް ގިނަ ބައެއްގެ ފާޑުކިއުން ރައްދުވި އެވެ.

އެ މަޖައްލާގެ ލިއުން، ތަފާތު 32 ގައުމަކުން ޖުމްލަ 239 ސައިންސްވެރިން ވަނީ އެންޑޯޒްކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާއިރު، ވައިގެ ތެރޭގައި ބަލި ފެތުރޭ ނަމަ، ގައިދުރުކުރުން ފަދަ ފިޔަވަޅުތަކަށް ބަދަލުގެންނަންޖެހޭކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.