މަދަނީ މައްސަލަތަކުގެ އެކި ބާވަތްތައް ބެލުމަށް ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމްކޮށް އެ ކޯޓުން މިހާރު ބަލަމުންދާ ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިވިލް ކޯޓުގައި ގާއިމްކުރާ ފަސް ޑިވިޝަނަކީ ފައިސާ އާއި މުދަލާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނަކާއި ފައިސާ އާއި މުދަލާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނަކާއި ހުކުމް ތަންފީޒުކުރާ ޑިވިޝަނަކާއި އިދާރީ މައްސަލަ ބަލާ ޑިވިޝަނެއްގެ އިތުރުން ޑިސްޕިއުޓް ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނެކެވެ.
އެގޮތަށް ސިވިލް ކޯޓުގައި ޑިވިޝަންތައް އުފެދި އިންތިޒާމްވުމާ އެކު އެ ކޯޓުން މިހާރު ބަލަމުންދާ ހިބަ އާއި ތަރިކަ މުދަލުގެ މައްސަލަތަކުގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކާއި މައިންބަފައިން ގެދޮރަށް ވައްދަން ހުށަހަޅާ މައްސަލަތައް ބަލާނީ ފެމިލީ ކޯޓުގައި އެކަމަށް ގާއިމް ކުރެވޭ ޚާއްސަ ޑިވިޝަނަކުން ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ ސާކިއުލާގައި ސޮއި ކުރައްވާފައިވަނީ މިދިޔަ މަހު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުﷲ ސައީދެވެ.
ހިބަ އާއި ތަރިކައިގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސި ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި ސިވިލް ކޯޓުގެ އިހްތިސާސް ބަޔާންކުރާ ޖަދުވަލު ބުނާގޮތުން ހިބަ އާއި ތަރިކައިގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަނީ ސިވިލް ކޯޓަށެވެ.