ހަބަރު

ބިދޭސީންގެ މުޒާހަރާތައް އިންޑިއާ މީހުން ލީޑްކުރާ ކަމުގެ ތުހުމަތު

Jul 8, 2020
4

މި ފަހުން ރާއްޖޭގައި ބިދޭސީން ކުރި ހުރިހާ މުޒާހަރާއެއް ލީޑް ކުރީ އިންޑިއާ މީހުން ކަމަށް ތުހުމަތުތައް ކޮށްފި އެވެ.

މި ތުހުމަތު ކުރައްވާ އެއް ބޭފުޅަކީ ގިނަ އަދަދެއްގެ ބިދޭސީން މުވައްޒަފުން ގެންގުޅުއްވާ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) އެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝް މީހުންގެ މުޒާހަރާތައް އިންޑިއާ މީހުން ލީޑްކުރާތަން ފެންނަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ، އިންޑިއާއާ މިހާ ގާތްކޮށް އުޅޭއިރު މައްސަލައިގެ ހައްލަަށް ވާހަކަ ދައްކާ ގޮތެއް ހޯދުމުގެ ބަދަލުގަ އިންޑިއާ މީހުން ބަންގްލަދޭޝް މީހުން ފަހަތުލައިގެން ނުކުމެ ކުރާ ކަންކަން ބަލަންވެއްޖެ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީންގެ ހުރިހާ މުޒާހަރާއެއް ވެސް ކޮށްފައި ވަނީ މުސާރައިގެ މައްސަލައިގަ އެވެ. އެފަދަ އެންމެ ފުރަތަމަ މުޒާހަރާ މިފަހުން ފެނިގެން ދިޔައީ ކުނި މެނޭޖް ކުރާ އަދި ސިނާއީ ރަށް، ތިލަފުށިންނެވެ. އެ މުޒާހަރާގައި ގިނައިން ތިބީ ވެސް އިންޑިއާގެ މީހުންނެވެ. އެމީހުން މިހާރު ވަނީ ގައުމަށް ފޮނުވާލާފަ އެވެ.

އޭގެ ފަހުން އެންމެ ހޫނުވެގެން ދިޔައީ، ބ. ބޮޑުފިނޮޅުގައި ހިނގައިދިޔަ ބޮޑު ހަމަނުޖެހުމެވެ. ދިވެހިން ރަހީނުކޮށް ފުލުހުންނަށް ހަމަލާދިން މައްސަލާގައި އެ ރަށުން 19 ބަންގްލަދޭޝް މީހަކު ހައްޔަރުކުރި އެވެ. އެ ރަށުގައި ވެސް އިންޑިއާ މީހުން ތިއްބެވެ.

ހުޅުމާލޭގައި ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ބިދޭސީން ވެސް ވަނީ ހުޅުމާލޭގައި މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާ ލީޑް ކުރުމުގައި އިންޑިއާއަށް ނިސްބަތްވާ ބިދޭސީން ތިބި ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.