ކުނި މެނޭޖް ކުރުން

މާލެ- މެދުއަތޮޅުތަކުގެ ކުނި މެނޭޖްކުރާ ޕްރޮގްރާމެެއް ފަށައިފި

Jul 8, 2020
2

މާލެ ސަރަހައްދާއި، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ އަތޮޅު ހިމެނޭ ގޮތަށް ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީއާއެކު "ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ މަޝްރޫޢެއް ފަށައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއު ކުރިއަށްދާއިރު ކުނި މެނޭޖް ކުރުމުގެ ކަންކަމާއި ގުޅުން ހުރި ފަރާތްތަކުގެ ގާބިލުކަން އިތުރު ކުރުމުގެ އިތުރުން ކުންޏާއި މެދު އާންމުން ހޭލުންތެރި ކުރުމާއި އެޑިއުކޭޓް ކުރުމުގެ ގޮތުން "ޕަބްލިކް އެވެއަރނެސް އެންޑް ކޮމިއުނިޓީ ކެޕޭސިޓީ ބިލްޑިންގ" ނަމުގައި ދިގު މުއްދަތަކަށް ހިންގޭނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޑިޒައިންކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރުމުގެ ގޮތުން ރާއްޖޭން ބޭރުގެ ޖަމްއިއްޔާއަކާއި ރާއްޖޭގެ ޖަމްއިއްޔާއެއް އެކުވެގެން އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ އެއްކަމުގައިވާ "ލިވް އެންޑް ލާން އެންވަޔަރަމެންޓަލް އެޑިއުކޭޝަން އޮސްޓްރޭލިއާ ވިތު ޖޮއިންޓް ވެންޗާ ޕާޓްނާ ލައިވް އެންޑް ލާން އެންވަޔަރަމެންޓަލް އެޑިއުކޭޝަން މޯލްޑިވްސް" އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ ޖޮއިންޓް ވެންޗާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ޖުމްލަ އަގަކީ 13,027,648.68 ދިވެހި ރުފިޔާ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ޖޮއިންޓް ވެންޗާއިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ޑިޒައިން ކުރުމާއި އަމަލީ ގޮތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. މި ޕްރޮގްރާމް ޑިޒައިން ކުރެވިގެން ދާނީ ނުހުއްޓި ދިގު މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ތިލަފުށީގައި ކުނި އަންދަމުންދާ ސަރަހައްދުން ހުއްޓުމެއް ނެތި އަރަމުންދާ ދުން ހުއްޓުވުމާއި އެ ތަން ރަނގަޅު ގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ތަކެއްޗާއި ހެވީ ވެހިކަލް ގަތުމަށްޓަކައި ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. އެ އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 72،888،661 ރުފިޔާ އެވެ.

މާލެއާއި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކެއް ގާއިމުކުރެވި ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަށު ފެންވަރުގެ ކުނި މެނޭޖް ކުރާނެ ނިޒާމްތަކެއް ގާއިމުކޮށް މި ރަށްރަށުން ކުނި ބޭރުކޮށް ތިލަފުއްޓަށް ގެންދެވޭނެ ނިޒާމެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވިގެން ދާނެ އެވެ.

އެ ގޮތުން މާލެ އާއި ވިލިމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރާންސްފާ ސްޓޭޝަންގެ ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށާއި ތިލަފުށީގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިންގ ޕްލާންޓެއް ގާއިމުކުރުމަށްޓަކައި ބައިނަލް އަޤްވާމީ ބީލަމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، އަދި ވ. އަތޮޅުގައި މީހުން ދިރުއުޅޭ ރަށްރަށުގައި ކުނި މެނޭޖް ކުރާ ނިޒާމް ފަރުމާ ކުރުމާއި މި ނިޒާމް ގާއިމު ކުރުމުގެ މަރުހަލާގައި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ޓަކައި ސުޕަރވިޝަން ކޮންސަލްޓަންސީ ފާމެއް ވަނީ އައްޔަންކޮށް ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމްތައް ފަރުމާ ކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 12,149,880 ރުފިޔާ އެވެ. މި މަސައްކަތަށް ހަވާލުކޮށްފައި ވަނީ ޖަރުމަނުގެ ދެ ކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏެއް ގުޅިގެން "ކޮކްސް ކޮންސަލްޓް ޖީބީއެމްއެޗް - ގޮޕާ އިންފްރާ ޖީބީއެޗް - ވޯޓާ ސޮލިއުޝަންސް" ނަމުގައި އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާއަކާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.