އަލީ ވަހީދު

މިދުވަސް ވެސް ހިނގައިދާނެ: އަލީ ވަހީދު

Jul 8, 2020
2

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގުވާމާއެކު "މި ދުވަސް ވެސް ހިނގައިދާނެ" ކަމަށް ވިދާޅުވެ އަލީ ވަހީދު، މާނަ ހުރި ޓްވީޓެއް ކުރައްވައިފި އެވެ.

އަލީ ވަހީދު މިރޭ ޓްވިޓާ މެދުވެރިކޮށް ރާއްޖޭގެ ކަނޑުތަކާއި ޗާޓް ރަމްޒުވާ ފޮޓޯއެއް ޕޯސްޓް ކުރެއްވި އެވެ. އެ ފޮޓޯގައި ދިވެހި ބަހުން ލިޔެފައި ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" މިހެނެވެ.

މާނަ ހުރި އެ ފޮޓޯއާއެކު އޭނާ ވިދާޅުވެފައި ވަނީ އިހުލާސްތެރި ކަމާއެކު ގައުމަށް ހިދުމަތްކޮށް ދެވުނީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށެވެ. އަދި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދުގެ ޓްވީޓް

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް، ރައީސް އަންގަވާފައިވާއިރު މިއަދު ހެނދުނުން ފެށިގެން މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ.

އޭގެ ތެރޭގައި މިނިސްޓްރީގެ ތެރޭގައި އަލީ ވަހީދަށް ތުހުމަތުވާ ބަދުއަހުލާގީ ގިނަ އަމަލުތަކެއްގެ ވާހަކަތަކާއި އޮފީސް މާހައުލުގެ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެއް ފެތުރުމުގެ އިތުރުން މިނިސްޓްރީގެ ވަޒީފާއަށް އަލީ ވަހީދާ ގުޅުންތައް އޮންނަ ގިނަ އަދަދެއްގެ އަންހެނުން ވެއްދުމާއި އަދި އެމީހުންނާއެކު ނުހަމަ ގުޅުންތަކެއް ހިންގުމުގެ ވާހަކަތައް ވެސް ހިމެނެ އެވެ.

އަލީ ވަހީދު ރައީސް ސޯލިހުގެ ކެބިނެޓަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާއަކީ އެ ޕާޓީގެ ރައީސް ވެސް މެއެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އަދި ޓްރާންޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އަލީ ވަހީދު ފަރާތުން ޖިންސީ ފުރައްސާރަކުރި އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ގާސިމާއެކު އޮތް ކައިރި ގުޅުމަށް ވެސް ބުރޫއަރާފައި ވެއެވެ. އަދި އޭގެ ކުރިން މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އަލީ ވަހީދާއި ގާސިމްގެ ހިޔާލު ތަފާތު ވުމާއެކު އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީއާ ފެއަށް ޖެހި ވަޑައިގެނެވެ.

ފަހަކަށް އައިސް އަލީ ވަހީދު ފެނިފައި ވަނީ އޭނާ ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ތަނެއްގައި ރައީސް ސޯލިހަށް ތައުރީފާއި ހުޝާމަދު ކުރައްވާ ވަޒީރެއްގެ ގޮތުގަ އެވެ.

ކޮވިޑް-19 އިގެ ލޮކްޑައުންގެ ދިގު ބަންދަށް ފަހު މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަލުން ދުނިޔެއަށް ހުޅުވާލާއިރު ރާއްޖެ އިޝްތިހާރު ކުރަން ކުޅެފައިވާ ވީޑިއޯ އިޝްތިހާރުގައި ވެސް އުޅެނީ އަލީ ވަހީދެވެ.