ކުޅިވަރުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވިސްނަވާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކެބިނެޓްގައި މަޝްވަރާ ވެސް ކުރައްވާފައިވާ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ފާރަވެރިވުމުގެ ގޮތުން މަޖިލީހުގައި އޮންނަ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ވެސް ނުލިބޭ ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 2015 ވަނަ އަހަރު އުފެއްދި ކޯޕަރޭޝަނެކެވެ.
މަޖިލީހުގެ ކޮމިޓީގައި މަހްލޫފު ވިދާޅުވި ގޮތުގައި، ސްޕޯޓްސް ކޯޕަރޭޝަން އިން އެކަށީގެންވާ ފައިދާތަކެއް ނުލިބޭ މި ހަފުތާގައި ބޭއްވުނު ކެބިނެޓްގެ ބައެއް ބައްދަލުވުންތަކުގައި އެ ކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އެ ގޮތުން ކެބިނެޓް ބައްދަލުވުމެއްގައި އެ ކޯޕަރޭޝަން އުވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ މިއީ އުވާލަން ޖެހޭ ކުންފުންޏެއް ކަން. ކެބިނެޓް ވޯކިންގް ގްރޫޕްގައި ވެސް، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މިއީ އުވާލަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް، އެ ވޯކިންގް ގްރޫޕުގައި ހެދުނު ސަބް ކޮމިޓީތަކުގައި ވެސް ވަނީ މަޝްވަރާ ކުރެވިފައި،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ މިހާތަނަށް އެ ކޯޕަރޭޝަނަށް ކުރިއަށް ގެންދެވުނީ އެންމެ ޕްރޮޖެކްޓްއެއް ކަމަށެވެ. އެ ޕްރޮޖެކްޓަކީ ވެސް މިނިސްޓްރީން އެ ކޯޕަރޭޝަނަށް ހަވާލު ކުރި ޕްރޮޖެކްޓްއެއް ކަމަށެވެ. ކޯޕަރޭޝަން ހިންގާ އިމާރަތަކީ ވެސް ވަކި މުއްދަތަކަށް މިނިސްޓްރީން ހިލޭ ދީފައިވާ އިމާރާތެއް ކަމަށާއި އެ މުއްދަތު ވެސް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. މާއްޓެ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލަ މަހުގަ އެވެ. އެއީ މިހާރުގެ ސަރުކާރުގެ ދުވަސްވަރުގަ އެވެ.
ސްޕޯޓްސް ކޯޕަރޭޝަން އިން ކުރިއަށް ގެންދާ ހަމައެކަނި ޕްރޮޖެކްޓްއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމު ކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައި ކޮށްދިނުމުގެ ޕްރޮޖެކްޓްއެކެވެ. އެ ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ޕްރޮޖެކްޓްއެކެވެ.