ވިޔަފާރި

ބިން ވިއްކާލަނީ ޓެކްސް ފްރޯޑަކާއެކު! ގެއްލުން ރައްޔިތުންނަށް؟

އެއް ރުފިޔާ އަށް މާލޭން ބިމެއް ލިބިދާނެ ހެއްޔެވެ؟ މިކަން ބުއްދި ގަބޫލު ކުރެވޭ ހެއްޔެވެ؟ ގަބޫލު ނުކުރިއަސް، އެކަން ކޮށްފި އެވެ. އެއް ރުފިޔާއަށް ބަޔަކު ބިމެއް ގަނެފި އެވެ. އެ މުއާމަލާތް ހިންގައިފި އެވެ. އެ މުއާމަލާ ވެސް ސައްހަ އެވެ.

އެ  "މޮޅު ވިޔަފާރި" އާއެކު ބަޔަކު އުފާކުރި އެވެ. އުފާވި މީހުންގެ ނަޒަރުގައި ކުރީ ވަރަށް މޮޅު ކަމެކެވެ. ސަބަބަކީ އެއިން ދައުލަތައް ޓެކްސް ދައްކަން ނުޖެހުމެވެ. ޓެކްސްގެ ގޮތުގައި ލިބުނީ އެންމެ 15ލ. އެވެ.

ނަމަވެސް މިއިން ނުކުންނަނީ ކޮން ނަތީޖާއެއް ހެއްޔެވެ؟  

"ބިމާ ބެހޭ ގާނޫނު އޮތް ގޮތުން އޭގެ ފައިދާ ނަގައިގެން މިގޮތަށް މުއާމަލާތް މި ހިންގެނީ. ނަމަވެސް މިއީ ޓެކްސް ފްރޯޑުގެ ގޮތުގައި ބެލެވޭނެ. އެކަމަކު މިހާރު އެހެން ބެލޭނެ ގޮތެއް ރާއްޖޭގައި ނެތް؟" ޓެކްސްގެ ދާއިރާގައި މަސައްކަތް ކުރާ "ޓެކްސް އެޖެންޓަކު" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނު މިހާރު އޮތް ގޮތުން ބިން ވިއްކާއިރު، އެ މީހަކު ބޭނުން އަގެއް ޖެހިދާނެ އެވެ. މިސާލަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިޔަ ސަރަހައްދު ފަސް ރުފިޔާއަށް ވެސް ވިއްކާލަންވީ އެވެ. އެއިން ދައުލަތައް ދައްކަން ޖެހޭނީ 15 ޕަސެންޓެވެ.

މި ވާހަކަ ދައްކަން މި ޖެހެނީ ވަރަށް ތިލަކޮށެވެ. ވާހަކަ ފުރަތަމަ ފަށާއިރު ވެސް ބުނަން ޖެހެނީ ވިޔަފާރިވެރިންގެ އަތުން ދައުލަތައް ނަގާ ޓެކްސްގެ ފައިސާ އިން ދަނީ ގިނަ ހަރަދުތަކެއް ކުރަމުންދާ ވާހަކަ އެވެ. ކޮންމެ ސަރުކާރެއް އޮތަސް އެކަން ކުރަން މަޖުބޫރުވެ އެވެ. މި ފައިސާގެ ބޭނުންކޮށްގެން ހަމައެކަނި ހަދަނީ ބަނދަރެއް ނޫނެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސް ކުރަން ދޫކުރާ "އާސަންދަ" އަށްވެސް ހޭދަކުރަނީ ހަމަ މިގޮތަށް ދައުލަތައް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ފައިސާއިންނެވެ.

ހިސާބުތަކަށް ބަލާއިރު 2012 ވަނަ އަހަރު އާސަންދައަށް ދައުލަތުގެ ބަޖެޓުން 524 މިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އަދި 2013 ވަނަ އަހަރު 509 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އައިޑީކާޑު ހިފައިގެން ގޮސް ހިލޭ ބޭސް ފަރުވާ ކުރެވެނީ ދައުލަތައް ލިބޭ ޓެކްސް ފައިސާ ލިބޭތީ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5،000ރ. ވެސް ދެވެނީ ހަމަ ޓެކްސް ފައިސާއިންނެވެ. އަދި ބަނދަރުތައް ހެދެނީ ވެސް މި ފައިސާއިންނެވެ. އެހެންވީއިރު، ވިޔަފާރީގެ މުއާމަލާތެއް ކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާއެއް ނުލިބުމަކީ އުފަލެއް ހެއްޔެވެ؟ ނޫނީ އެއީ މޮޅު ކަމެއް ހެއްޔެވެ؟

"މީގެ ސަބަބުން ދައުލަތައް ލިބޭ ޓެކްސްތަކެއް ގެއްލުމުގެ ފުރުސަތު ބޮޑު. އެހެންވެ މިއީ ސީރިއަސް މައްސަލައެއް،" ޓެކްސް އެޖެންޓަކު ބުންޏެވެ.

"ބޭނުން އަގެއް ކަނޑައެޅޭ ގޮތަށް އޮންނަ ނަމަ ކޮންމެ ބަޔަކު ވެސް ކަނޑައަޅާނީ ކުޑަކޮށް. އޭރުން ދައުލަތައް ކުޑަ އެއްޗެއް ދައްކާފައި ބެކްއެންޑުން އެ މުއާމަލާތެއް ނިންމާނީ. އެހެންވެ ފުޅާވަމުންދާ ބިން ވިއްކުމުގެ ދާއިރާގައި މިއީ ބޮޑު މައްސަލައަކަށް ވާނެ،" ޓެކްސްގެ ދާއިރާގައި މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ތަޖުރިބާކާރެއް ވިދާޅުވި އެވެ.

"ކުރީގަ މިކަން އޮންނަނީ އަދަދުތަކެއް ކަނޑައަޅާފައި ގާނޫނުގައި މިވެނި އަގަކަށޭ ވިއްކޭނީ، އަގުގެ ބޮޑު މިނަށް ބަލަންޖެހޭނެ ކަމަށް އޮވޭ. އެކަމަކު މިހާރު އެކަން ނެތީމަ، އެހެންވެ މި ފްރޯޑް ހެދެނީ،"

ޓެކްސް ދާއިރާގައި މަސައްކަތްކުރާ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މިކަމަކީ ބޮޑު ފްރޯޑަކަށް ހުޅުވިފައިވާ ދޮރެކެވެ.

"މިސާލަކަށް ޖީއެސްޓީ ނަގާއިރު، އެ މީހަކު ބޭނުން އަގެއްގައި ވިއްކާލީ. އެހެންވެއްޖެނަމަ މާކެޓު ރޭޓަށް އެ ގެންދެވޭ. ޓެކްސްތަކުގައި އަގު މާ ދަށްކަމަށްވާނަމަ ބޮޑު ކުރެވޭ އެޖެސްމަންޓެއް ހަދައިގެން. މީހަކު 1000ރ. ގެ ވިޔަފާރިކޮށްފަ މި ބުނަނީ 500ރ. އަށޭ ވިއްކާލީ. ނަމަވެސް އޮޑިޓްކޮށްފަ އެ ބޮޑު ކުރެވޭ. ނަމަވެސް ބިމާބެހޭ ގާނޫނު މިހާރު އޮތް ގޮތުން ބިން ވިއްކުމަށްފަހު ގަސްތުގައި އޮޅުވާލިކަން އެނގުނަސް ކުރެވޭނެ ކަމެއް ނޯވޭ،"

ކޮންމެ ގޮތެއްގައި ކޮންމެ ބަޔަކު މިކަން ކުރިނަމަވެސް، މިއީ ދެރަ ކަމެކެވެ. މިކަން ހުއްޓުވަން ޖެހެ އެވެ. މިކަން ކުރުމަށް ގާނޫނު އިސްލާހު ކުރަން ޖެހެއެވެ.