ވާހަކަ

ލޯބިން ބުނެލަން

(8 ޖުލައި 2020 އާ ގުޅޭ)

"ވަޓް ދި..." ދޮރުމަތިން ކެންޒާއާއެކު ޔާދިން ފެނި އެ ދެމީހުންގެ މޫނުގައިވި ހިނިތުންވުން ލައިތުގެ ޠަބީޢަތް ގޯސްކުރުވައިފިއެވެ. ޔާދިންއަށް ޓަކައި ކެންޒާ ހިނިތުންވާތަން ދުށުމަކީ ލައިތުއަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. ސެހްރާނަށް ވެސް ވީ އެވަރެވެ. އެމޫނުގައިވި ހިނިތުންވުން ފަނޑުވިއެވެ. ހިތާހިތުން ޔާދިންގެ ޢަމަލުތައް ސެހްރާނަށް ކުށްވެރިކުރެވުނެވެ.

ކެންޒާއާއެކު ބަދިގެއާ ހަމައަށް ޔާދިންއައީ އެތަނުގައި ކެންޒާގެ އިންތިޒާރުގައި ލައިތު ހުންނާނޭ ކަމަށް ލަފާކޮށްފައެވެ. އިތުރު ހިތްހަމަޖެހުމެއް ލިބުނީ ބޭނުންވީ މަޤްޞަދު ހާސިލުވެއްޖެކަން އެނގިއެވެ. އެހެންނަމަވެސް ލައިތުއާއެކު ސެހްރާނު ފެނުންވީ ޔާދިން އުންމީދުކޮށްގެން ހުރިކަމެއް ނޫނެވެ. ކެންޒާގެ ކަންފަތްދޮށުގައި ސިއްރުން ދަނީ ކަމުގައި ބުނެފައި އެނބުރި ގޭތެރެއާ ދިމާއަށް ޔާދިން ހިނގައިގަތެވެ.

ކެންޒާގެ ފުށުން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި މީހަކު ފަދައިން ލައިތުގެ ލޯ ކެންޒާގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައި ވިއެވެ. އެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. ތުންފަތުގައިވި ހިނިތުންވުން އެކަމަށް ހެކިދެއެވެ. ސެހްރާނު ކުރި ހެނދުނުގެ ސަލާމަށް ކެންޒާ ރައްދުދިނެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިވެފައިވާ ކަޅިރަވައިގަ ތަފާތުކަމެއްވާހެން ލައިތަށް ހީވަނީއެވެ. އަވަސް ގޮތަކަށް ލައިތަށް ކެންޒާގެ ނަޒަރު އަމާޒުވެލިއެވެ.

އަމިއްލަ ހިތުގައި ކެންޒާއާ މެދު ފުރިހަމަ ޔަގީންކަން ބާއްވަން ލައިތު ބޭނުމެވެ. ނަމަވެސް އޭނާގެ ހިތް ބިރުގަނެއެވެ. ޔާދިންގެ މަޤްޞަދަކީ ކޮބައިކަން އެނގެއެވެ. އެހެންވިޔަސް ކެންޒާގެ ހިތް ދީލައިލާފާނޭކަމުގެ ކަންބޮޑުވުން ލައިތުގެ ހިތުގައި ވެއެވެ. ކެންޒާގެ ހިމޭން ހަޔާތަށް ކުއްލިއަކަށް ވެރިވި ހަލަބޮލިކަމުގައި އޭނާ ލައިތުގެ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ޚިޔާލުތައް ސިކުނޑިއަށް ބާރުފޯރުވައެވެ. ކެންޒާގެ ކިބައިން ގަދަ ބާރުން ކަމެއް ހާސިލުކުރަން އުޅޭ މީހެއް ފަދައިން ލައިތު ސިފަވާކަށް އޭނާ ނޭދެއެވެ. ހަޤީޤަތަކީ ލައިތު ނޫން އެހެން ފިރިހެނަކަށް ކެންޒާ ބަލާލަން ވެސް އޭނާގެ ހިތް ނޭދޭކަމެވެ. އެކަމަކު އޭރުން ކެންޒާ ވާނީ އޭނާގެ ޤައިދީއަކަށެވެ. މިނިވަންކަމެއްނެތް ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏަކަށެވެ. އެ އިޚްސާސް ކެންޒާއަށް ކުރެވޭކަށް ލައިތު ނޭދެއެވެ. އޭނާގެ ޢަމަލުތައް ކެންޒާގެ މައްޗަށް ހައްދުފަހަނަ އަޅައި ހިނގައިދާނޭ ކަމަށް އަބަދުވެސް ލައިތު ހުންނަނީ ސަމާލުވެގެންނެވެ. އެ ސިފަ ފާޅުވެދާނެތީ ޖެހިލުންވެފައެވެ. އެހެންވިޔަސް އޭނާގެ ލޭ ހޫނުވެ ހިތަށް ވޭން ލިބި މީހާ މާޔޫސްވަނީ އިންތިހާއަށެވެ. ކެންޒާއަކީ ހުރިހާ ގޮތަކުން އޭނާގެ ހައްޤަކަށް ހެދުމުގެ ގަސްދާއި އަޒުމް ވަރުގަދައެވެ.

އައިލެންޑްގައި ދެއަތް އަޅުވާލައިގެން އެއްވަރަކަށް ހެވިފައި ސެހްރާނު އިނެވެ. ކެންޒާއަށް އެކަން ފާހަގަވެއްޖެއެވެ. އެ ސިކުނޑީގައި ކޮންމެވެސް ޚިޔާލުތަކެއް ހިނގަނީކަން ކެންޒާއަށް އެނގެއެވެ. އެވަރަށް ސެހްރާނު ބަލާތީ ކެންޒާއަށް އުނދަގޫވިއެވެ. އެ ބޮޑު އައިލެންޑްގެ ކައިރީ ސެހްރާނާއި ލައިތުއަށް ކުރިމަތި ލައިގެން ހުރެ މަސައްކަތް ކުރަން ކެންޒާއަށް ފަސޭހައެއްނުވިއެވެ. ފަރިތަކަމާއެކު އެއްޗެހި ކޮށާއިރު މިއަދު އެ ފަރިތަކަމެއް ކެންޒާގެ އަތަކުނެތެވެ. ދޭތެރެއަކުން ސެހްރާނަށް ކެންޒާގެ ނަޒަރު ހުއްޓެވެ. އެހެން ބަލާލެވޭ ކޮންމެ ފަހަރަކު ސެހްރާނުގެ ހިނިތުންވުން ފުޅާވެލައެވެ.

"ވަޓް؟... މޫނުގަ އެއްޗެއް ހުރީތަ؟..." ނުހުރެވިގެން ކެންޒާއަށް އަހާލެވުނެވެ. އޭނާގެ ނަޒަރު ސެހްރާނާއި ލައިތުއަށް ހިންގާލިއެވެ.

"ނޯޕް!..." ނިކަން ހިނިއައިސްފައި އިނދެ ސެހްރާނު ބުންޏެވެ.

"ސެހެރް..." ލައިތު ގޮވާލިއެވެ. ސެހްރާނު ގާތު އޭނާ ގަސްދުކުރާ ކަންތައް ހުއްޓާލުމަށް ލައިތު ބުނެލި ކަހަލައެވެ. ސެހްރާނު ބޯ އަރިކޮށް އައިލެންޑްގައި އުޅަންބޮށި ވިއްދާލި ކަނާއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެ މޫނު ލައިތާ ދިމާއަށް އަނބުރާލެވިފައިވީއިރު ތުންފަތުގައިވި ލާނެތް ހިނިތުންވުން ފަނޑެއްނުވެއެވެ.

"ސްޓޮޕް ބީން ޗައިލްޑިޝް" ލައިތު ބުނެލިއެވެ. އޭނާ ބުނި އެއްޗެއް ދޭހަނުވެފައި ހުރެ ކެންޒާ އަނެއްކާވެސް ދެ ޒުވާނުންނަށް ބަލާލިއެވެ. ބަދިގޭގައި ކެންޒާ އުޅޭވަގުތަކު ގޭގެ މީހަކު އަތުވެއްޖެނަމަ އެތަނުން ދިއުމަށް ލައިތު އަވަސްވެގަންނާނެވެ. ނަމަވެސް މިއަދު އެކަން ތަފާތުވެއްޖެއެވެ. ސެހްރާނު އައިސް އެ އިނީ ކޮން ބޭނުމަކުކަމެއް ނޭނގުނަސް، އޭނާ ހުރުމަކުން ލައިތަށް އުނދަގޫވެގެންނެއް ނޫޅެއެވެ. ކެންޒާއަށް އެކަން ފާހަގަވެއެވެ.

"އައުޗް..." ދެ ޒުވާނުންގެ ޚިޔާލަށް ގެއްލިފައި ހުރިވަރުން ކަޓިން ބޯޑު ހިފައިގެން ކެންޒާއަށް އެނބުރިލެވުނީ އޭގެ މަތީގައި ވަޅި ބޭއްވުނުކަން ހަނދާންނެތިފައި ހުރެއެވެ.

"ކެން..." ލައިތުގެ އަޑު އިވުނެވެ. ސެހްރާނަށް ވެސް ވަގުތުން ތެދުވެވުނެވެ. އެހެންނަމަވެސް އޭނާއަށް ފިޔަވަޅެއް އެޅެންވީއިރު ފެނުނީ ކެންޒާގެ ގާތުގައި ލައިތު ހުއްޓެވެ. ހައިރާންކަން އެ މޫނުން ފާޅުވިއެވެ.

"ލެޓް މީ ސީ..." ކެންޒާގެ އަތް ތަޅުވާލުމުން އެއަތުގައި ލައިތު ހިފެހެއްޓިއެވެ. ކެންޒާ ހިފަހައްޓައިގެން ހުރި ކަޓިން ބޯޑު ލައިތު އަތުލައި އަލުން އައިލެންޑް މަތީ ބެހެއްޓިއެވެ. ވެޓެން ދިޔަ ވަޅީގައި ހިފަން އުޅުމަކީ ކުރެވުނު ކިހާ މޮޔަކަމެއްކަން ކެންޒާއަށް ވިސްނުނެވެ. ތޫނު މިޔައިން ކެންޒާގެ ކަނާއަތުގެ ބޮޑުވައި އިނގިލި ކެނޑި ލޭ އަންނަނީއެވެ.

"ކަނޑައިން ދިޔައީތަ؟" ސެހްރާނު އަހާލިއެވެ.

"ސެހެރް... ޕްލީޒް... މިތަނުން ހިނގައިދާނަންތަ؟." ސެހްރާނު ކައިރިވެލަން އުޅުނު ހިނދު ލައިތުއާ ގާތަށް ކެންޒާ ދަމާލަމުން ބުނެލިއެވެ. ލައިތުގެ ހަރަކާތްތަކާމެދު ކެންޒާ ހާސްވިއެވެ. ސެހްރާނުގެ ކުރިމަތީ ލައިތު އެފަދައިން އޭނާ ގާތްކޮށްލަފާނޭ ހީނުވީއެވެ. ކެންޒާގެ ނަޒަރު ސެހްރާނަށް ހުއްޓުނެވެ. އޭނާ ހީކުރާނޭ ގޮތަކާމެދު ކެންޒާއަށް ވިސްނާލެވުނެވެ.

"ފައިން... ޔޫ ޓޭކް ކެއާ އޮފް ހާ." ސެހްރާނު ދެއަތް ހިއްލާލައި ފަހަތަށް ޖެހިލިއެވެ. ލައިތު ބޯޖަހާލިއެވެ. ދެން ފެނުނީ ސެހްރާނު ބަދިގެއިން ނުކުމެގެން ދިޔަ ތަނެވެ.

"ތަދުވޭތަ؟..." ސިންކުގެ އިސްކުރުން އޮހެމުން ދިޔަ ފެންތަކުން ކެންޒާގެ އިނގިލިން ލޭތަށް ދޮވެވެމުންދިޔަ ހިނދު ލައިތު އަހާލިއެވެ. ކެންޒާ ބަލަން ހުރި ގޮތުން އެ ދެލޮލުން އެނގެން ބޭނުންވާ އެހެންކަމެއް އޮތްކަން ލައިތަށް ފަހުމްވިއެވެ.

"ހީ ނޯސް..." ކުރާނޭކަމެއްނެތޭ ބުނާފަދަ އަސަރުތަކަކާއެކު ލައިތު ބުނެލިއެވެ.

"ދެން..." ހާސްވެފައި ކެންޒާއަށް ބުނެވުނެވެ.

"ޑޯންޓް ވޮރީ. ސެހެރްއަށް އިތުބާރުކުރެވޭތީ އަހަރެން ބުނީ." ލައިތު ބުންޏެވެ. އޭނާ ކެންޒާގެ އިނގިލިން ފެން ފުހެދިނެވެ. އަދި ބޭސް އަޅައިދޭން އުޅުނެވެ.

"މާމަ ކައިރީ ބުނަންވީނު މިއަދު މަސައްކަތެއް ނުކުރެވޭނެއޭ." ކެންޒާގެ އިނގީލީގައި މަލަން އަޅައިދޭން ހުރެ ލައިތު ބުނެލިއެވެ.

"މީ އެވަރުކަމެއްނޫން... ތަދެއް ނުވޭ..." ކެންޒާ އަވަސް އަވަހަށް ބުނެލިއެވެ.

"މިއަދުގެ ހުރިހާ ވަގުތެއް އަހަންނާއެކު ހޭދަކުރަންވީނު. ވީކެން ގޯ އައުޓް، ހޭވް ބްރެކްފަސްޓް ޓުގެދާ... އައި ހޭވް އަ ޕްލޭސް، ޔޫ ކެން ކުކް ފޯ މީ، އެތަނަކަށް މީހަކަށް ނާދެވޭނެ. ޕެންޑާއާއެކު އެކަނިވާނޭ ފުރުޞަތު ލިބޭނެ." ލައިތު ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާ އެ ހުށަހެޅި ފުރުޞަތު ޤަބޫލުކުރަން ކެންޒާގެ ހިތް އެދުނެވެ. އެހެންވިޔަސް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ.

"އަހަރެންގެ ކުލާސް އެބައޮތް. މަންމަ ވެސް ގުޅާނެ.... މަސައްކަތް ނުކުރެވޭވަރަކަށް ނޫން އިނގިލި ކަނޑައިގެން ދިޔައީ. ލައިތު.... ސޮރީ..." ކެންޒާ ބުނެލިއެވެ. ލައިތު ވާހަކަނުދެއްކުމުން ކެންޒާ މަސައްކަތަށް އެނބުރިލަން އުޅުނެވެ. ނަމަވެސް ލައިތާ ދުރަށް ފިޔަވަޅެއް ނޭޅެނީސް އޭނާ ކެންޒާ ހުއްޓުވިއެވެ.

"ކެތްކުރާށޭތަ ތިބުނަނީ؟. އެކަމަކު އެއީ ކުރަން ކިހާ އުނދަގޫ ކަމެއްކަން ނޭނގޭތަ." ލައިތު މިހެންބުނެލިއިރު ކެންޒާގެ ކޯތާފަތަށް އޭނާގެ ނޭވާ އިޙްސާސްވާހާ މޫނު ކައިރިކޮށްލިއެވެ. ކެންޒާ ހުރީ ހަރަކާތެއް ވެސް ކޮށްލަން ނުކެރިފައެވެ. އޭނާގެ އަނަގަނޑުގައި ލައިތުގެ ދެއަތް ވަށާލިކަން އެނގެއެވެ. އެހެންނަމަވެސް އޭނާ ނިކަން އަވަހަށް ދުރަށް ޖެހިއްޖެއެވެ. އެނބުރި ގޮސް ސެހްރާނު އިނދެފައި ދިޔަ ގޮނޑީގައި އިށީނދެއްޖެއެވެ. ކެންޒާ ބަލާލުމުން މިފަހަރު ލައިތު އިސްޖެހީއެވެ. އެމޫނު ކެންޒާއަށް ނުދައްކަން ގެނައި ހަރަކާތެއް ކަހަލައެވެ.

ކެންޒާ ތަށިތައް ތައްޔާރުކުރަމުންދިޔައެވެ. ލައިތު ބަދިގެއިން ނުކުތެވެ. އެހެންނަމަވެސް ދޭތެރެއަކުން އެނބުރި އައިސް ދޮރުމަތީ ހުއްޓިލައެވެ. ކެންޒާގެ މަސައްކަތްތައް ނިމުމާއެކު އޭނާ ބަދިގެއިން ނުކުމެގެން އެލެވޭޓާއާ ދިމާއަށް އައެވެ. އޭރު އެތަނުގައި ލައިތު ހުއްޓިއެވެ. ކެންޒާ އަރާ ހަމަވުމުން އޭނާ އެލެވޭޓާ ހުޅުވިއެވެ. އެތެރެއަށް ވަނީ ދެމީހުން އެކުގައެވެ.
ޚާދިމުންގެ ބަޔަށް އެލެވޭޓާ ހުއްޓި ދޮރު ހުޅުވުނެވެ. ނުކުތުމުގެ ކުރީން ކެންޒާގެ ނަޒަރު ލައިތު ހޯދާލިއެވެ. އޭނާ އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ. އޭނާ ކެންޒާދެކެ ކަމަކާ ނުރުހުނީބާއޭ ކެންޒާގެ ހިތަށް އެރިއެވެ. ހުޅުވުނު ދޮރު ލެއްޕުމުން ކެންޒާ އަލުން ހުޅުވިއެވެ. ނުކުމެގެން އައިސް އޭނާ އުޅޭ ކޮޓަރިއަށް ވަދެއްޖެއެވެ.

ދޮރު ލައްޕައި ތަޅުލާފައި އައިސް ކެންޒާ ޔުނީފޯމް ނެގިއެވެ. އިސްތިރިކުރަން ޖެހޭ ތޯ އޭނާ ބަލާލިއެވެ. އަލަމާރިން ނެގި ކޮނޑުގައި ޔުނީފޯމް އެޅުވުމަށްފަހު ފާޚާނާއަށް ވަންނަން އުޅުނެވެ. އެނދުކައިރީ ހުރެ ބޫޓު ބޭލުމަށްފަހު ކޮޓަރީގައި ހުރި މަޑުމަޑު ފޮތި ފައިވާނަށް ފައިކޮށްޕާލިއެވެ. ގަމީހުގެ ކަރުގޮށް ކައިރީ ހަރުކޮށްފައި އިން ބުރޫޗު ނައްޓާލައި ގޮށްފަތީގެ އެއްފަރާތުގައި ހަރުކޮށްލިއެވެ. ފާޚާނާ ހުޅުވައި އެތެރޭގައި ތުވާއްޔެއް އިންތޯ ބަލާލުމަށް ވަނެވެ. ބޮލުގައިވި ހުޅި މޮހާލީ ފާޚާނާގައި ހުރި ބޮޑު ލޯގަނޑަށް ބަލަން ހުރެއެވެ. ފެންވަރާބައި ހުންނަ ފަރާތު ފާރުގައި އައު ތުވާއްޔެއް އަޅުވާފައި ހުރުމުން ކެންޒާ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ކޮޓަރިތެރެއިން ތަފާތު އަޑެއް އިވުނީ އެވަގުތެވެ. ފާޚާނާއިން ބޯދިއްކޮށްލެވުނު ހިނދު ކޮޓަރިތެރެއަށް ވަދެ ހުރި ލައިތު ފެނުނެވެ. ދެމީހުންގެ ނަޒަރު ސީދާވެލި ހިނދު ލައިތުގެ މޫނުން ވެސް މިފަހަރު ހައިރާންކަމާ ގުޅިފައިވި ޖެހިލުންވުމެއް ފާޅުވެލިއެވެ. އޭނާ އެކޮޓަރިއަށް ވަނުމާމެދު ޚިޔާލުކުރި ނަމަވެސް ހުރީ ގޮތެއް ނުނިންމިފައެވެ. އެކަމަކު ކެންޒާ ނުކުތުމުން އެލެވޭޓާއިގައި އޭނާ ހުރީ އިތުރު ތަނަކަށް ދާން ބޭނުންނުވެފައެވެ. އެ ކޮޓަރިއަށް ވަނީ ކެންޒާ ފާޚާނާއަށް ވަދެދާނޭ ހީކޮށްގެން ހުރެއެއް ނޫނެވެ.

ކެންޒާއަށް ފާޚާނާ ތެރެއަށް ޖެހިލެވުނެވެ. ދެއަތުން ލައްޕާލަން އުޅުނު ދޮރުގެ ދޭތެރެއަށް ލައިތުގެ އަތްލެއްވިތަން ފެނުނެވެ. ލައިތަށް އަނިޔާއެއް ވެދާނޭތީ ކެންޒާއަށް ދޮރު ކޮށްޕާލާކަށް ނުކެރުނެވެ. ފާރުގައި ހުރި ބޮޑު ލޯގަނޑަށް ކެންޒާގެ ނަޒަރު ހުއްޓުނެވެ. ނުލެއްޕި ހުރި ދޮރު ދޭތެރެއިން ލައިތުގެ ނަޒަރު ލޯގަނޑަށް ހުއްޓިފައިވާތީ ފެނުނެވެ. އެ ލޯގަނޑުން އޭނާ އެބަލަނީ ކެންޒާއަށްކަން އެނގުނެވެ. ވަގުތުން ދޮރު ދޫކޮށްލާފައި މޭމަތިން ހާމަވެފައި އޮތް ބައި ނިވާކުރުމަށް ގަމީހުގެ ގޮށްފޮތި ދެފަރާތުން ގެނެސް ކައިރިކޮށްލިއެވެ. ދޮރު ހުޅުވިގެން ދިއުމާއެކު ލައިތުގެ ފުރިހަމަ ސޫރަ ކެންޒާގެ ކުރިމަތީ ހުއްޓިއްޖެއެވެ.

"ދުވަހަކުވެސް އަހަރެން އިންސެކިއާ ފީލްއެއް ނުވޭ. އަހަންނަށް ތިއަންހެންކުއްޖާއާ މެދު މާބޮޑު ފިކުރުތަކެއް ކުރާކަށް ނުޖެހޭނެއޭ ހީކުރެވުނީ. އެކަމަކު މިހާރު އެނގިއްޖެ އަހަރެން ހީކުރި ގޮތަށް އެއްވެސް ކަމެއް ފަސޭހަކަމާއި އޮމާންކޮށް ނުދާނެކަން. ޕެންޑާއަށް އެނގޭތަ އަހަންނަށް މިވާގޮތް." ލައިތު ބުންޏެވެ. ކެންޒާ ޖެހުނީ ލައިތުއާ ދުރަށެވެ.

"އަހަރެން ކަމެއްކޮށްފާނެތީ ބިރުންތަ ދުރަށް ތިދަނީ؟." ލައިތު އަހާލިއެވެ.

"ނޫން..." ކެންޒާ ބުނެލިއެވެ.

"އަހަރެން ކައިރިވެސް ނުވާންވީތަ؟. ކީއްވެ؟. އަހަރެންނަށް އިތުބާރުނުކުރެވެނީތަ؟." ގަސްދަކާނުލާ ވިޔަސް ލައިތުގެ އަޑު ހަރުކަށިވިއެވެ. އޭނާގެ ސިކުނޑިއަށް ބާރުކުރާވަރަކަށް ސިނގުރިޅިއެއް އައެވެ.

"ރުޅިއައިސްފަ ތިހުރީ." ކެންޒާ މަޑުމަޑުން ބުންޏެވެ.

"ޕެންޑާއެންނު އަހަރެން ރުޅިއަރުވަނީ. މިހާރު ތިއުޅެނީ އަހަރެން ކައިރިވެދާނެތީ" ލައިތު ބުނެލިއެވެ. އެ ދެ ލޮލުގައިވާ ޖަޒުބާތުތައް ދެނެގަތުން ކެންޒާއަށް އުނދަގުލެއްނުވިއެވެ. ލައިތު ގާތްވާން ކެންޒާ ނޭދެނީ އެހެންވެއެވެ.

"އަހަންނަށް ލަސްވޭ." ލައިތުއަށް ވިސްނައިދޭން ބޭނުންވިޔަސް އޭނާގެ ދުލުން ނުކުތީ އެހެން ލަފުޒުތަކެކެވެ. ވަގުތުން ލައިތު ދެބުމަކައިރިވެލައި ދަތްކުނޑިވިކާލިތަން ކެންޒާއަށް ފެނުނެވެ.

"ހިނގައިދާނަމޭ..." ދޮރުފަތުގައި ހިފާ ބާރަށް ލައްޕާލުމާއެކު ނިކަން ހަލުވިކޮށް ލައިތު އެ ކޮޓަރިން ނުކުމެއްޖެއެވެ. އިރުކޮޅަކު ހުރެފައި ކެންޒާ ފާޚާނާއިން ނުކުތެވެ. ލައިތު ފެންނާކަށް ނެތެވެ. ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓިލުމާއެކު އޭނާ ދޮރު ތަޅުލިއެވެ. ލައިތު ރުޅި އައިސްފިކަން ޔަގީންވުން ކެންޒާއަށް ތުންފިއްތާލެވުނެވެ. އޭނާއަށް އެ ބަދަލު ގެނުވަން ކެންޒާއަށް ކުރެވުނީ ކޮންކަމެއް ކަމާމެދު އަމިއްލަ ނަފްސާ ކެންޒާ ސުވާލުކުރިއެވެ.

* * * * *

ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ލައިތުގެ ޚަބަރެއް ކެންޒާއަށް ނުވިއެވެ. ސެހްރާނަށް އެ ދެމެދުގައި އޮތް ގުޅުން އެނގޭކަން ލައިތު ބުނެފައި ވިޔަސް، އޭނާގެ ގާތުގައި ލައިތު ކޮބާތޯ އަހާލާކަށް ކެންޒާއަކަށް ނުކެރުނެވެ. ކަމެއް ކުރެވުނީ ވިއްޔާ މަޢާފަށް އެދި ލައިތަށް ކެންޒާ މެސެޖު ވެސް ކުރިއެވެ. ޔާދިންއާ ބައްދަލުނުކުރިޔަސް ފޯނުން އޭނާ ގުޅާލެއް ގިނައެވެ. ލައިތުގެ ޚިޔާލުތަކުގައި ހުރެވޭތީ ކެންޒާއަށް ޔާދިންއާ ވާހަކަދެއްކުން އުނދަގޫވިއެވެ. ލައިތުއަށް ވީގޮތެއް އެނގެން އޭނާ ބޭނުންވަނީއެވެ. ޔާދިންއާ ރައްޓެހިކަން ބަދަހިކުރަން ކެންޒާ ބޭނުމެވެ. އެއީ އޭނާގެ ކިހާ ގާތް ރަޙުމަތްތެރިއެއްކަން އެނގެއެވެ. ލައިތުގެ ރުޅިއަކީ ޔާދިންކަމުގައި ކެންޒާއަށް ވިސްނެންފެށީ ދެނެވެ. އެހެންވެދާނޭ ހީވާވަރުންނެވެ. ޔާދިންއަކީ ކިހާ މުހިންމު މީހެއްކަން އެނގުމުގެ މާކުރިން އޭނާއާއި ލައިތުގެ ދެމެދުގައި އޮންނަ ހަމަނުޖެހުން ކެންޒާއަށް އޮތީ އެނގިފައެވެ.

ހަފްތާ ބަންދުގައި ވެސް ލައިތެއް ނުފެނުނެވެ. ޖެހިލުންވެފައި ހުރެ ވެސް ލައިރާއަށް ކެންޒާ ގުޅީ ގޮސް ހުސްވެގެންނެވެ. އޭނާގެ ފިރިމީހާ އައިފަހުން ކެންޒާއަށް ލައިރާގެ ޚަބަރެއް ނުވެއެވެ. އެ އެކުވެރިޔާގެ ހާލެއް ވެސް ނޭނގެއެވެ. ލައިރާ ފޯނުކޯލު ނެގުމުން ކެންޒާ ވާހަކައެއް ހަދާލިއެވެ. ސެހްރާނު ހޯދާކަން އޭނާ ބުންޏެވެ. ލެޕްޓޮޕްގެ ކަމެއްގައި އޭނާގެ އެހީއެއް ބޭނުންވެގެން ކަމުގައި ކެންޒާ ބުންޏެވެ. ކެންޒާ ހީކުރި ނަމަވެސް ލައިރާ އެއްވެސް ސުވާލެއް ނުކުރިއެވެ. ބަދިގެއަށް ފޮނުވާދޭންވީތޯ ލައިރާ އަހާލުމުން، ކެންޒާ އާނއެކޭ ބުންޏެވެ.

ގިނައިރެއް ނުވެ ސެހްރާނު އައިސް ބަދިގެއަށް ވަނެވެ. އޭރު ކެންޒާ މެންދުރުގެ ކާއެއްޗެހި ތައްޔާރުކޮށް ނިމިއްޖެއެވެ. ކެންޒާ ފެނުމާއެކު ސެހްރާނު ފުރަތަމަ ވެސް ކުރި ސުވާލަކީ ލައިތަށް ކިހިނެއްތޯވީއެވެ.

"އޭނާ ކޮބާ؟" ޖެހިލުންވުން އެއްފަރާތްކޮށް ކެންޒާ ސުވާލުކުރިއެވެ. ސުވާލުން ފުރިގެންވީ ބެލުމެއް ސެހްރާނު ބަދަލުކޮށްލިއެވެ.

"ލައިތު ބުނި ސެހްރާނަށް އެނގެޔޭ. އެހެންވެ މިއަހަނީ... އޭނަ ފޯނެއް ވެސް ނުނަގާ. ރުޅިއައީ ކީއްވެކަމެއް ނޭނގެ. ސެހްރާނު ނޫނީ އޭނާގެ ވާހަކަ އަހާނޭ އިތުރު މީހަކުނެތް. ޕްލީޒް... ލައިތުއާ ބައްދަލުކުރަން އަހަރެން ބޭނުން." ކެންޒާ ބުންޏެވެ.

"އަހަންނާއެކު ދާން ކެރޭނެތަ؟." ވިސްނަން ހުރެފައި ސެހްރާނު ބުންޏެވެ.

"ކޮންތާކަށް؟" ކެންޒާއަށް އަހާލެވުނެވެ.

"ލައިތު ހުރިތާކަށް. މިގަޑި އޯކޭތަ؟" ސެހްރާނު ބުންޏެވެ. ކެންޒާ ނިކަން އަވަސްއަވަސް ބޯޖަހާލީ ކެތްމަދުވެފައި ހުރި މީހަކު ފަދައިންނެވެ. ސެހްރާނަށް ހީނލެވުނެވެ.

ކާރުގެ ތަޅުދަނޑި ހިފައިގެން ސެހްރާނު ނުކުންނަންވީއިރު ކެންޒާ ހުރީ ގޭޓު ކައިރީއެވެ. ދެ ޒުވާނުން އައިސް ކާރަށް އެރިއެވެ. އެމީހުންގެ މިސްރާބު ހުރީ ހުޅުމާލެއަށެވެ.

"އޭނާ ގެއަށް ނާންނާތީ އަހަންނަށް ވެސް ހީވެފަ މިހުންނަނީ ކަމެއްވެއްޖެހެން. ހީ އިޒް ވެރީ މަޗް އިން ލަވް ވިތް ޔޫ. އެއްވެސް އިރަކު ލައިތަކީ އެހާ އޯޕަން މީހެއްނޫން. ފަހަރެއްގައި ކެންއަށް އެކަން ވެދާނެ. އޭނާ އަދިވެސް އަހަރެމެންގެ ޢާއިލާއަށް އާދަނުވާ ކަހަލަ." ސެހްރާނު ބުންޏެވެ.

"އޭނާ އެކަންޏެއް ނޫން ލޯބިވަނީ. ކީއްވެ އެންމެންގެ ތެރޭ އުޅެން އާދަނުވާންވީ. މިހުރިހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުނީމަތަ؟" ކެންޒާގެ ވާހަކަތަކުން ސެހްރާނު ބުނި އެއްޗެއް ދޭހަނުވާކަން އޭނާ ދެނެގަތެވެ.

"ލައިތު ކިޔާނުދޭ ކަމެއް އަހަރެން ކިޔާދިނުން ރަނގަޅެއްނުވާނެ. ކެން... އިން ފިއުޗާރ ވާނޭ ގޮތެއް ނޭނގޭނެ، އެހެންވިޔަސް އަހަރެން އުންމީދުކުރަނީ ލައިތުއާއެކު ކެން ހުންނާނެކަމަށް. ހީ އިޒް އަ ޑިފިކަލްޓް ޕާސަން، އޭނާ ދޫކޮށްނުލައްޗޭ. ފަހަރެއްގައި އޭނާއާ ދުރަށް ދާނޭ އެތައް ބަހަނާއެއް އޭނާ ކެންއަށް ދީފާނެ، އެހެންވިޔަސް ކެން އޭނާ ދޫކޮށްލަން ބޭނުންނުވާކަން ބުނެދެއްޗޭ." ސެހްރާނުގެ ވާހަކަތަށް ކެންޒާ އިނީ ސަމާލުކަން ދީގެންނެވެ. އޭނާ ލައިތުއާ ވަކިވާން ބޭނުންނުވިޔަސް ލައިތު އޭނާއާ ވަކިވެއްޖެނަމަ ދެން ހަދާނީ ކިހިނެއްބާއޭ ކެންޒާގެ ހިތަށް އެރިއެވެ.

އިމާރާތުގެ ޕާކިން ސަރަޙައްދުގައި ކާރު ބާއްވާފައި ސެހްރާނާއެކު އެ އިމާރާތުގެ އެލެވޭޓާއަށް ކެންޒާ އެރިއެވެ. އެތަނުގެ ޕެންޓްހައުސްގައިކަން ލައިތު ހުންނަނީ ސެހްރާނު ބުނީ އެވަގުތެވެ.

ބެލް އަޅާތީ ލައިތު އައިސް ދޮރުކައިރީ ހުރި ކެމެރާއަށް ބަލާލިއެވެ. އިސްޖަހައިގެން ހުރި ޒުވާނާއާއި އިތުރު މީހަކު ފެނުނެވެ. ނަމަވެސް ހުރިގޮތުންނާއި އެ ޒުވާނާގެ އަތް އެމީހަކާ ދިމާއަށް ހުރަސްކޮށްލާފައި ހުރުމުން ކާކުކަމެއް ނޭނގުނެވެ. އެހިނދު ކެމެރާއާ ދިމާއަށް އިސްއުފުލާ ސެހްރާނު ބަލާލިއެވެ.

"ސެހެރް..." ދޮރުހުޅުވާލަމުން ލައިތު ބުންޏެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ސެހްރާނުގެ ދާދި ގާތުގައި ހުރި ކެންޒާއަށެވެ. ސްވެޓްޕޭންޓްސްގައި ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއެކު ލައިތު ހުރި ގޮތް ފެނުމުން ކެންޒާގެ ހިތް އަވަސްވެލިއެވެ.

"އަހަރެން އޭނާ ގެނައި. ރައްޓެހިވެގެން އުޅެން ބޭނުމެއްނޫނޭ ރީތިކޮށް ކެން ގާތު ބުނަންވީނު. އަހަންނަށް ބްރޭކްއަޕް ވާންކަން ލައިތު ބޭނުންވަނީ." ސެހްރާނަށް އެނގި ހުރެ ދޮގު ތުހުމަތެއް ލައިތު ބޮލުގައި އެޅުވިއެވެ.

"ވަޓް؟..." ސެހްރާނު ބުނި އެއްޗަކުން ލައިތަށް ވެސް ލިބުނީ ހައިރާންކަމެވެ. ލައިތު ފެނުމުން ކެންޒާއަށް ޖަޒުބާތުތަކެއް ނުހިފެއްޓުނެވެ. ދެމީހުންވަކިވާން ލައިތު ބޭނުންވަނީބާއޭ ހިތަށް އެރުމުން ކެންޒާ ފެންކަޅިވެއްޖެއެވެ. ލައިތު ބޭނުންވާގޮތް ސެހްރާނަށް އޮތީ އެނގިފައޭ ކެންޒާއަށް ހީވީއެވެ.

"އިޓްސް އޯކޭ ސެހެރް، ޓޭކް މީ ހޯމް..." އިސްޖަހާލަމުން ސެހްރާނުގެ އަތަށް ދަމާލިއެވެ. އެހިނދު ސެހްރާނު އެއްފަރާތަށް ކޮށްޕާލުމާއެކު ނުހަނު އަވަހަށް ކެންޒާގެ އަތް ސެހްރާނުގެ އަތާ ވަކިކޮށްލައިފިއެވެ. އަދި ހަލުވިކޮށް ކެންޒާގެ އަތަށް ދަމާލުމާއެކު ލައިތުގެ އެޕާޓްމެންޓަށް ވަދެ ދޮރުލެއްޕިއެވެ. އެމަންޒަރު ބަލަން ހުރެފައި ސެހްރާނު ހޭން ފެށިއެވެ. ދޮރުގައި ތަޅައިގަތުމާއެކު އޭނާ އަދިވެސް ހުރީ ބޭރުގައޭ ސެހްރާނު ބުންޏެވެ. އެއާއެކު ދޮރުކައިރިން ލައިތުގެ ބާރު އަޑު އިވުނެވެ. ސެހްރާނު އެނބުރި ގެއަށްދާން ލައިތު އަމުރުކުރިއެވެ.

(ނުނިމޭ)