ދީނީ އިލްމުވެރިން

ހަ މަސްވީއިރު އިލްމުވެރިންނާ ސީޕީ ބައްދަލެއް ނުކުރެއްވި

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގެ މައްސަލާގައި ކޮމިޝަނަރު އޮފް ޕޮލިސްއާ ބައްދަލްކުރެއްވުމަށް އިލްމުވެރިންގެ ގުޅުމުން މީގެ ހަ މަސް ދުވަސްކުރިން ފޮނުވި ސިޓީއަށް އަދިވެސް ޖަވާބު ލިބިފައިނުވާތީ އެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިލްމުވެރިންގެ ގުޅުމަކީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެފަދަ ބޭދީނީ އަމަލުތަކާއި ދެކޮޅަށް ހުރިހާ ދީނީ އިލްމުވެރިން އެކުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ހަރަކާތެކެވެ.

އެ ހަރަކާތުން މިއަދު ބުނީ މިދިޔަ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ކޮމިޝަނަރު އޮފް ޕޮލިސްއާ ބައްދަލްކުރެއްވުމަށް އެދި ރާއްޖޭގެ ދީނީ އިލްމުވެރިން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއަށް އަދިވެސް ޖަވާބެއް ދީފައިނުވާ ކަމަށާ އެހެން ކަމުން އެ ސިޓީއަށް ޖަވާބެއް ދިނުން އަވަސް ކޮށްދިނުމަށް އެދި އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެމްޑީއެން ރިޕޯޓްގައިވާ ދީނާ ހިލާފު ވާހަކަތައް އާންމުންގެ ސަމާލުކަމަށް ގެނައީ އިލްމުވެރިންނެވެ. އަދި އެ ޖަމާއަތަށް ފިޔަވަޅު އަޅާ އެ ޖަމާއަތް އުވާލާފައިވަނީ އިލްމުވެރިންނާއި ރައްޔިތުން ކުރި ޕްރެޝަރުގެ ސަބަބުންނެވެ. އެ ޖަމާއަތް އުވާލި ނަމަވެސް ބޭދީނީ އެ ރިޕޯޓް ލިޔުނު މީހުންނަށް އަދިވެސް ފިޔަވަޅެއް ނާޅައެވެ.

މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީވެސް ކުރިން އެމްޑީއެންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ޖަމާއަތް ތަމްސީލް ކުރުމަށް ބައެއް ބައްދަލްވުމުގައި ހަމީދު ބައިވެރިވެވަޑައިވެސް ގެންފައިވެއެވެ. ނަމަވެސް ސީޕީގެ މަގާމަށް ވަޑައިގަތުމަށްފަހު އެމްޑީއެންގެ އެއްވެސް ހަރަކާތެއްގައި ހަމީދު ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.