އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި މަސައްކަތް ކުރި ގިނަ މީހުން "ރިބްރޭންޑް" ވެފައިވާ ކަމަށް ވިދާޅުވެ ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދަށް، ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު މީދު ކުރިން ވަނީ އެމްޑީއެން ތަމްސީލް ކުރަން އެކި ބައްދަލުވުންތަކުގައި ބައިވެރި ވެފައެވެ. އަދި "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައާއި ގުޅިގެން އިލްމުވެރިންގެ އެދިވަޑައިގަތުމަކަށް އިލްމުވެރިންނާ ވެސް ބައްދަލު ކުރައްވާފައި ވެއެވެ. އެއީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
އެ ބައްދަލުވުމަށް އިޝާރާތް ކުރައްވާ ދިޔާނާ ރޭ ވިދާޅުވީ ސީޕީ އިހަށް ދުވަހު އިންނެވީ ފޯރަމް ތަކުގައި އެމްޑީއެން ތަމްސީލް ކުރައްވަން ކަމަށާ މިއަދު އެ އިންނެވީ އެމްޑީއެންއާމެދު ފިޔަވަޅު އަޅައި އެ ފިޔަވަޅުތައް އިލްމުވެރިންނަށް ތަފްސީލްކޮށް ދެއްވާން ކަމަށެވެ.
"ރައްޓެއްސަކު މި [ހަމީދު އިލްމުވެރިންނާ ބައްދަލު ކުރައްވާ ފޮޓޯ] ފޮނުވީމަ އަޅުގަނޑު ހިތަށް އެރި ސީޕީ ހަމަ ރަނގަޅޭ. ރާއްޖޭގައި 'ޗަލާނީ' މި ވަރަށް ސްމާޓް ވެގެނޭ،" ހަމީދަށް ފާޑުވިދާޅުވެ ދިޔާނާ ލިޔުއްވާފައި ވެއެވެ.
ދިޔާނާ ވިދާޅުވީ އޭނާ ފަދަ އެމްޑީއެންއާ ގުޅުމެއް ނެތް މީހުންގެ ގައިގައި ބަޔަކު ލާދީނީ ތައްގަނޑު ޖަހާފައިވާއިރު އެ ޖަމިއްޔާގައި މަސައްކަތް ކުރި މީހުން މިއަދު ތިބީ ރިބްރޭންޑް ވެގެން ކަމަށެވެ.
"މި ކަމެއްވެސް ނިމުނުއިރު އަޅުގަނޑުމެން ފަދަ އެމްޑީއެންއާ އެއްވެސް ބާވަތެއްގެ އެއްވެސް މިންވަރެއްގެ ގުޅުމެއް އެއްވެސް ޒަމާނެއްގައި ނެތް މީހުންގެ ގައިގައި އެމްޑީއެންއާ ގުޅުވައިގެން ލާދީނީ ތައްގަނޑު ޖެހުނުއިރު އެ ޖަމިއްޔާގައި މަސައްކަތް ކުރި ގިނަ މީހުން ރިބްރޭންޑް ވެގެންފި،"
އެމްޑީއެންގައި ސީޕީ ކުރިން މަސައްކަތް ކުރައްވާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ފުލުހުން ވަނީ، މަގާމަށް ވަޑައިގެންފަހުން ސީޕީއާ އެމްޑީއެންއާ އެއްވެސް ގުޅުމެއް ނެތް ކަމަށާ އަދި އެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ހަރުކަށި ހައްދުފަހަނައަޅާފައިވާ އެމްޑީއެން އުވާލި ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން އަދިވެސް ދަނީ ބަޔާންތައް ނެރެ، ހަރަކާތްތެރިވާއިރު އޭގެ ގިނަ ބޭފުޅުން ދައުލަތާއި ސަރުކާރުގެ އިސް ވަޒީފާތަކުގައި އެބަތިއްބެވި އެވެ.