ރޮޒައިނާ އާދަމް

ސަފާރީ ރޭޕް ކޭސްއާ މީޑިއާ ޖޫރިމަނާގެ ގަވާއިދާ ގުޅުމެއް ނެތް: ރޮޒައިނާ

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ގަވާއިދެއް އެކުލަވާލަން މޯލްޑިވްސް މީޑިއާ ކައުންސިލްއަށް އެންގުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލައި މިދިޔަ ބުދަ ދުވަހުގެ ކުރިން ފޮނުވުމަށެވެ. އެ ގޮތަށް އެކުލަވާލާ ގަވާއިދާ ހިލާފުވާ މީޑިއާތައް 2،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް މީގެ ކުރިން އެމްއެމްސީން ފާހަގަ ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެ އެވެ.

އެކަމަކު މަޖިލީހުން އެދިފައިވާ ގަވާއިދު އެކުލަވާލުމުގެ ގޮތުން އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ތާވަލުކުރެއްވި ބައްދަލުވުން ހޫނުވެފައިވާ ކަމަށް އެނގިފައިވެ އެވެ. 15 މެންބަރުން ތިބޭ ކައުންސިލްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އެ ގަވާއިދު އެ ގޮތަށް ފާސްނުވި ކަމަށް މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީޑިއާއަކުން ދޮގު ހަބަރު ފެތުރުމުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގަވާއިދެއް ހެދުމުގެ ވާހަކަ މަޖިލީހުގެ ކޮމިޓީގައި ދައްކާފައި އޮންނާނީ ރޭޕް ކޭސްއަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅޭ ދޮގު ވާހަކަތަކެއް ބައެއް މީޑިއާތަކުން ފެތުރުމުން އެމްއެމްސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއް ކަމަށެވެ.

"މީގެ އެތައް މަހެއް ކުރިން ބޭއްވި އެ ދުވަހުގެ ކޮމިޓީގައި މީޑިއާ ކައުންސިލުން ބުނީ އެ ގޮތަށް ]ޖޫރިމަނާ ކުރެވޭ ގޮތަށް] ގަވާއިދު ބަދަލުކޮށްފަ ކޮމިޓީއަށް ހިއްސާ ކުރާނެ ކަމަށް. ރޭޕް ކޭސްއަކާ ގުޅިގެން ޖޫރިމަނާ ކުރާކަށް ނުބުނޭ. އެއް ސިޓީގައި އޮތަސް މުޅިން ދެ ކަމެއްގެ ވާހަކަ. ރޭޕް ކޭސްއަކާ ގަވާއިދާ ގުޅުމެއް ނެތް." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އެހެން ވިދާޅުވި ނަމަވެސް މަޖިލީހުން އެމްއެމްސީއަށް ފޮނުވި ސިޓީގައި، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތަކުގެ ވާހަކަ ބުނެފައިވެ އެވެ. އެ ގޮތުން މީޑިއާތަކުން ތަފާތު އެކި ގޮތްގޮތަށް އެކަމާ ގުޅޭ ހަބުރުތައް ފަތުރަމުންދާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރި މީޑިއާތަކުގެ މައްސަލަ ބަލަންވެސް ވަނީ އަންގާފައެވެ.

ސަފާރީ ރޭޕް ކޭސްގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކުރުމަށް ފަހު، އެ ދެ މީހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. މިކަމާ ގުޅިގެން ފުލުހުންނަށާއި ސަރުކާރަށް ބޮޑެތި ފާޑިކިއުންތައް އަމާޒުވެފައިވެ އެވެ. އެ ގޮތުން އެ މީހުން ދޫކޮށްލީ އެއީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބަޔަކަށް ވާތީ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް އެ މީހުން ދޫކޮށްލީ ނުފޫޒަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުނެ އެވެ.