މިސްކިތް

މާވެޔޮ މިސްކިތް ހުޅުވައިފި

އަލް މަސްޖިދުލް އަލީ ހުސައިން (މާވެޔޮ މިސްކިތް) މިއަދު ހުޅުވައިފި އެވެ.

މިއަދު އަސުރު ނަމާދަށް އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މާވެޔޮ މަގުގައި، ކުރީގައި ހުރި މިސްކިތް ތަޅާލުމަށްފަހު އިމާރާތް ކޮށްފައިވާ ހަތް ބުރީގެ މި މިސްކިތަކީ މިވަގުތު މާލޭގައި ހުރި އެންމެ ރީތި އެއް މިސްކިތެވެ.

މާވެޔޮ މިސްކިތް ފަރުމާކޮށް އަދި އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. އަދި މި މިސްކިތުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ.

މި މިސްކިތަކީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު، އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި މިސްކިތެކެވެ. މިސްކިތުގެ ނަންވެސް ހާއްސަކޮށްފައިވަނީ އޭނާގެ ބައްޕަގެ ނަމަށެވެ.

މާވެޔޮ މިސްކިތުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި މުޅި މިސްކިތަކީ އެއްކޮށް އެއާކޮންޑިޝަން ކޮށްފައިވާ ތަނެކެވެ. އަދި މިސްކިތަށް ގެނައި ބަދަލުތަކާއެކު މިސްކިތް ޓެރަސްއާއެކު ހަތް ބުރިއަށް ހަދާފަ އެވެ. އަދި މީހުންނަށް ލިފްޓް ބޭނުން ކޮށްގެން އަރައި ފޭބޭ ގޮތަށް ފަރުމާ ކޮށްފައިވެ އެވެ.

މިސްކިތުގައި އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާނެ ބަޔަކާއި ފާހާނާ ހަދާފައިވެ އެވެ. މުޅި މިސްކިތުގައި ސީސީ ޓީވީ ހަރުކޮށްފައިވާއިރު، މިސްކިތުގައި ހަތަރު ގުއްބު ހުރެ އެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ވަޒީރު އުމަރު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.